Roadha Mihaaru
މައްކާ ހަރަމްފުޅުން މި ފެންނަނީ ކޮން ތަންތަނެއް؟

މައްކާ ހަރަމްފުޅުން މި ފެންނަނީ ކޮން ތަންތަނެއް؟

21 އޯގަސްޓް 2017

މި ބިންމަތީގައިވާ އެންމެ މާތް ބިމަކީ މައްކާގެ ބިމެވެ. އަދި އެ ބިމުގެ އެންމެ މާތް ތަނަކީ އަލް މަސްޖިދުލް ހަރާމް ނުވަތަ މައްކާ ހަރަމްފުޅެވެ. މިއީ ދަރުމަ އާއި ސަވާބު އެންމެ މައްޗަށް ގުނަވެގެންދާ މިސްކިތެވެ. ދުނިޔޭގެ އެހެން މިސްކިތެއްގައި ކުރާ ނަމާދަކަށް ވުރެ މި މިސްކިތުގައި ކުރާ ކޮންމެ ނަމާދެއްގެ ދަރުމަ އާއި ސަވާބު 100،000 ގުނަ އަށް އިތުރުވެގެންދެ އެވެ.

މި ބިންމަތީގައިވާ އެންމެ މާތް ބިމަކީ މައްކާގެ ބިމެވެ. އަދި އެ ބިމުގެ އެންމެ މާތް ތަނަކީ އަލް މަސްޖިދުލް ހަރާމް ނުވަތަ މައްކާ ހަރަމްފުޅެވެ. މިއީ ދަރުމަ އާއި ސަވާބު އެންމެ މައްޗަށް ގުނަވެގެންދާ މިސްކިތެވެ. ދުނިޔޭގެ އެހެން މިސްކިތެއްގައި ކުރާ ނަމާދަކަށް ވުރެ މި މިސްކިތުގައި ކުރާ ކޮންމެ ނަމާދެއްގެ ދަރުމަ އާއި ސަވާބު 100،000 ގުނަ އަށް އިތުރުވެގެންދެ އެވެ.

މި މަތިވެރި މިސްކިތަކީ އިސްލާމީ ތާރީޚާ ގުޅިފައިވާ އެތައް ކަމެއް ހިމެނިފައިވާ ތަނެކެވެ. ﷲގެ އެއްކައުވަންތަކަމުގެ އަގީދާ އާއި އިސްލާމީ އުންމަތުގެ ހައިބަތާއި ގަދަރު ރަމްޒުކޮށްދޭ ކިތަންމެ އެއްޗެއް މި ހަރަމްފުޅުގައިވެ އެވެ.

ގެފުޅު

އިސްލާމީ ތާރީޚުން ސާބިތުވާ ގޮތުގައި އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ މަލާއިކަތް ބޭކަލުންނެވެ. އެއީ އާދަމްގެފާނު ޚަލްޤު ކުރެއްވުމުގެ އެތައް އަހަރެއް ކުރިންނެވެ. އެއަށް ފަހުގައި ހަމަ އެ ބިންގަލުގެ މަތީގައި އާދާމްގެފާނު ވެސް ގެފުޅު އިމާރާތް ކުރެއްވި އެވެ.

މައްކާގެ ހަރަމްފުޅުގެ ގާތްގަނޑަކަށް މެދުގައި ހުރި ކައުބާއަކީ މުސްލިމުންގެ ގިބްލަ އެވެ. ﷲ ސުބްހާނަހޫ ވަތައާލާގެ އަމުރުފުޅަށް ސަލާމްލެއްވި އިބްރާހީމްގެފާނާއި އިސްމާއީލްގެފާނު ވެސް ހަމަ އެ ބިންގަލުގެ މަތީގައި ގެފުޅު ބިނާ ކުރެއްވި އެވެ. ނަމަވެސް ހިޔާ ނުކޮށެވެ. އެންމެ ފުރަތަމަ ގެފުޅު ހިޔާ ކުރީ އިބްރާހީމްގެފާނަށް ފަހުގައި، މައްކާގައި ދިރިއުޅުނު ތުއްބަޢުގެ ގައުމުގެ މީހުންނެވެ.

މި އަހަރު ހައްޖަށް އައި ބަޔަކު، މައްކާގެ ހަރަމްފުޅުގެ މެދުގައިވާ ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. ފޮޓޯ:އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި އަހަރު ހައްޖަށް އައި ބަޔަކު، މައްކާގެ ހަރަމްފުޅުގެ މެދުގައިވާ ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. ފޮޓޯ:އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހަތަރެސްކަނަށް ހުއްޓަސް ގެފުޅުގެ ހަތަރު ފަރާތުގެ މިންތައް ހަމަހަމައެއް ނޫނެވެ. ހިޖްރު އިސްމާއީލް (ޙަޠީމް)އާ ވީ ބިތުގެ ފުޅާމިނުގައި 11.28 މީޓަރު ހުންނަ އިރު، އެ ބިތުގެ ބިތްދޮށް ފަރާތު ބިތުގެ ފުޅާމިނުގައި ހުންނަނީ 11.53 މީޓަރެވެ. އަދި ދޮރުކޮޅު ހުންނަ ބިތުގެ ފުޅާމިނުގައި 12.84 މީޓަރު ހުންނަ އިރު، ދޮރުކޮޅުގެ ބިތްދޮށް ފަރާތު ބިތުގެ ފުޅާމިނަކީ 13.16 މީޓަރެވެ.

