Roadha Mihaaru
މި މީހުން ތިބީ ފަޅައިގެންދާ ވަރުވެފައި!

ނާއުއްމީދާއި މާޔޫސްކަން: މި މީހުން ތިބީ ފަޅައިގެންދާ ވަރުވެފައި!

21 ޖެނުއަރީ 2020

ޝަކުވާތައް ބޮނޑިކޮށްގެން، ތިބޭތާ އެތައް އަހަރެކެވެ.

ފަޒީނާ އަހުމަދު ގއ. ކަނޑުހުޅުދޫން ފަޒީނާ އަހުމަދު

ޝަކުވާތައް ބޮނޑިކޮށްގެން، ތިބޭތާ އެތައް އަހަރެކެވެ.

ދެ އަހަރު ނުވާ އަންހެން ކުއްޖަކު، އަމިއްލަ ލޭ ހިނގާ އާއިލާގެ ތެރެއިން ޝިކާރަކުރި ކަމުގެ ކަންބޮޑުވުމާއި ސީރިއަސްކަން އެ މީހުން ގުޅުވީ މާ ކުރީގެ ތާރީޚުތަކުގައި މި ރަށުގައި ހިނގި އެކި ކުށްތަކާ އެވެ. ބޮޑެތި ކުށްތަކުގައި އިންސާފު ލިބުނީ މަދު ފަހަރަކު އެވެ. ނޫން ނަމަ، ފެންނަނީ ކޮންމެވެސް ބާގަނޑަކުން ދެމިގަނެ، ކުށްވެރިޔާ ހިމާޔަތް ހޯދައި މިނިވަންވާ ތަނެވެ!

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ބައްޕަ އާއި މަންމަގެ އިހުމާލު އޮވެ، ކާފަ އާއި މުނިކާފަ، އެއް އަހަރާއި ނުވަ މަހުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރި މި ރަށުގެ ގިނަ ބަޔަކު ބުނީ މިހެންނެވެ.

"މިއަދަކު އިއްޔެއަކު ކަމެއް ނޫން ތީ. އެ [ދެ އަހަރު ނުވާ] ކުއްޖާއާ ހަމައަށް އެ ދެވުނީ ފިޔަވަޅު ނޭޅި ލައްކަ ދުވަސް ފަހުން. ކޮން ފަދަ މުޑުދާރު ހުތުރު އަމަލެއް، އެ ކުއްޖާއާ މެދު އެ ހިންގީ. ދެން ބަލާ އެ މީހުން ތި އަމަލުތައް ހިންގަން ފެށި ހިސާބު."

ކުޑަކުއްޖަކު މަގުމަތީގައި ހިނގާފައި ދަނީ: ޖިންސީ ގޯނާކުރާ ބައެއްގެ ނުރައްކަލަކަށް ހުށަހެޅި އެތައް ކުދިންނެއްގެ ރައްކާތެރިކަން މި ރަށުގައި ނިގުޅައިގަނެވުނު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުޑަކުއްޖަކު މަގުމަތީގައި ހިނގާފައި ދަނީ: ޖިންސީ ގޯނާކުރާ ބައެއްގެ ނުރައްކަލަކަށް ހުށަހެޅި އެތައް ކުދިންނެއްގެ ރައްކާތެރިކަން މި ރަށުގައި ނިގުޅައިގަނެވުނު. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެއީ، ރަނގަޅު ވާހަކައެކެވެ: ޖިންސީ ގޯނާގެ ރެކޯޑު 82 އަހަރުގެ މުނި ކާފަގެ އެބަ އޮތެވެ. އެންމެ މައްސަލައެއް ނޫނެވެ. ދެ އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވީ، 2018 ގައި ތިން އަހަރުގެ ކުއްޖަކާ ބެހެން އުޅުނު މައްސަލަ މުއައްސަސާތަކުގެ ތެރޭގައި ތާށިކޮށްފައި އޮއްވަ އެވެ. އުމުރަށް ބަލައި ވީ ހަމްދަރުދީން ފުލުހުން ދޫކޮށްލާފައި ހުރި އޭނާގެ ބިރުވެރިކަން މުޅި ރަށަށް އޮތެވެ. ފައިސާ އާއި މެޓާ ބަހައި ކުދިން ހައްލައިގެން ޖިންސީ ގޯނާކުރުމާއި އެކަނި ކުއްޖަކު ހުއްޓައި ފެނިއްޖެ ނަމަ މުންޑު އެ ކުދިންގެ ބޮލުގައި އެޅުން ފަދަ މުޑުދާރު އެތައް އަމަލެއް އޭނާ ހިންގާފައިވެ އެވެ.

