Roadha Mihaaru
އެންމެ ބޮޑު ހިޔާނާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން

ދިވެހިންނަށް އެންމެ ބޮޑު ކެއްސެއް ދިން މުއާމަލާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން: ރައީސް ޔާމީން

28 އޯގަސްޓް 2018

ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މައި އެއާޕޯޓް 25 އަހަރަށް ޖީއެމްއާރާ ހަވާލުކުރީ، އެ މުއާމަލާތުގެ މައުލޫމާތު ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން ކަމަށެވެ. އަދި އެއީ ފަހުގެ ތާރީޚުގައި ދިވެހި ދައުލަތުގެ އިސްވެރިންތަކެއް ހިންގި އެންމެ ވިޔާނުދާ އަދި ދިވެހިންނަށް އެންމެ ބޮޑު ކެއްސެއް ދިން މުއާމަލާތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެމަނިކުފާނަށް "ހުރިހާ ލޮޓިއެއް" ވެސް އައީ ޖީއެމްއާރަށް އެއާޕޯޓު ދިނުމާ ދެކޮޅަށް އިސްވެ މަސައްކަތް ކުރެއްވުމުންނެވެ. އަދި ފަހުން، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާ ގުޅޭ ގޮތުން ބޭއްވެވި ބައްދަލުވުން ދޫކުރައްވައި ވަޑައިގަތީ ވެސް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަންތައްތަކެއް ހުރުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދުށް ސިޔާސީ ލީޑަރުންގެ ތެރެއިން [އެ ބައްދަލުވުމުގައި] އަޅުގަނޑާ އެކު އާނބަސް ވިދާޅުވާން ކެރުނު ހަމައެކަނި މީހަކީ ގައުމީ ޕާޓީގެ ހަސަން ސައީދު. ވަކި ހިސާބަކަށް [ބައްދަލުވުމުގައި] ވާހަކަ ދެއްކީމާ އަޅުގަނޑު ދެންނެވިން، އަޅުގަނޑު މި އައީ ތި މައްސަލަ ތި ގޮތަށް އަޑުއަހާކަށް ނޫނޭ. އަޅުގަނޑަށް ފުދިއްޖެއޭ. އަޅުގަނޑު ނުކުމެގެން ދަނީއޭ. އަޅުގަނޑު އެއްބަހެއް ނުވާނަމޭ ޖީއެމްއާރު އަތުގައި އެއާޕޯޓު ބާއްވާކަށް،" އޭރުގެ ރައީސް ވަހީދު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވި ވަޑައިގެންނެވި މައްސަލަ ސާފުކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ހުރީ އަޅުގަނޑުގެ ގޮތުގައި. އެއީ އަޅުގަނޑުގެ ޕާޓީ ބޭނުމެއް ނުވޭ ޖީއެމްއާރު އަތުގައި އެއާޕޯޓު އޮންނާކަށް. އަޅުގަނޑަށް އޭރު އެމްޑީޕީން ކުރި ހުރިހާ ފުރައްސާރައެއް، ހުރިހާ އުނދަގުލެއްގެ އަސްލަކަށް ވީ މިކަން."

ރައީސް ވިދާޅުވީ އެމަނިކުފާނަށް "ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ" ޖީއެމްއާރުގެ މައްސަލަ ހިނގި ގޮތް ބަލަން ޖެހޭ ކަމަށެވެ.

ވަހީދުގެ ވެރިކަމުގައި، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަައި އެއްބަސްވުން ބާތިލް ކޮށްފައިވާއިރު، ބަދަލުގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޖިއެމްއާރުން ދިވެހިންނަށް ލައްކަ ހުވަފެން ދެއްކި އެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްއޭސީއެލް އަތުން އެއާޕޯޓު ނެގުމުން އެ ކުންފުންޏަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، މަތިންދާބޯޓަށް އަޅާ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީގެ 15 ޕަސެންޓް އެމްއޭސީއެލް އަށް ދިނުމެވެ. އަދި އެ އަދަދު 25 ޕަސެންޓަށް މަތިކުރަން ވެސް ޖީއެމްއާރުން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ކަން ހިނގީ އެހެން ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ރިސްކެއް އެމީހުންނެއް ނުއުފުލާ. އެއާޕޯޓު ހިންގަން ފައިދާ ހޯދަން ދިމާކުރި ގޮތަކީ، ރާއްޖޭގެ އެއާޕޯޓުން ލިބޭ ހުރިހާ އާމްދަނީއެއް ފުރަތަމަ އެ މީހުންނަށް ލިބެނީ. އެހެންވީމާ އެމްއޭސީއެލް އަށް ލިބޭ އާމްދަނީގެ ތެރެއިން ތެލުގެ އާމްދަނީން އެމްއޭސީއެލް އަށް ދޭނެ ފައިސާގެ ވާހަކަ މި ދެންނެވީ. ފުރަތަމަ 15 ޕަސެންޓް. ދެން 25 ޕަސެންޓު،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެއާޕޯޓުން ފުރާ މީހުންގެ އަތުން ތަފާތު ނަންނަމުގައި ފައިސާތައް ނަގަން އުޅުނު ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓުގެ މުއާމަލާތާ ގުޅޭ ކަންކަމަށް ހައްލެއް ހޯދުމަށް ނަޝީދުގެ ސަރުކާރުން އޭރުގެ ފިނޭންސް މިނިސްޓަރާ ހަވާލުކުރި ނަމަވެސް އޭނާ ހުންނެވީ އެކަމަށް ނުކުޅެދިފައި ކަމަށެވެ.

