Roadha Mihaaru

ބަންދުކުރުމާ ގުޅޭ މިންގަނޑުތަކެއް ނެތި މީހުން ބަންދު ކުރަމުން ދިއުމަކީ ނުރައްކަލެއް: މެންބަރު ނަޝީދު

ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމާ ގުޅޭ މިންގަނޑުތަކެއް ނެތި މީހުން ބަންދު ކުރަމުން ދިއުމަކީ ނުރައްކަލެއް ކަމަށް، ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަންދުކުރުމުގެ މިންގަނޑެއް ނެތުމީ ނުރައްކަލެއް: ނަޝީދު
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

13 އޯގަސްޓް 2017

ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމާ ގުޅޭ މިންގަނޑުތަކެއް ނެތި މީހުން ބަންދު ކުރަމުން ދިއުމަކީ ނުރައްކަލެއް ކަމަށް، ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ބެލެނިވެރިކަމުގެ ޒިންމާއާ ގުޅޭގޮތުން ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން ޕީޖީގެ ޒިންމާއަކީ ހަމައެކަނި ޖިނާއީ ދައުވާތައް ކުރުމާއި އަނބުރާ ގެންދިއުމާއި މުރާޖާ ކުރުމެއް ނޫނެވެ. އިތުރު ދެ މުހިންމު ޒިންމާއެއް ވެސް ގާނޫނު އަސާސީން ޕީޖީއާ ހަވާލު ކޮށްފައިވާ ކަމަށާއި އެއީ ޖިނާއީ ތަހުގީގުތައް ހިންގަނީ ރަނގަޅަށްތޯ ބެލުމާއި ކުށުގެ ތުހުމަތުގައި މީހުން ބަންދު ކުރެވޭނެ ހާލަތްތައް މުރާޖާކުރުން ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު ލިޔުއްވާފައިވާ ގޮތުން ހުކުމް ކުރުމުގެ ކުރިން މީހުން ބަންދު ކުރެވޭނެ ހަތަރު ހާލަތް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެ ސަބަބުތައް އިތުރަށް މާނަކޮށްދޭ މިންގަނޑުތަކެއް އެކުލަވާލުން މުހިންމެވެ. އެ ހަތަރު ހާލަތުގެ ތެރެއަށް ފެތޭނީ ކޮން ކަންތައްތަކެއް ކަން ބަޔާންކުރާ އުސޫލެއް ޕީޖީގެ ޒިންމާގެ ދަށުން ތައާރަފް ކުރުން މުހިންމު ކަމަށް އޭނާގެ ލިޔުއްވުމުގައި އެވެ.

"މިސާލަކަށް މީހަކު ހެކި ފޮރުވަން އުޅުން ކަމަށް ބެލިދާނެ ކަންކަމަކީ ކޮބައިކަން އެއީ އޭގެ ޒާތުގައި ދުރާލާ ކަނޑައެޅިދާނެ އަދި ލިސްޓް ކުރެވިދާނެ ކަންކަމެވެ. ހެކިބަސް ދޭ މީހާ އަށް ނުފޫޒު ފޯރުވަން އުޅުން ކަމަށް ބެލިދާނެ ކަންކަމާއި މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލިދާނެ ކަންކަމާއި ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލިދާނެ ކަންކަމަކީ ވެސް ހަމަ އެފަދަ ކަންކަމެވެ.،" ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް ބައެއް މެންބަރުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ނަޝީދު ލިޔުއްވާފައިވެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު ލިޔުއްވާފައިވާ ގޮތުން، ބަންދުކުރުމުގެ މިންގަނޑެއް ނުވަަތަ އެފަދަ އުސޫލުތަކެއް ނެތި މީހުން ބަންދުކުރާ ނަމަ، ބަންދު ކުރަންޖެހޭ ހާލަތެއް ނެތަސް ކިތަންމެ ކުޑަ ކަމެއްގައި ވެސް މީހުން ބަންދު ކުރުމުގެ ފުރުސަތު ލިބެ އެވެ. އެއީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަން ފާހަގަ ކުރައްވައި، ނަޝީދު ލިޔުއްވާފައިވާ ގޮތުން އެފަދަ ކަންކަމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެެއްލުން މީހުންނަށް ލިބުމުގެ ފުރުސަތު ބޮޑެވެ.