އޭނާގެ ނުރައްކާ ރަށުގެ އެންމެންނާއި މުއައްސަސާތަކަށް އެނގެ އެވެ. ހޭލުންތެރި، މީހުން އޭނާގެ ކިބައިން ކުދިން ރައްކާތެރި ކުރީ ގޭތެރެއަށް ލައި ފޮރުވައިގެންނެވެ.

"ސަލާމަތްތެރިކަން އަހަރެމެން އަމިއްލަ އަށް ހޯދައިގެން ތިބެނީ. ދަރިންނަށް ކިޔައިދީފައި އަހަރެމެން އޮންނަނީ، އޭނާ ދޭ އެއްޗެހީގައި ނުހިފަން. އެ ހިސާބުގަނޑަކަށް ނުވެސް ފޮނުވަން. އަަހަރެމެން ވެސް ނުދަން. ކިތަންމެ އަވަހަށް އެއްޗެއް ބޭނުންވިއަސް އެގޭ ފިހާރައަކަށް ވެސް ނުވަންނަން،" މި ރަށުގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ދެ އަހަރުގެ ކުއްޖާގެ ކާފަގެ އެފަދަ ރެކޯޑު ނެތަސް އޭނާ އަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުކުރެ އެވެ. އަމިއްލަ ދަރިއަކާ ބެހެން އުޅުމުގެ ތުހުމަތު ވެސް، ބައެއް މީހުން އޭނާ އަށް ކުރެ އެވެ.

"މި މީހުންގެ މައްސަލަ ޖެއްސިއަސް އެޅޭނެ ފިޔަވަޅެއް ނޯވޭ، ޕޮލިހާއި ކައުންސިލާއި ކޯޓުތަކުގައި ތިބެނީ މި މީހުންގެ އާއިލީ މީހުން. އެ މީހުންގެ ނުފޫޒާއި ބާރުވެރިކަން މުއައްސަސާތަކަށް ގަދަ،" މި ރަށުގެ އެހެން މީހަކު ބުންޏެވެ.

ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަކުރާ ތިން މީހުން ދިރިއުޅު ގެ --ފޮޓޯ: ނިޝާން އަލީ/މިހާރު

ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަކުރާ ތިން މީހުން ދިރިއުޅު ގެ --ފޮޓޯ: ނިޝާން އަލީ/މިހާރު

މުއައްސަސާތަކަށް މި ރަށުގެ ގިނަ ރައްޔިތުންގެ އިތުބާރެއް ނެތެވެ. ގިނަ މީހުން ދެކޭ ގޮތުގައި މައްސަލައެއް ރިޕޯޓްކޮށްފި ނަމަ އަވަހަށް ބަލައި އިންސާފާ ހަމައަށް ވާސިލްވާން މުއައްސަސާތަކުން މަސައްކަތެއް ނުކުރެ އެވެ. ކުޑަ ރަށަކަށް ވާތީ، މާ ބޮޑު ސަމާލުކަމެއް އިދާރާތަކުން ނުދެނީ ކަމަށް ވެސް މި ރައްޔިތުން ދެކެ އެވެ.