"ޖީއެމްއާރުން އެއްބަހެއް ނުވި އެއްވެސް އެއްޗެއް ދޭކަށެއް. އޭގެ ނަތީޖާ އަކަށް ވީ މި ދެންނވެި ކަންކަމުން އެކަނި، އަޅުގަނޑުގެ ހިސާބު ރަނގަޅު ކަމަށް ވަންޏާ ގާތްގަނޑަކަށް 1.2 ބިލިއަން އެމްއޭސީއެލް އަށް ގެއްލުން ވެގެން ދިޔައީ. އެހެންވީމާ، މިއީ ކަނޑައެޅިގެން ހިންގާފައި އޮތް ޖަރީމާއެކޭ ދަންނަވަން ޖެހެނީ މިހެން ވެގެން. އެމީހުންގެ އަތުން [ޖީއެމްއާރު] އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް ނެތް. އަޅުގަނޑުމެންގެ އެއާޕޯޓަށް 78 މިލިއަން ޑޮލަރު [ޖީއެމްއާރު] ން ލިބުނު ކަމަށް މި ދައްކަނީ. އޭގެ ފައިސާގެ ހުރިހާ ތަފުސީލެއް ވެސް ނޭނގޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ރައީސް ވިދާޅުވި ގޮތުގައި، ޖީއެމްއާރުގެ މުއާމަލާތުގެ ތެރެއިން ސަރުކާރަށް ގެއްލުންތަކެއް ވަމުން ދިޔައިރު އެކަންކަން ހުއްޓުވުމުގެ އެއްވެސް ގާބިލް ކަމެއް ނަޝީދުގެ ސަރުކާރުގައި ނެތެވެ.

"އެހެންވެ މި ދެންނެވީ މިއީ ބޮޑު ފްރޯޑެކޭ. ހަމަ އެނގި ތިބެގެން، ސަރުކާރުގެ ބާރު ނޯންނަ ގޮތަށް ކޮށްފައި އޮތް ކަމެއް މިއީ. އެހެންވީމާ، މި މައްސަލަ ކީއްވެތޯ ނުބަލަންވީ؟ މި މައްސަލަ [އިދިކޮޅު ކޯލިޝަނަކަށް] ނުބެލޭނެ. މި މައްސަލަ ބަލާނީ ވެސް އަޅުގަނޑުމެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިދިޔަ 35 އަހަރުގެ ތެރޭގައި، ދައުލަތަށް ލިބެން ޖެހޭ 22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ "ފޭދިގެން ގޮސްފައިވާ" ކަމަށެވެ.

އަދި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލިފައިވާ 1.2 ބިލިއަން ރުފިޔާ އާއި އޭގެ ކުރިން 35 އަހަރުގެ ތެރޭގައި ހިނގާފައި ހުރި މައްސަލަތަކުގެ އަންދާޒީ ހިސާބުތައް އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، 22،000 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް ނުލިބި ވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ރައީސް ޔާމީން އުފެއްދެވި ކޮމިޝަނެކެވެ. ސަރުކާރުގެ ބައެއް ވަޒީރުން ތިއްބަވާ ކޮމިޝަންގެ ބޭނުމަކީ މީގެ ކުރިން ނެރެފައި ހުރި އޮޑިޓް ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމެވެ.

ކޮމިޝަނުން ބަލަމުން އަންނަ ބޮޑެތި ބައެއް މައްސަލަތަކުގެ ތެރޭގައި މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ ހިމެނެ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނާއި ބޭރުގެ އެހީ ނުހޯދައި ރާއްޖެ އަށް ލިބޭ އާމްދަނީ އަކީ ގާތްގަނޑަކަށް 14-15 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ދޮޅު އަހަރުގެ މަސައްކަތުން، ރާއްޖެ އަށް ލިބޭނެ އާމްދަނީއާ އެއްވަރުގެ ފައިސާ ފޭދިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު އެ ވާހަކަ ވެސް ދައްކަން ކެރުނީ. އަދި އެކަން ވެސް ބަލަން ކެރުނީ އަޅުގަނޑުމެންގެ ސަރުކާރަށް،" ދުވާފަރުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.