Roadha Mihaaru
މަތީ ގްރޭޑް ހޯދަން ކުރާ ޕްރެޝަރުން ދަރިން ވަނީ ހަލާކު

މަތީ ގްރޭޑް ހޯދަން ޕްރެޝަރު ބޮޑުކުރުމުން ދަރިން ހަލާކުވެދާނެ: ދިރާސާ

29 ޖޫން 2016

މަތީ ގްރޭޑް ހޯދަން ދަރިންވަރުންނަށް މައިންބަފައިންގެ ފަރާތުން މާބޮޑަށް ޕްރެޝަރު ކުރުމުން އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމާއި ޑިޕްރެޝަންގެ ނުރައްކާ އެ ކުދިންނަށް ބޮޑުވެގެން ހިނގައިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަތީ ގްރޭޑް ހޯދަން ދަރިންވަރުންނަށް މައިންބަފައިންގެ ފަރާތުން މާބޮޑަށް ޕްރެޝަރު ކުރުމުން އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމާއި ޑިޕްރެޝަންގެ ނުރައްކާ އެ ކުދިންނަށް ބޮޑުވެގެން ހިނގައިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

"ކުޑަކުދިންގެ ދިރިއުޅުމުގެ ތެރެއަށް ބެލެނިވެރިން މާބޮޑަށް ނުފޫޒު ފޯރުވަން ފަށައިފި ނަމަ އެއީ އެ ކުދިންނަށް އެއްވެސް ކަމެއް ރަނގަޅަށް ނުުކުރެވޭ ކަމަށް އަމިއްލަ އަށް ގަބޫލުކުރަން ފަށާ ސަބަބަކަށް ވެދާނެ،" ސިންގަޕޫރުގެ ނެޝަނަލް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް ސައިކޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރު ރަޔާން ހޮންގް އޭނާގެ ދިރާސާއަށް ފަހު ވިދާޅުވެފައިވެ އެވެ.

ސިންގަޕޫރުގެ ޕްރައިމަރީ ސްކޫލްތަކުގައި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ދިރާސާއަށް ފަހު ބުނެފައި ވަނީ ދަރިންގެ ފަރާތުން ރަނގަޅު ނަތީޖާ ލިބޭނެ ކަމަށް އެންމެ ބޮޑަށް ގަބޫލުކޮށްގެން އުޅުނު ބެލެނިވެރިންނާއި ދަރިވަރުންނަށް ގޯހެއް ހެދުމުން އެކަން މާބޮޑު ކަމަކަށް ހަދައިގެން އުޅުނު ބެލެނިވެރިވެރިންގެ ދަރިން އަމިއްލަ ނަފްސަށް އިތުބާރު ނުކުރުމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި މި ކުދިންގެ ކިބައިން، ކަންކަމާ ކަންބޮޑުވުމާއި ޑިޕްރެޝަންގެ އަސަރު ބޮޑަށް ފެނުނުކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިއީ ބެލެނިވެރިންގެ ޕްރެޝަރުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ.

"ނަތީޖާއެއްގެ ގޮތުން، ކުޑަކުޑަ ގޯހެއް ހެދުމަކީ ވެސް އެ ކުދިން ވަރަށް ބިރު ގަންނަ ކަމަކަށް ވޭ. އަދި އެފަދަ ކޮންމެ ގޯހަކާ އެކު އަމިއްލަ ނަފްސު ކުށްވެރިކުރޭ،" ޔުނިވަސިޓީގެ ނިއުސް ރިލީޒެއްގައި ހޮންގް ވިދާޅުވެފައިވެ އެވެ.

ދުވަސްވީ ވަރަކަށް މިކަން ނަފްސާނީ ބޮޑެތި މައްސަލަތަކަށް ބަދަލުވެގެންދާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މި ދިރާސާ ކުރުމަށް ބައިވެރިކޮށްފައި ވަނީ ސިންގަޕޫރުގެ 10 ސްކޫލަކުން ހަތް އަހަރުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނެވެ. ދިރާސާގެ ބޭނުމަށް، ދަރިންވަރުންގެ އެސައިންމަންޓްތަކާއި އެ ދަރިވަރުންގެ އެހެން މަސައްކަތްތަކާއި އެ ކަންކަމަށް ބެލެނިވެރިން އިޖާބަ ދީފައިވާ ގޮތް ވަޒަންކޮށްފައިވެ އެވެ. އަދި ކޮންމެ އަހަރަކު މި ކުދިންނާއި ބެލެނިވެރިންގެ ހާލަތު ފަހުން ވަޒަންކުރަމުން ދިޔަ އެވެ.

"މި ދިރާސާއިން ފެންނަނީ އެކަޑަމިކް ގޮތުން މަތީ ފާސް ހޯދުމަށް ބާރު އެޅުން މުޖުތަމައުގައި އިތުރުވެއްޖެ ނަމަ ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނާ މެދު، ހަގީގަތަށް ވުރެ މާ ބޮޑުކޮށް އުންމީދުކުރޭ. ސިންގަޕޫރުގެ ހާލަތަކީ ވެސް އެއީ،" ހޮންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބެލެނިވެރިންގެ ޕްރެޝަރު މާ ބޮޑު ނުކޮށް، ދަރިވަރުންނަށް މިނިވަންކަމާ އެކު ކިޔެވުމަށް މާހައުލެއް ތަނަވަސްކޮށްދީގެން ނޫނީ ހުޅުވިފައިވާ ސިކުނޑިއަކުން ކަންކަން ދަސްކުރުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށައެއް ނުގަންނާނެ އެވެ.

މި ދިރާސާ މިހާރު ވަނީ ޖާނަލް އޮފް ޕާސަނަލިޓީގައި ޝާއިއުކޮށްފަ އެވެ.