އޭގެ މިސާލެއްގެ ގޮތުން ނަޝީދު ފާހަގަ ކުރައްވާފައިވަނީ މީހަކަށް ދައުވާ ނުކުރިޔަސް، ލަނޑެއް ދިނުމުގެ ގޮތުން ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފުރުސަތު ލިބުމެވެ. އެ ފުރުސަތު އޮތުމުން، ގާނޫނު އަސާސީގައި މީހުން ބަންދު ކުރުން ހުއްދަ ކުރާ އިސްތިސްނާ ހަތަރު ހާލަތަށް އޮތް ޚާއްސަ އުސޫލު އެއީ އާންމު އުސޫލެއް ކަމަށް ހަދާލެވޭ ކަމަށް ނަޝީދު ސިފަ ކުރައްވާފައިވެ އެވެ.

"ހިތާމަވެރި ކަމަކަށް މިކަންވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މިނިވަންކަން ހުއްޓުމަކަށް އައިސް، ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނަން ޖެހުމެވެ. އަދި ފަހުން އޭނާގެ ތަހުގީގު ނިމޭއިރު އެކަމުގައި އޭނާގެ މައްޗަށް ހެކި ނެތް ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވެދާނެ އެވެ. ނުވަތަ އޭނާގެ މައްޗަށް ކާމިޔާބު ދައުވާއެއް ކުރެވޭ ވަރުގެ ހަކަތައެއް އެ ތަހުގީގުގައި ނެތިގެންދާ ދައުވާ ނުކުރަން ނިންމަފާނެ އެވެ." ޕީޖީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނަޝީދު އާންމުކުރެއްވި ލިޔުމުގައި އެވެ.

ނަޝީދުގެ ލިޔުއްވުމުގައިވާ ގޮތުން ޕީޖީގެ ދައުރު ފެށޭނީ ހަމައެކަނި ތަހުގީގު ނިމި، ދައުވާ ކުރަން ޕީޖީ އަށް ފޮނުވުމުންނެއް ނޫނެވެ. އެއީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އުސޫލުން ނޫން ކަމަށާއި ޖިނާއީ ހުރިހާ ތަހުުގީގެއްގެ ހުރިހާ މަރުހަލާއަކީ ޕީޖީގެ ދައުރު ފުޅާ ދާއިރާއެއްގައި އޮންނަ މަރުހަލާއެއް ކަމަށް އެ ލިޔުއްވުމުގައިވެ އެވެ.

"ތަހުގީގު މަރުހަލާގައި ބަންދު ކުރާ ނަމަ ބަންދު ކުރަނީ ބަންދު ކުރަން ޖެހިގެންތޯ، ބޭނުންވާ ނިސްބަތަކަށްތޯ ނުވަތަ އެކްސެސިވް ކޮށް ނުވަތަ އަންރީޒަބްލް ކޮށްތޯ ބެލުމާއި، ރަނގަޅު ގޮތުގައި ހިންގައި ނިންމާ ތަހުގީގުތަކުގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުމާއި މި ހުރިހާ ކަމަކީ ވެސް ޕީޖީ އަށް ގާނޫނު އަސާސީން ހަވާލު ކޮށްފައިވާ އަދި ހަމައެކަނި ޕީޖީއާ ހަވާލު ކޮށްފައިވާ ބޮޑެތި މަސްއޫލިއްޔަތެވެ،" ނަޝީދުގެ ލިޔުއްވުމުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ކަނޑައަޅާފައި ވަނިކޮށް އޭގެ އިތުރުން ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން ވެސް އެކަމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ނަޝީދު ބްލޮގްގައި ލިޔުއްވި އެވެ.