Roadha Mihaaru
ކުއްޖެއްގެ މަރުން ހަ މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ

ކުޑަ ކުއްޖެއްގެ މަރުން ހަ މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ

28 ޖޫން 2016

މުމްބާއީގެ ކޮލެޖެއްގައި ކިޔަވަމުންދިޔަ 17 އަހަރުގެ ފިރިހެންކުއްޖެއްގެ ކުއްލި މަރުން ހަ މީހެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މުމްބާއީގެ ކޮލެޖެއްގައި ކިޔަވަމުންދިޔަ 17 އަހަރުގެ ފިރިހެންކުއްޖެއްގެ ކުއްލި މަރުން ހަ މީހެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ އެވެ.

ބަވޭޝް ޑިއްގޭ ކިޔާ މި ކުއްޖާ މިދިޔަ އަންގާރަ ދުވަހު ގެއިން ނުކުތީ އޭނާގެ ކޮލެޖުގައި ބާއްވާ "އިންޓަނޭޝަނަލް ޔޯގާ ޑޭ" އިވެންޓުގައި ބައިވެރިވުމަށް ފަހު ވަރަށް އަވަހަށް ގެއަށް އަންނާނެކަމަށް އޭނާގެ މަންމަ ގާތު ބުނެފަ އެވެ. ނަމަވެސް އެދުވަހު އޭނާ އެނބުރި ގެއަކަށް ނުދެ އެވެ. ބޮލަށް ލިބިފައިވާ ސީރިއަސް އަނިޔާތަކެއްގެ ސަބަބުން އޭނާ ގެންދިޔައީ ހޮސްޕިޓަލަށެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން ބަވޭޝް އާއި އޭނާގެ އެކުވެރިން ރޭލަށް އެރީ ވަޑާލާ އަށް ދިއުމަށެވެ. ނަމަވެސް އެމީހުންނަށް އެރުނު ކޮމްޕާޓްމަންޓް ފުރި ބާރުވެފައި ވާތީ އޭނާއަށް ހުރެވުނީ ރޭލަށް އަރަން ހުންނަ ދޮރުމަތީގަ އެވެ. އެހެން ހުއްޓާ އޭނާގެ އަތް ދޫވެގެން ރޭލު ދަގަނޑު މައްޗަށް ވެއްޓުނީ އެވެ.

ބަވޭޝް އަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލާ ހަމައަށް ގެންދެވުނުއިރު އޭނާގެ ގައިން ވަނީ ވަރަށް ބައިވަރު ލޭ ފައިބައިފަ އެވެ.

ބަވޭޝް ބެއްލެވުމަށްފަހު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ހޭ އަރާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުގައި ބޭއްވިތާ 2-3 ދުވަސް ތެރޭގައި އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށާއި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ޑޮކްޓަރުން ބަވޭޝްގެ އާއިލާއަށް އެންގި އެވެ.

ބަވޭޝް ސަލާމަތް ނުކުރެވުނަސް އޭނާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދެވިދާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަވޭޝްގެ ބައްޕަ އެކަމަށް އެއްބަސްވި އެވެ.

ބަވޭޝް އޮތް ހޮސްޕިޓަލަކީ އޯގަން ޓްރާންސްޕްލާންޓްކުރުން ނުވަތަ ޓްރާންސްޕްލާންޓް ކުރަން އޯގަން ނެގުމަށް ވެސް ޚާއްސަ ހޮސްޕިޓަލަކަށް ނުވިޔަސް އެފަދަ ހޮސްޕިޓަލަކަށް ބަވޭޝް ފޮނުވައިދިނުމުގެ އިންތިޒާމް ހަމަޖެއްސީ އޭނާ އެޑްމިޓް ކޮށްފައި އޮތް ހޮސްޕިޓަލުންނެވެ.

އޯގަން ޓްރާންސްޕްލާންޓަކީ ބަވޭޝްގެ އާއިލާއަށް އެއްވެސް ވަރަކަށް މައުލޫމާތު ލިބިފައިވާ ކަމަކަށް ނުވިޔަސް ބަވޭޝްގެ މަރުން އެހެން ބަޔަކަށް ދިރުން ލިބުމަކީ އެ އާއިލާއަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް އެމީހުން ގަބޫލުކުރި އެވެ. އެގޮތުން ބަވޭޝްގެ އާއިލާއިން ވަނީ އޭނާގެ ހިތާއި ލިވާ، ކިޑްނީ އަދި ލޯ ވަނީ އެ ގުނަވަންތަކުގެ ބޭނުންޖެހިފައިވާ މީހުންނަށް ހަދިޔާކޮށްފަ އެވެ.

އަދި ހިތުގެ މައްސަލައެއް ޖެހިގެން ހިތް ބަދަލުކުރަން ޖެހި ވެއިޓިން ލިސްޓުގައިވާ 31 އަހަރުގެ އަންހެނަކާ ބަވޭޝްގެ ހިތް ގުޅޭތީ އެ މީހާއަށް މިހާރު ވަނީ އެ ހިތް ޓްރާންސްޕްލާންޓް ކޮށްފަ އެވެ.

ބަވޭޝްގެ ލިވާ ޓްރާންސްޕްލާންޓް ކޮށްދީފައި ވަނީ 76 އަހަރުގެ ފިރިހެނަކަށެވެ. އަދި ދެ ކިޑްނީގެ ތެރެއިން އެއް ކިޑްނީ 29 އަހަރުގެ އަންހެނަކަށް ޓްރާންސްޕްލާންޓްކޮށްދިންއިރު އަނެއް ކިޑްނީ ލައްވާފައިވަނީ 42 އަހަރުގެ ފިރިހެނަކަށެވެ.