Roadha Mihaaru
"އަފްރާޝީމްގެ މަރު ސިފަކުރެވުނީ މުސީބާތެއްގެ ގޮތުގައި"

އަފްރާޝީމްގެ އުސްތާޒް: އެ މަރު ސިފަކުރެވުނީ މުސީބާތެއްގެ ގޮތުގައި

05 އޮކްޓޯބަރ 2017

ކުޑައިރުންސުރެ ތައުލީމަށް ހާއްސަ ލޯތްބެއް ބެހެއްޓެވި ޑރ. އަފްރާޝީމް އަލީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ފެއްޓެވި މަތީ ތަޢުލީމުގެ ރޭސް ނިންމަވައިލެއްވީ އުސޫލުލްފިޤުހުގެ ރޮނގުން، ދިވެހި ދަރިޔަކު ހޯދި ފުރަތަމަ ޕީއެޗްޑީގެ ޝަރަފު ހާސިލުކުރައްވާފަ އެވެ. އަފުރާޝީމަކީ އޭނާގެ ތައުލީމީ ޙަޔާތްޕުޅުގެ ފަހު އަހަރުތަކުގައި ޔުނިވާސިޓީ މިސްކިތުގެ އިމާމު ވެސް މެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުޑައިރުންސުރެ ތައުލީމަށް ހާއްސަ ލޯތްބެއް ބެހެއްޓެވި ޑރ. އަފްރާޝީމް އަލީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ފެއްޓެވި މަތީ ތަޢުލީމުގެ ރޭސް ނިންމަވައިލެއްވީ އުސޫލުލްފިޤުހުގެ ރޮނގުން، ދިވެހި ދަރިޔަކު ހޯދި ފުރަތަމަ ޕީއެޗްޑީގެ ޝަރަފު ހާސިލުކުރައްވާފަ އެވެ. އަފުރާޝީމަކީ އޭނާގެ ތައުލީމީ ޙަޔާތްޕުޅުގެ ފަހު އަހަރުތަކުގައި ޔުނިވާސިޓީ މިސްކިތުގެ އިމާމު ވެސް މެ އެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ އުފެއްދުންތެރި، ހީވާގި، ދީނީ އެއް އިލްމުވެރިޔާ މީގެ ފަސް އަހަރު ކުރިން އެއްވެސް ރަހުމެއް ނެތި އަވަހާރަކޮށްލާފައިވާ އިރު އޭނާގެ އުސްތާޒު، ޕްރޮފެސަރު އާރިފަށް އެއީ އަމިއްލަ ދަރިކަލެއް ފަދަ ބޭފުޅެކެވެ. އެހެންކަމުން، އަފްރާޝީމް އެގޮތަށް އަވަހާރަކޮށްލި ހަބަރުން އެކަން ފުރަތަމަ ސިފަކުރެއްވުނީ "ކުރިމަތިވި މުސީބާތެއްގެ ގޮތަށެ"ވެ.

ޑރ. އަފްރާޝީމް އޭނާގެ ދަރިކަލަކާ އެކު

ޑރ. އަފްރާޝީމް އޭނާގެ ދަރިކަލަކާ އެކު

"އަފްރާޝީމް އަވަހާރަކޮށްލި ހަބަރު ލިބުމުން ހީވީ އުޑުން ބޮޑު މުސީބާތެއް ފައިބައިގެން ދިޔަހެން. އަޅުގަނޑު ވަރަށް ލޯބިވާ ދަރިވަރެއް އެއީ. އަޅުގަނޑު ވަރަށް އުންމީދުކުރި ދަރިވަރެއް އެ ދަރިވަރަކީ. މި ހަބަރު ލިބުމުން ފުން ހިތާމައެއް ކުރެވުނު،" ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި އިންޓަވިއުގައި އާރިފް ވިދާޅުވި އެވެ.

ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އަފްރާޝީމް އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދެއްވުމަށް ކަން ޕްރޮފެސަރަށް އޮތީ އެނގިވަޑައިގެންފަ އެވެ. އެގޮތުން ތަފާތު ވަސީލަތްތައް މެދުވެރިކުރައްވައި ދީނީ އަގުހުރި ދަރުސްތަކާއި ނަސޭހަތްތައް ދެއްވިކަން އާރިފް ފާހަގަކުރެއްވި އެވެ. އެކަމަކު އެއްވެސް ކަހަލަ ނުރައްކަލެއް އަފްރާޝީމަށް ކުރިމަތިވެވަޑައިގެންފާނެ ކަމަށް އެއްގޮތަކަށް ވެސް ހިއެއްނުކުރައްވަ އެވެ.

"އެއްވެސް ނުރައްކަލެއް އޮތް ކަހަލަ ހިޔާލެއް ވެސް އޮތް ހެނެއް އޭރަކު ހިއެއް ނުވޭ. އެކަހަލަ ވާހަކައެއް ވެސް ނުދައްކާ. އޭނާގެ ދުޝްމަނުން ތިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޕުރޮފެސަރު ވިދާޅުވި އެވެ.

ކެތްތެރިކަމާ އެކު ކުރިއަށް ދިއުމަށް ނަސޭހަތްތެރިވިން

އާރިފަށް އަފްރާޝީމް ފާހަގަކުރެއްވުނީ ދީނަށް ވަރަށް ލޯބިކުރެއްވި އަދި ކަންކަމުގައި ވަަރަށް ބާރަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ދީނީ ކަންކަމުގައި ކެތްތެރިކަމާ އެކު ކުރިއަށް ވަޑައިގަތުމަށް ތަކުރާރުކޮށް އަފްރާޝީމަށް ނަސޭހަތްދެއްވި ކަމަށް ވިދާޅުވި އެވެ.

ޕްރޮފެސަރު އާރިފް (މ)، އަރަބިން ދެއްވި އިންޓަވިއު، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ، "މިހާރު" އަށް ތަރުޖަމާކޮށްދެއްވަނީ - މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޕްރޮފެސަރު އާރިފް (މ)، އަރަބިން ދެއްވި އިންޓަވިއު، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ، "މިހާރު" އަށް ތަރުޖަމާކޮށްދެއްވަނީ - މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ބައެއް ކަންކަމުގައި އެކަންކަން ކުރިއަށް ގެންދަން ޖެހޭ ގޮތަށް ވުރެ ބާރު މިނުގައި ގެންދަން ފޯރި ހުންނަ ބޭފުޅެއް އެއީ. ދީނީ ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމުގައި ވެސް އެފޯރި އެހާ ވަރަށް ހުންނާތީ އަޅުގަނޑު އަފްރާޝީމަށް ނަސޭހަތްތެރިވިން ދީނީ ކަންކަމުގައި، ދީނީ މައްސަލަތަކުގައި އަދި ދީނީ ގޮތުން އުފެދޭ ހިލާފްތަކުގައި ވެސް ވަރަށް ކެތްތެރިކަމާއި ސާބިތުކަމާއި ހިކުމަތްތެރިކަމާ އެކުގައި ދިއުމަށް،" އާރިފް ވިދާޅުވި އެވެ.

ވަކި މަގާމެއް ހޯއްދެވުމުގެ ވިސްނުމެއް ނެތް

އަފްރާޝީމްގެ މާސްޓާސް އާއި ޕީއެޗް.ޑީގެ ތީސީސް ހެއްދެވުމުގައި އިރުޝާދު ދެއްވީ ޕްރޮފެސާ އާރިފް އެވެ. އަފްރާޝީމްގެ މާސްޓާސް ތީސީސް ލިޔުއްވީ ހެކިވެރިޔާގެ އަދުލުވެރިކަމުގެ މައްޗަށެވެ. ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައިވަނީ ވެރިން ޒިންމާދާރު ކުރުމާ ބެހޭ ގޮތުންނެވެ. އެހުރިހާ ދިރާސާއެއް ހެއްދެވުމުގައި ވެސް ގެންގުޅުއްވީ ހިކުމަތްތެރިކަމާ އެކު އިސްލާހުގެ މަގުން ގައުމުގެ މަސްލަހަތަށް އިސްކަންދެއްވައިގެން ކަންކަން ކުރުމަށެވެ. އަދި ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިގަތުމުގެ އެއްވެސް ހުވަފެނެއް އަފްރާޝީމް ދެކެވަޑައިގެންކަމުގެ މައުލޫމާތެއް އާރިފަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.

