Roadha Mihaaru
މަރުވި މީހެއްގެ ގުނަވަންތަކުން 3 ފުރާނަ ސަލާމަތްކޮށްފި

މަރުވި މީހެއްގެ ގުނަވަންތަކުން ތިން މީހެއްގެ ފުރާނަ ސަލާމަތްކޮށްފި

23 ނޮވެމްބަރ 2017

އިންޑިއާގެ އިންސްޓިޓިއުޓެއްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ 28 އަހަރުގެ ޒުވާނަކު މަރުވުމުން އޭނާގެ ގުނަވަންތައް ހަދިޔާކޮށްފެން ތިން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ އިންސްޓިޓިއުޓެއްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ 28 އަހަރުގެ ޒުވާނަކު މަރުވުމުން އޭނާގެ ގުނަވަންތައް ހަދިޔާކޮށްފެން ތިން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ އެވެ.

މި މީހާގެ އާއިލާއިން ވަނީ ދެ ކިޑްނީ އާއި ލިވާ އަދި ކޯނިއާ ހަދިޔާކޮށްފަ އެވެ. އެގޮތުން ހުކުރު ދުވަހު ވަނީ ހަދިޔާ ކުރި ގުނަވަންތަކުގެ ތެރެއިން ތިން ގުނަަވަނެއް ތިން މީހެއްގެ ޓްރާންސްޕްލާންޓް ކޮށްފަ އެވެ.

މި މީހާގެ ގުނަވަންތައް ހަދިޔާކުރީ މި މަހުގެ 13 ވަނަ ދުވަހު ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ގުޅިގެން ސިކުނޑީގެ ހަރަކާތްތައް ހުއްޓުމުން ދެން ފުރާނަ ސަލާމަތް ނުވާނެކަން ޔަގީންވުމުންނެވެ.

އެ މީހާއަށް ފަރުވާ ދިން ނޮއިޑާގެ ޖޭޕީ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ހޮސްޕިޓަލުގެ ސީއީއޯ މަނޯޖް ލުތުރާ ވިދާޅުވީ މަރުވި މީހާގެ އާއިލާއިން އެ މީހާގެ ގުނަވަންތައް ހަދިޔާކުރަން ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހަދިޔާކުރި ގުނަވަންތަކުން މަދުވެގެން ހައެއް ނުވަތަ އަށް މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށާއި މިހާތަނަށް ތިން މީހެއްގެ ފުރާނަ ސަލާމަތް ވެފައިވާ ކަމަށެވެ.

ލިވާ ޓްރާންސްޕްލާންޓް ކުރީ ޖޭޕީ ހޮސްޕިޓަލުގައި އޮތް ލިވާ ފެއިލް ވެފައިވާ މީހަކަށެވެ. އަދި އެއް ކިޑްނީ ވެސް ބަދަލުކުރީ ހަމަ އެ ހޮސްޕިޓަލުގައި އޮތް މީހެއްގެ އެވެ. ދެ ވަނަ ކިޑްނީ ފޮނުވީ އެހެން ހޮސްޕިޓަލެއްގައި އޮތް މީހަކަށެވެ.