މި ރަށުގެ ކައުންސިލުން މައްސަލަަތަކުގައި އަމަލުކުރާ ގޮތް އެ މީހުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގައި ހާމަކޮށްފަ އެވެ.

ރައްޔިތުންގެ ތެރޭގައި ހުންނަ ސީރިއަސް މައްސަލަތަކާއި ކަންބޮޑުވުންތައް ކައުންސިލަށް އަޑު އިވެ އެވެ. އެކަމަކު އެ ވާހަކަތައް ސިޓީގައި ލިޔެ، ހިފައިގެން ގޮސް ކައުންސިލްގެ އިދާރާއާ ހަވާލުނުކުރާ ނަމަ، ފެންނަ ކަމަކަށް، އެނގޭ ކަމަކަށް ވެސް ނުވެ އެވެ.

ރަށު ތެރޭގައި އަދި ވާހަކަ ދެކެވުނަސް ރަސްމީ ސިފައެއްގައި ޝަކުވާ ހުށަނާޅާ ނަމަ ކައުންސިލްގެ ޒިންމާއެއް އޮތް ކަމަކަށް ގިނަ ފަހަރަށް ނުދެކެ އެވެ.

އަމުދުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އެހެން މުއައްސަސާއަކުން ބަލަން ޖެހޭ ކަމެއްގެ ތެރެއަށް ރޮނގު ހުރަސްކޮށްފައި ނުވަންނަން، އަޅާނުލައި ތިބޭ ފަހަރުތައް މަދެއް ނޫނެވެ. ކަން ހިނގަނީ މި އުސޫލުން ކަމަށް، ބުނެ އެ މީހުންނާ ދިމާލަށް އިނގިލި ދިއްކުރިއަސް މި ވާހަކައަށް ކައުންސިލުން އެއްބަހެއް ނުވެ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް، ކައުންސިލަށް އަމިއްލަ އަށް ފެނިގެން ހައްލުކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށް މި ރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވިދާޅުވި އެވެ. ފުލުހުންނާއި ޖެންޑާ އިން ބަލަން ޖެހޭ މައްސަލަތަކުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ކައުންސިލަރުން ވިދާޅުވެ އެވެ.

ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގައިފި ނަމަ، މި ރަށުގައި މައްސަލަ ހުށަހަޅަން ޖެހެނީ ޕޮލިހަށް ނުވަތަ ކައުންސިލަށެވެ. މައްސަލަ ބަލަނީ އެ އިދާރާތަކުން ޖެންޑާ އަށް ރިޕޯޓްކުރުމުން، ގއ. ނުވަތަ ގދ. އަތޮޅު ރަށަކުން ޖެންޑާ މިނިސްޓްރީގެ ކޭސްވޯކަރުން އައިސްގެންނެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރާތާ ދުވަސްތަކެއް ފަހުން ވެސް މައްސަލަ ތަހުގީގު ކުރަން ފަށާފައި އެބަ ހުއްޓެވެ. ދެ އަހަރު ނުފުރޭ ކުއްޖާއާ ބެހުނު މުނި ކާފަ، މި ރަށުގެ ތިން އަހަރުގެ ކުއްޖަކާ 2018 ގައި ބެހެން އުޅުނު މައްސަލަ ރިޕޯޓްކުރުމުން އެކަން ތަހުގީގުކުރަން މިނިސްޓްރީގެ ޓީމު އައީ އެއް ދުވަސް ފަހުންނެވެ. އެކަމަކު، މި ފަހުން، ދިމާވި ކޭސްގައި ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި މި ރަށަށް އައިސް މައޫލޫމާތު ސާފުކޮށް، މައްސަލަ ބަލަން ފެށި ކަމަށް އާއިލާ އިން ބުންޏެވެ.

