Roadha Mihaaru
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ ރިޕޯޓް ފާސްކޮށްފި

ނަޝީދުގެ ގެކޮޅުގައި ހަތިޔާރާއެކު 24 ގަޑިއިރު ސިފައިން ތިބެން ޖެހޭ ގޮތަށް ހުށަހަޅައިފި، ޖުމުލަ 45 ހުށަހެޅުމެއް

08 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ޓެރަރިސްޓް ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ނިންމައި، ރިޕޯޓް ރޭ ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ޓެރަރިސްޓް ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ނިންމައި، ރިޕޯޓް ރޭ ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގިނަ ކަންތައްތަކެއް ބަލާފައި ވެ އެވެ.

ރިޕޯޓު ފާސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ނަޝީދަށް ހަމަލާ ދިން ދުވަހުގެ ކުރިން ކަންތައްތައް ހިނގާފައިވާ ކަންތައްތަކާއި ހަމަލާ ދިން ދުވަހު އަދި އެ ވަގުތު ކަން ހިނގައި ދިޔަ ގޮތް ވެސް އިންކުއަރީގައި ބަލާފައި ވާނެ ކަަމަށެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ އެ ހަމަލާ ދިނުމަށް ފަހު، ކަން ހިނގައި ދިޔަ ގޮތް ވެސް އިންކުއަރީގައި އެކި ގޮތްގޮތުން ބަލާފައިވާނެ ކަމަށާއި ހަަމަލަ އަށް ފަހު ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުން އަމަލުކުރި ގޮތް ވެސް ބަލާފައި ވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އޭޑީކޭއާ ބެހޭ ގޮތުން ބެލި ކަންތައްތަކުގެ ތެރޭގައި ނަޝީދަށް ފަރުވާ ދެމުން ގެންދިޔަ އިރު އެ ހޮސްޕިޓަލްގެ ފާހާނާއެއްގެ ތެރެއިން ފެނުނު ފިސްތޯލައިގެ މައްސަލަ ހިމެނެ އެވެ. އެއީ ނަޝީދު އޭޑީކޭގައި އެޑްމިޓް ކޮށްފައި އޮތް ދުވަސްވަރު އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ސިފައިންގެ މީހަކު ހަނދާން ނެތިގެން ފާހާނާގެ ތެރޭގައި ބޭއްވުނު ފިސްތޯލަ އެކެވެ.

"އެކަމާ ގުޅޭ ގޮތުން ވެސް އަޅުގަނޑުމެން ހަތަރު ކަމެއް ހިމަނާފައި ވާނެ،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންް އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓް ފާސްކުރަން ރޭ ބައްދަލުވުމެއް ބާއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންް އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓް ފާސްކުރަން ރޭ ބައްދަލުވުމެއް ބާއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ސަލާމަތީ ބާރުތަކަށް ލިބޭ އިންޓެލިޖެންސް މައުލޫމާތު ގެންގުޅުމާއި އެއް ބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމުގެ ކަންތައް އޮތް ގޮތްް ވެސް އިންކުއަރީގައި ބެލި އެވެ. ނަމަވެސް އިންޓެލިޖެންސްއާ ބެހޭ ގޮތުން އެއްކުރި މައުލޫމާތުގެ ތެރޭގައި އާއްމު ނުކުރެވޭނެ ބައެއް އޮންނާނެ ކަަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީގެ މުޅި ރިޕޯޓް އަރުވާނީ އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށެވެ.

ގިނަ ހުށަހެޅުންތަކެއް

މި ރިޕޯޓްގައި ޖުމުލަ 45 ހުށަހެޅުމެއް އެބަ އޮތެވެ. އެ ހުރިހާ ހުށަހެޅުންތަކަކާ އެކު ރިޕޯޓް ފާސްކުރީ ކޮމިޓީގެ އިއްްތިފާގުންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހުށަހެޅުންތަކަކީ:

- ނަޝީދު އުޅުއްވާ އަދި ނޫޅުއްވާ ވަގުތުގައި ވެސް އެ މަނިކުފާނުގެ ގެކޮޅަށް ވަދެ ނުކުމެވާ މީހުން ކޮންޓްރޯލްކޮށް ހަތިޔާރާ އެކު 24 ގަޑި އިރު ފޯރިމެރުން.

- ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި، އެކަމަށް މީހުން ތައްޔާރުކުރުން.

- ނަޝީދު ދަތުރުފުޅު ކުރައްވާ ކާރަކީ ސްޓޭންޑާޑް އާމޯޑް ކާރަކަށް ހެދުން.

- ނަޝީދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް އަަހަރަކު އެއް ފަހަރު ވެޓްކުރަމުން ގެންދިއުން

- ނަޝީދުގެ ގެކޮޅުގެ ސީސީޓީވީ ބޭނުންކޮށްގެން މޮނިޓާ ކުރުން.

- އިހުމާލުވީ އަދި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅު އެޅުން.

-ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުން.

- ސިފައިންގެ ހިދުމަތް ޒަމާނީ ކުރުމަށްޓަކައި ގާނޫނަށް ބަދަލުގެނައުން.

- ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުން.

- ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް މީޑިއާތައް ހޭލުންތެރިކުރުވުން.

- އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމްކުރާ އޮނިގަނޑު ގާއިމްކުރުން.

- ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިއްސާކުރާނެ ނިޒާމެއް ވީ އެންމެ އަވަހަކަށްް އެކުލަވައިލުން.

- ޓެރިރަޒަމް ހުއްޓުވަން މަސައްކަތްކުރާ އިދާރާތަކުގެ މެދުގައިވާ ފުށުއެރުންތައް ނައްތައިލުމަށްޓަކައި އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުން.

- އިންޓެލިޖެންސާ ބެހޭ ހާއްސަ ގާނޫނެއް ހެދުން.

- އިދާރާތަކުން ނެރޭ ނަތީޖާއަށް ބަލައި ކައުންޓަ ޓެރަރިޒަމްގެ ބަޖެޓް ކަނޑައެޅުން.

- ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް މުޅި ސަރުކާރާއި މުޖުތަމައު ޝާމިލްވާ "ހޯލް ގަވަމެންޓް، ހޯލް ސޮސައިޓީ އެޕްރޮޗް" ތަންފީޒުކުރުން އަވަސްކުރުން.

- އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީން އެކަމުގައި އަދާކުރާނެ ދައުރު ކަނޑައެޅުން.

ރިޕޯޓް ފާސްކުރުމަށް ފަހު އަސްލަމް ވިދާޅުވީ 241 ކޮމިޓީ އަށް އެވަރުގެ މަސައްކަތެއް ކުރެވުނީ ކޮމިޓީގެ މެމްބަރުން ދެއްވި ސަމާލުކަމުގެ ސަބަބުން ކަމަށެވެ. ކޮމިޓީގެ މެމްބަރުންނަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ އެކި އެކި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގިނަ މެމްބަރުންތަކެއް ކޮމިޓީގައި ހިމެނިވަޑައިގަންްނަވާ ކަމަށާއި އެހެންވެ ކުރެވިފައި އޮތީ ވަރަށް ފެންވަރު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު ހަަމަ ފާހަގަކޮށްލަން ބޭނުންވޭ، ކުރީގެ ޑިފެންސް މިނިސްޓަރެއް އަޅުގަނޑުމެންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ޕޮލިސް ކޮމިޝަނަރެއް އަޅުގަނޑުމެންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރަކީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފެވެ. ކުރީގެ ޕޮލިސް ކަމިޝަނަރަކީ ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގައި ތިއްބެވި އެކި ޕާޓީތަކުގެ މެމްބަރުން، އިންކުއަރީގައި މަސައްކަތް ކުރެއްވީ ޕާޓީތަކަށް ބެލުމެއް ނެތި ގައުމީ ކަމެއްގެ ގޮތުގައި ކަަމަށެވެ.