"އެއްވެސް ވަރަކަށް ފާހަގައެއް ނުކުރެވޭ ސިޔާސީ ބޮޑު މަގާމަކަށް ދިއުމަށް އުންމީދުކުރި ކަމަކަށް. ސިޔާސީ ބޮޑު ވަޒީފާއެއް، [މިސާލަކަށް] ގައުމުގެ ރައީސްކަން ނުވަތަ މަޖިލިސް މެމްބަރުކަން ބޭނުންވާ ކަހަލަ އިޝާރާތެއް ވެސް ނެތް ކޮށްފައެއް. އެކަހަލަ ވާހަކައެއް ވެސް ނެތް ދެކެވިފައެއް،" އާރިފް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އަފްރާޝީމަކީ އެދުރުންނަށް ކިޔަމަންތެރި، ބުނާބަހުގައި ހިއްޕަވައިގެން ކުރިއަށް ވަޑައިގެންނެވި ދަރިވަރެކެވެ.

"ކިޔެވުމަށް ޝައުގުވެރިވި، ވަރަށް ވިސްނުން ތޫނު ދަރިވަރެއް އެއީ. ހަމަ އެހެންމެ ބުނެދޭ ކަންކަން ވަރަށް ފަސޭހައިން ބަލައިގަނޭ. އެކަންކަމާ އިދިކޮޅަށް ޖަދަލް ކުރުމުގެ ގޮތުން ކަމެއް ނުކުރައްވާ،" އާރިފް ވިދާޅުވި އެވެ.

"އުސްތާޒަކަށް ކުރަން ޖެހޭ އިހުތިރާމްކުރެއްވި، އުސްތާޒަކު ދެއްވާ އިރުޝާދާއި އެހީތެރިކަން ގަބޫލުކުރެއްވި ވަރަށް ކިޔަމަންތެރި ދަރިވަރެއް އެއީ."

އަފްރާޝީމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ޕީއެޗުޑީގެ ކަންކަން ވެސް ބެލެހެއްޓެވީ ޕްރޮފެސަރު އާރިފެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ ދީނީ އެތައް އިލްމުވެރިންނަކަށް، އިސްލާމިކް ޔުނިވަސިޓީގައި ކިޔަވައިދެއްވުމުގެ އުފާ އާރިފް ވަނީ ހޯއްދަވައިފަ އެވެ. އޭނާ ކިޔަވައިދެއްވި އިލްމުވެރިންގެ ޚިދުމަތް ދިވެހި މުޖުތަމައުއަށް ދިގު މާޒީއަކަށް ފެތުރިދާނެކަމުގެ އުއްމީދު އަބަދުވެސް ކުރައްވަ އެވެ. އެކަމަކު އަނިޔާވެރި ގާތިލުންގެ ރަހުމްކުޑަ ހަމަލާތަކެއްގައި، މީގެ ފަސް އަހަރު ކުރިން އޮކްޓޯބަރު 1، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލުމާ އެކު، ދިވެހިންނަށް ބަންދުވެގެން އެ ދިޔައީ، ޒުވާން އިލްމުވެރިއެއްގެ ޚިދުމަތެވެ.

އާރިފްގެ ހިތްޕުޅުގައި އެ ހިތްދަތިކަން އެބަ އޮތެވެ. އަދި ރާއްޖޭގެ އެތައް ބަޔަކު މިހާރު ވެސް ބުނަމުން އަންނަނީ އަފްރާޝީމް ނެތްތަން ފޫބެއްދޭނެ އިލްމުވެރިން ރާއްޖޭގައި އަދިވެސް މަދު ކަމަށެވެ.