Roadha Mihaaru
ދަރިފުޅާ ދިމާލަށް "ނޫނެކޭ" ނުބުނާތީ ދަރިން ހަލާކުވަނީ

ދަރިފުޅާ ދިމާލަށް "ނޫނެކޭ" ނުބުނާތީ ދަރިން ހަލާކުވަނީ

14 އޯގަސްޓް 2017

ދަރިން އެދޭ ކޮންމެ ކަމަކަށް އާއެކޭ ބުނާތީ، ނެގެޓިވް ކަންކަމަށް ދަރިންގެ ސިކުނޑި ތައްޔާރު ނުކުރެވި އެ ކުދިންގެ އުޅުމަށް ވަރަށް ނުރަނގަޅު އަސަރުތައް ކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު، ކުޑަކުދިންގެ ސައިކޮލޮޖިސްޓަކު ވިދާޅުވެއްޖެ އެވެ.

ދަރިން އެދޭ ކޮންމެ ކަމަކަށް އާއެކޭ ބުނާތީ، ނެގެޓިވް ކަންކަމަށް ދަރިންގެ ސިކުނޑި ތައްޔާރު ނުކުރެވި އެ ކުދިންގެ އުޅުމަށް ވަރަށް ނުރަނގަޅު އަސަރުތައް ކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު، ކުޑަކުދިންގެ ސައިކޮލޮޖިސްޓަކު ވިދާޅުވެއްޖެ އެވެ.

ސައިކޮލޮޖިސްޓް ޑރ. އެމަންޑާ ގަމާ ވިދާޅުވީ ކްލާހުގައި ކުދިންގެ އުޅުން ގޯސްވުން ފެށިގެން އަންނަނީ މައިގަނޑު ގޮތެއްގައި އެހެން ދަރިވަރުންގެ ސަބަބުން ނޫން ކަމަށާއި އެއީ ގޭތެރެއިން ފެށޭ މައްސަލައެއް ކަމަށެވެ.

"ކްލާހުގައި ބަސް ގަބޫލު ނުކޮށް ބޭނުންހާ ގޮތަކަށް އުޅޭ ކުދިންގެ ތެރޭގައި ގިނައީ މި ކިޔާ 'ހެލިކޮޕްޓަ ޕޭރަންޓު'ން ގެ ދަރިން،" ޑެއިލީ މެއިލް އަށް ޑރ. ގަމާ ލިޔުއްވާފައިވެ އެވެ.

ހެލިކޮޕްޓަ ޕޭރެންޓިން އަކީ ދަރިންނަށް އާދަޔާ ހިލާފަށް ސަމާލުކަންދީ އެ ކުދިންގެ ކޮންމެ ކަމަކަށް ނުފޫޒު ފޯރުވައި، ބެލެނިވެރިޔާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުވަން މަޖުބޫރު ކުރުވުމަށް ކިޔައި އުޅޭ ނަމެކެވެ.

ގަމާ ވިދާޅުވި ގޮތުގައި ދަރިން އެދޭހާ ކަމެއް ކޮށްދިނުމުގެ ސަބަބުން އެ ކުދިންނަށް ހަގީގީ ދިރިއުޅުމަަކަށް ތައްޔާރެއް ނުވެވެ އެވެ. މިއީ ދަރިން ބާރުވެރި ކުރުވުމަށްޓަކައި ކޮންމެހެން ހުއްޓާލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މެދުމަދަރުސީ ތައުލީމުދޭ ޓީޗަރުންނާ އެކު ކުރެއްވި މަސައްކަތުގެ ތަޖުރިބާކާއާ ހަވާލާދެއްވައި ގަމާ ވިދާޅުވީ ދަރިންނަކީ ވަކި ވައްތަރެއްގެ ބަޔަކަށް ހަދަން އެންމެ ބޮޑަށް ބާރުއަޅަނީ މެދުފަންތީގެ އާއިލާތަކުގައި ކަމަށާއި އެފަދަ އާއިލާތަކުގައި މި މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

"އެ މީހުންނަކީ ދަރިންގެ ކުރިމަގާ މެދު ވަރަށް ބޮޑެތި އުންމީދުތަކެއް ކުރާ ބައެއް. އެކަމަކު އެ މީހުން ދަރިންގެ ހުރިހާ ކަމެއް މުށުތެރެއަށް ލައިގެން ބުނިހާ ކަމެއް ކޮށްދީގެން އުޅުމުން ދަރިން އެ ކުދިންގެ ކުރިމަގަށް، ހަގީގީ ދިރިއުޅުމަކަށް ތައްޔާރެއް ނުކުރެވޭ،" ގަމާ ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ބެލެނިވެރިންގެ ފަރާތުން ކުރިމަތިވާ ކުދިންނަކީ ކަންކަމުގައި އަމިއްލައަށް ގޮތެއް ނިންމަން އުނދަގޫވާ ކުދިން ކަމަށާއި އެ ކުދިން ކްލާހުގައި އުޅޭއިރު ކްލާހުގެ އެންމެ މޮޅު ކުއްޖާއަށް ނުވެއްޖެ ނަމަ ނަފްސާނީ ގޮތުން މައްސަލަތަކާ ކުރިމަތިވެ އެކަމުގެ ނޭދެވޭ އަސަރު އުޅުމާއި އަޚުލާގުން ފެންނަން ފަށާ ކަމަށް ގަމާ ވިދާޅުވި އެވެ.

"ކްލާހުގެ އެއް ވަނަ ކުއްޖާއަށް ނުވެއްޖެ ނަމަ މިފަދަ ކުދިން ދެން އުޅޭނީ ކުރެވުނު ކޮންމެ ކަމެއް ކޮށްގެން އެހެން މީހުންގެ ސަމާލުކަން ހޯދަން،" އޭނާ ވިދާޅުވި އެވެ.

ގަމާ ވިދާޅުވި ގޮތުގައި މި މައްސަލަ ހުންނަ ކުދިން ކޮންޓްރޯލް ކުރުމުގައި ޓީޗަރުން ނާކާމިޔާބުވެ ހިތްދަތި ތަޖުރިބާތައް ކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ ބޭނުން ކޮންމެ ކަމެއް ނުވާނެ ކަމާއި ކުއްޖާ ބޭނުންވާ ކަމަކަށް އެހެން މީހަކު ނޫނެކޭ ބުނުމަކީ އެއްވެސް މައްސަލައެއް ނޫންކަން އެ ކުދިންނަށް ގޭތެރެއިން ފެށިގެން ވިސްނައިދޭން ޖެހޭނެ ކަމަށެވެ. މިއީ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ހުނަރު ކަމަށާއި އެކަން ނޭނގުމުން ދަރިންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ގަމާ އިންޒާރު ދެއްވި އެވެ.