ގިނައީ، މައުލޫމާތު ސާފުކޮށް ތަހުގީގު ފަށާ މައްސަލަތަކުގައި އިންސާފުގެ އިންތިޒާރުގައި ވާނުވާ ނޭނގި ތިބެން ޖެހޭ ފަހަރުތަކެވެ. އެފަދަ މައްސަލަތަކުގައި ފަހުން އެ ކުދިންގެ ހާލަތު ޖެންޑާ މިނިސްޓްރީން ނުބެލުމުގެ ކަންބޮޑުވުން ވެސް އޮތީ އިންތިހާ ދަރަޖައިގަ އެވެ. ތަހުގީގު ފަށާ ހިސާބުން "ނިންމާލަނީ" އެވެ. އެ ކުއްޖަކަށް ރައްކާތެރި މާހައުލެއް ކަށަވަރުވެފައިވޭތޯ ފަހުން ބެލުމެއް ނޯވެ އެވެ!

މިކަމަށް އޮތް ހައްލެއްގެ ގޮތުގައި، ކައުންސިލަށް ފެންނަނީ، މި ރަށުގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު އަބަދު ހުރުމެވެ. ދެން ރާއްޖޭގެ ރަށްތަކުގެ އާބާދީގެ ނިސްބަތުން މިހާ ކުޑަ ރަށަކަށް، އެހާ ބޮޑު އަހައްމިއްޔަތު ކަމެއް ލިބިދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.

އަތޮޅުގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ގާއިމްކޮށްދޭން މި ރަށުގައި ވެސް ފުލުހުންގެ ޑެސްކެއް ހުރެ އެވެ. އެ ތަނުގައި ދެތިން ފުލުހަކު ތިއްބަސް ތަހުގީގުތަކެއް ނުހިންގަ އެވެ. ރައްޔިތުން ހުށަހަޅާ މައްސަލަތައް ނޯޓްކުރުމަށް ފަހު، ޖެހެނީ ކައިރި ރަށަކުން ތަހުގީގު އޮފިސަރު ގެންނާށެވެ. އޭގެ ކުރިން އެ މީހުންނަށް ކުރެވޭ ކަމެއް އޮންނަ ކަމަކަށް ނުވެ އެވެ. އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި އެތަނުގައި ތަހުގީގެއް ނުކުރެވެ އެވެ. ބޮޑު މައްސަލަތަކުގައި ކޯޓު އަމުރު ހޯދުން ވެސް އޮންނަނީ ބޮޑު ކަމަކަށް ވެފަ އެވެ.

މި ރަށުން ފާހަގަވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުލުހުންގެ މި ޑެސްކަށް ރައްޔިތުންގެ އިތުބާރު ނެތުމެވެ. މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރާނެ ކަމަށް ގަބޫލެއް ނުކުރެ އެވެ. މައްސަލަ ހުށަހަޅަނީ އެ ނޫން ގޮތެއް ނެތީމަ އެވެ.

"ދެ އަހަރުގެ ކުއްޖާ އށް އަނިޔާ ލިބޭ ވާހަކަ އެ ކުއްޖާގެ މަންމަ މި ރަށުގައި ހުންނަ ފުލުހުންގެ މީހަކަށް ގުޅައިގެން ރިޕޯޓްކުރި ކަމަށް ބުނި. އެ ހިސާބުން ކީއްވެ ނުބެލީ؟" އެކަކު ބުންޏެވެ.

އެކަމަކު މި ބޮޑު ތުހުމަތުގެ ހަގީގަތެއް ނޭނގެ އެވެ. މިކަން އެނގޭނީ މަންމަ އާއި މުއައްސަސާތަކުގެ ޖަވާބުންނެވެ.