ސަލާމްލެއްވި އިބްރާހީމްގެފާނާއި އިސްމާއީލްގެފާނު ގެފުޅު ބިނާ ކުރެއްވި އިރު އުސްމިނަކީ ނުވަ މުށެވެ. އަދި ބިމާ ހަމައިގައި ގެފުޅުގައި ދޮރެއް ލެއްވި އެވެ. ނަމަވެސް މިހާރު ގެފުޅުގެ އުސްމިނަކީ 15 މީޓަރެވެ. އަދި ދޮރުކޮޅު މިހާރު ހުންނަނީ ބިމަށް ވުރެ ދޮޅު މީޓަރެއްހާ އުސްމިނުގަ އެވެ. ގެފުޅުގެ ފުރާޅު ހިފެހެއްޓުމަށްޓަކައި ގެފުޅުގެ އެތެރޭގައި ލަކުޑީގެ ތިން ތަނބު ވެއެވެ.

ޙަޠީމް (ޙިޖްރު އިސްމާޢީލް)

ގެފުޅުގެ އުތުރު ފަޅީގައި ހަނދުފަޅިއެއްގެ ބައްޓަމަށް ރާނާފައިވާ ތިރި ފާރުބުރިއަކުން ފާހަގަ ކުރެވޭ މި ތަނަކީ ހަގީގަތުގައި ގެފުޅުގެ ބައެކެވެ. ޖާހިލީ ޒަމާނުގައި (ހިޖްރައިގެ 18 އަހަރު ކުރިން) ގުރައިޝުން ގެފުޅު ބިނާ ކުރަން ބޭނުންވި ހިނދު އެ ކަމަށް ފައިސާ އެއްކުރަން ފެށި އެވެ. ނަމަވެސް ޝަރުތަކީ ހަލާލު ގޮތުގައި ހޯދާފައިވާ ފައިސާ އިން ނޫނީ ގެފުޅު ބިނާ ނުކުރުމެވެ.

އެ ގޮތުން އެއްކުރެވުނު ފައިސާ މަދު ކަމުން، ކުރިން ހުރި ބޮޑުމިނުގައި ގެފުޅު ބިނާކުރެވޭ ވަރު ނުވުމުން، ގުރައިޝުންނަށް އެއްބަސްވެވުނީ އެ ފައިސާ އިން ވާ ވަރަށް، ކުޑަ ކޮށް ގެފުޅު ބިނާ ކުރުމަށެވެ. އެހެންކަމުން ގެފުޅުގެ އަސްލު ބިންގަލުގެ މަތީގައި ގެފުޅު ބިނާކުރީ އުތުރު ފަރާތުން ނުވަ މީޓަރު ދޫކޮށްލައިފަ އެވެ. ނަމަވެސް އެއީ ގެފުޅުގެ ހަގީގީ ބައެއް ކަން އެނގޭ ގޮތަށް އެބައި ފާހަގަ ކޮށްފައި ބޭއްވި އެވެ.

މިއަހަރުގެ ހައްޖަށް އައި ބަޔަކު ގެފުޅުގެ ބައެއް ކަމުގައިވާ ޙަޠީމްގެ ފާރުބުރި މަތީގައި އަތް އަޅުވާލައިގެން. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މިއަހަރުގެ ހައްޖަށް އައި ބަޔަކު ގެފުޅުގެ ބައެއް ކަމުގައިވާ ޙަޠީމްގެ ފާރުބުރި މަތީގައި އަތް އަޅުވާލައިގެން. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެހެންކަމުން ހައްޖާއި އުމްރާގައި ޠަވާފް ކުރާ އިރު، ބުރު ޖަހާނީ ހިޖްރު އިސްމާއީލްގެ ބޭރުންނެވެ. ހިޖްރު އިސްމާއީލްގެ އެތެރެ އަށް ވަދެވިއްޖެ ނަމަ ޠަވާފް ބާޠިލް ވާނެ އެވެ. ދެން ޖެހޭނީ އަލުން ފަށައިގެން ޠަވާފް ކުރާށެވެ.

