19 މާޗް 2018
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން 80 އަށް ވުރެ ގިނަ ދަރިވަރުން މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން 80 އަށް ވުރެ ގިނަ ދަރިވަރުން މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންކްލޫސިވް އެޑިއުކޭޝަން ޑިގްރީ ނިންމި 34 އަދި އިންކްލޫސިވް އެޑިއުކޭޝަންގެ ޑިޕްލޮމާ ފުރިހަމަ ކުރި 48 ދަރިވަރުންނަށް ސެޓްފިކެޓް ދީފައި ވެ އެވެ. އަދި ސްކޫލް ލީޑަޝިޕް ކޯހުގެ އަށް ދަރިވަރުންނަށް ވެސް ވަނީ ލިޔުން ދީފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކޮށްގެން ރާއްޖޭގައި ކިޔަވައި ދެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް އެކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔައީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަމަށެވެ.
އެންއައިއީން ދަސްވެނިވި ދަރިވަރަކަށް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ލިޔުން ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ސްކޫލް ތައުލީމުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި އެ މަސައްކަތުގައި އެންއައިއީގެ ދައުރު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް، އިންކްލޫސިވް އެޑިއުކޭޝަންގެ ތަމްރީން ފުރިހަމަ ކޮށްފައިވާ ޓީޗަރުން ތިބި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޖުތަމައުގައި އުޅޭއިރު ތަފާތު މިޒާޖުގެ ދަރިވަރުންނާ އެކު އުޅެން ދަސްކޮށްދޭން ޖެހޭ އެވެ. އަދި ދީނާއި ގައުމު އިސްކުރަން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކާބަފައިން މި ގައުމު ގެނެސްދީފައިވާ ގޮތަށް، ގައުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ އަންނަން އޮތް ޖީލުތަކާ ހަމަ އަށް ގައުމު ފޯރުކޮށްދިނުމުގެ ވަރަށް ބޮޑު ދައުރެއް ޓީޗަރުންނަށް އަދާކުރެވޭނެ. އެއީ މާދަމާ ގައުުމު ހިންގަން ތިބި މީހުން ތިބީ މިއަދު ތި ބޭފުޅުން [ޓީޗަރުން] ގެ ދަށުގައި ކަމަށް ވާތީ. ގައުމިއްޔަތަކީ ކޮބައިކަން އެ ދަރިވަރުންނަށް ބުނެދިނުމަކީ ޒިންމާއެއް،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
އެންއައިއީގެ ދަސްވެނިވުމުގެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި އެންއައިއީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މި އަހަރަކީ ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނަ އަހަރެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދެ ވަނަ ޓާމުން ފެށިގެން ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލްކޮށް ކޮންމެ ދަރިވަރެއްގެ އަތުގައި ޓެބްލެޓެއް އޮންނާނެ ކަމަށެވެ.
އެންއައިއީ އަކީ، ގައުމީ މަންހަޖު ތަންފީޒު ކުރަން ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުމާއި ރާއްޖޭގެ މަދުރަސީ ތައުލީމްގެ ސިޔާސަތާއި ތަސައްވުރު އެކުލަވާލަން ބޭނުންވާ ދިރާސާތައް ހެދުމަށް 2012 ވަނަ އަހަރު އުފެއްދި މަރުކަޒެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ މަރުކަޒުން ވަނީ 180 އަށް ވުރެ ގިނަ ޓީޗަރުން ތަމްރީން ކޮށްފަ އެވެ.
ޓީޗަރުންގެ ހަތަރު ވަނަ ކޮންފަރެންސް ފަށައިފި
ތައުލީމީ ޖީލެއް ބިނާ ކުރުމުގައި 45 އަހަރުގެ ހިދުމަތް
ޓީޗާސް ކޮންފަރެންސް: ބަދަލުތަކެއް ފެންނާނެ
ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަނީ
ރަނގަޅު ތައުލީމަށް ފެންވަރު ރަނގަޅު ޓީޗަރުން މުހިއްމު
ލިޓްރެސީއާ ހިސާބު މާއްދާގެ ގައުމީ ޕްލޭން ނެރެފި
ޓީޗަރުންގެ ހާއްސަ އޮންލައިން ޕްލެޓްފޯމް ތައާރަފުކޮށްފި
މީމިސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި
އާބާދީ މަދު ސްކޫލުތަކަށް މަލްޓި ގްރޭޑް ޓީޗިން ތައާރަފްކޮށްފި
އެންއައިއީން 74 ދަރިވަރަކު ދަސްވެނިވެއްޖެ