ކަނޑުހުޅުދޫގައި ހުންނަ ޕޮލިސް ޑެސްކް: މި ތަނަށް ރިޕޯޓްކުރާ މައްސަލަ ތަހުގީގު ކުރަނީ ކައިރި ރަށަކުން އައިއޯ އަކު އައިސްގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކަނޑުހުޅުދޫގައި ހުންނަ ޕޮލިސް ޑެސްކް: މި ތަނަށް ރިޕޯޓްކުރާ މައްސަލަ ތަހުގީގު ކުރަނީ ކައިރި ރަށަކުން އައިއޯ އަކު އައިސްގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެން ދާތީ އެ މައްސަލަތަކުގެ ފަހަތުން ދުވާ މީހާ ލަދުގަންނަން ޖެހިފައި އެބަ ހުއްޓެވެ. ޚާއްސަކޮށް ޖިންސީ ގޯނާގެ މައްސަލަތަކުގަ އެވެ. ޖިންސީ ގޯނާ އަށް ނުވަތަ ފުރައްސާރަ އަށް ފެތޭ ބަހެއް ބުނެގެން ނުވަތަ ކަމެއް ކޮށްގެން ޕޮލިހަށް ރިޕޯޓްކޮށްފި ނަމަ، "އެއީ އެވަރުގެ ކަމެއްހޭ" ބުނެ މަލާމާތާއި ފުރައްސާރަ ރައްދުވަނީ ހުށަހެޅި މީހާ އަށެވެ. އެއީ، ފުލުހުންނަށް ހުށަހެޅި ނަމަވެސް އެކަން ބެލި އެ މީހަކަށް އަދަބު ނުލިބޭނެ ކަމަށް އޮންނަ ޔަގީން ކަމެއްގެ ބޮޑުކަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަ މި ރަށުގައި ވެސް އިންތިހާ އަށް ބޮޑެވެ. ގއ. އަތޮޅުގައި އެހެން ރަށްތަކާ އެންމެ ދުރުގައި އޮންނަ މި ރަށަކީ މަސްތުވާތަކެތީގެ ހަބެކެވެ. ޑިންގީތަކުގައި މި ރަށަށް ބޭނުން ކޮންމެ އިރަކު ކައިރިކޮށް މަސްތުވާތަކެތި ވިއްކައި، ގްރޫޕް ހަދައިގެން ބޭނުންކުރެ އެވެ.

"އެ މީހުންނަށް ޔަގީންކަން އޮވޭ ފުލުހުން އަޅައެއް ނުލާނެ ކަން. އަދި ބޮޑު ކަމެއް ވެގެން ހައްޔަރުކުރިއަސް އަނެއް ދުވަހު ދޫކޮށްލާނެ ކަން. އެހެންވެ ކުށްވެރިންނަށް ހާސްކަމެއް ނޯވޭ."

މިގޮތަށް ކަން ހިނގާ ހިނދަކު، މައްސަލަތައް ހައްލުވާނެ ހެއްޔެވެ؟

"ކިތަންމެ ގިނަ ފަހަރަކު ވެސް މައްސަލަަތައް ރިޕޯޓް ކުރެވިދާނެ. އެކަމަކު ފިޔަވަޅު ނޭޅެންޏާ ކޮބާ ބޭނުމަކީ؟" ފަރުދީ ޒިންމާއާ ގުޅޭ ގޮތުން އެހި ސުވާލަކަށް އެކަކު ބުންޏެވެ.

ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ގޮވައިގެން އޭނާގެ މަންމަ ސްކޫލަށް ދަނީ: އެ ރަށުގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ގޮވައިގެން އޭނާގެ މަންމަ ސްކޫލަށް ދަނީ: އެ ރަށުގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ރަށުގެ ގިނަ ބައެއްގެ ހުރި މި މާޔޫސްކަމަށް ހައްލު އޮތީ މުއައްސަސާތަކާ ގުޅިފަ އެވެ. ފަރުދީ ޒިންމާ އަދާކުރަން މި މީހުން ތައްޔާރެވެ. އިންސާފާއި އަމާންކަމާއި ރައްކާތެރިކަން ގާއިމްކޮށްދިނުގެ ޒިންމާ ފުރިހަމަ އަށް އުފުލައި އިތުބާރު ހޯދަން ޖެހިފައި އޮތީ މުއައްސަސާތަކަށެވެ.