Roadha Mihaaru
އެންއައިއީން 74 ދަރިވަރަކު ދަސްވެނިވެއްޖެ

އެންއައިއީން 74 ދަރިވަރަކު ދަސްވެނިވެއްޖެ

13 އޯގަސްޓް 2017

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން 70 އަށްވުރެ ގިނަ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން 70 އަށްވުރެ ގިނަ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.

އަހުމަދިިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ވަނީ އެންއައިއީން ކުރިއަށްގެންދިޔަ ތިން ކޯހަކުން 74 ދަރިވަރުން ދަސްވެނިވެފަ އެވެ. އެއީ ޑިޕްލޮމާއިން އިންކްލޫސިވް އެޑިއުކޭޝަނާއި ޑިޕްލޮމާއިން އެޑިއުކޭޝަނަލް ލީޑަޝިޕް އެންޑް މެނޭޖްމަންޓާއި ބެޗްލާ އޮފް އެޑިއުކޭޝަނުންނެވެ.

އެންއައިއީގެ ދެ ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު ވިދާޅުވީ އަލަށް އަމަލުކުރަން ފެށި ތައުލީމީ މަންހަޖުން ސްކޫލުތަކަށް އެދެވޭ ބަދަލުތަކެއް އަންނަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ މުޖުތަަމައަކަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ މުގައްރަރުގެ ފައިދާތައް، ދަރިވަރުންގެ ކިޔެވުމުގެ ނަތީޖާއިން ފެންނަ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެހެން މުގައްރަރުތައް ހަދާފައިވާ ކަމަށާއި ނަމަވެސް، މިހާރު މި ބޭނުން ކުރަނީ އެންމެ ފުރިހަމަ މުގައްރަރްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެންއައިއީގެ ދަސްވެނިވުމުގެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެންއައިއީގެ ދަސްވެނިވުމުގެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ނިޒާމަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ ޓީޗަރުން ބިނާކުރުމާއި އެމީހުންގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑިގްރީ ޕްރޮގްރާމުގެ ތެރެއިން 100 އަށްވުރެ ގިނަ ޓީޗަރުން މިހާރު ތަމްރީނުކޮށްފައިވެ އެވެ.