މިހާރު ހިޖްރު އިސްމާއީލްގެ ފާރުބުރި ހުންނަނީ ހުދު ކުލައިގެ މަރުމަރު ހިލަ ޖަހައި ގާތްގަނޑަކަށް 1.3 މީޓަރު އުސްމިނަށް ރާނައިފަ އެވެ. އަދި ފާރުބުރީގެ މަތީގައި ފެހި ކުލައިގެ ތިން ލަންޓަން ބައްތި ހަރުކޮށްފައި ހުރެ އެވެ. ގެފުޅާއި ހިޖްރު އިސްމާއީލް ގުޅޭ ދެ ތަނުން ދެ ފަރާތުގައި ދެ ދޮރު ހަރުކޮށްފައި ހުރެ އެވެ.

ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި އެންމެ ބޮޑު ވާދަވެރި ކަމެއް އުފެދެނީ، ހިޖްރު އިސްމާއީލްގެ ތެރޭގައި ނަމާދު ކުރުމަށާއި ހަޖަރުލް އަސްވަދުގައި ބޮސްދިނުމަށެވެ. ކޮންމެ ނަމާދު ވަގުތަކަށް ހިޖްރު އިސްމާއީލް ތެރެއިން މީހުން ނެރެ ހުސް ކުރާނެ އެވެ. ނަމާދުގެ ޖަމާއަތް ނިމުމާ އެކު، ހިޖްރު އިސްމާއީލްގެ ތެރެއަށް ވަދެގަންނަން އަވަސްވެގަންނާނެ އެވެ.

މަގާމް އިބްރާހީމް

ގެފުޅުގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 10 މީޓަރު ދުރުގައި، ރަން ކުލައިގެ ކުޑަ ގުއްބެއް ލާފައި ހުންނަ ބިއްލޫރި ކޮއްޓަކީ، ގެފުޅު ބިނާ ކުރެއްވުމުގައި އިބްރާހީމްގެފާނު ބޭނުންފުޅުކުރެއްވި ހިލަކޮޅު ބާއްވާފައި އޮތް ތަނެވެ. އެއީ ގެފުޅުގެ ފާރުތައް ރޭނުއްވުމަށް، އިބްރާހީމްގެފާނު އަރާވަޑައިގެން ހުންނެވި ހިލަ އެވެ.

މި ހިލައަކީ ގެފުޅުގައި ހިމެނޭ، ސުވަރުގޭގެ ދެ ހިލައިގެ ތެރެއިން އެއް ހިލަ އެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ގޮތުގައި މަގާމް އިބްރާހީމްގެ ހިލައަކީ ސުވަރުގެ އިން އިބްރާހީމްގެފާނަށްޓަކައި ބާވައިލެއްވި ހުދު ކުލައިގެ ދެ ޔާގޫތުގެ ތެރެއިން އެއް ޔާގޫތެވެ. އަނެއް ޔާގޫތަކީ ހަޖަރުލް އަސްވަދެވެ.

މި އަހަރު ހައްޖަށް އައި ބަޔަކު، މައްކާގެ ހަރަމްފުޅު ތެރޭގައި ހުންނަ މަގާމް އިބްރާހީމް ކައިރީގައި. ފޮޓޯ:އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި އަހަރު ހައްޖަށް އައި ބަޔަކު، މައްކާގެ ހަރަމްފުޅު ތެރޭގައި ހުންނަ މަގާމް އިބްރާހީމް ކައިރީގައި. ފޮޓޯ:އަހްމަދު އަބްދުﷲ ސައީދު/މިހާރު

މަގާމް އިބްރާހީމްގައި އޮންނަނީ ބައި މީޓަރު ދިގުމިނުގެ، ހުދާއި ކަޅާއި ދެމެދުގެ ކުލައަކަށްދާ ހިލައެކެވެ. އެ ހިލައިގައި ވަނީ އިބްރާހީމްގެފާނުގެ ދެ ފިޔަވަޅުފުޅު ކަނޑައި ނެގިފަ އެވެ. އެ ހިލައިގެ ވަށައިގެން ވަނީ ބިއްލޫރީގެ ގުއްބެކެވެ. އެ ގުއްބުގެ ބޭރުން ވަނީ ޖާލި ކަނޑާފައިވާ ރަންވަންލޮއިގެ ކަވަރެކެވެ. އަދި މަތީގައި ވަނީ ރަންވަންލޮއިގެ ކުރިބޯއްޓެކެވެ. ހިލައިގެ ތިރީގައި ވަނީ މަރުމަރު ހިލައިގެ ތަޅުމެކެވެ.

އެންމެ ކުރީ ޒަމާނުގައި މަގާމް އިބްރާހީމް ހުންނަނީ ގެފުޅުގެ ފާރާ ޖެހިގެންނެވެ. މައްކާ ފަތަހަ ކުރެއްވި ދުވަހުގައި ކީރިތި ރަސޫލާ، އެ ހިލަ، މިހާރު އެ ހުރި ހިސާބަށް ގެފުޅާ ދުރަށް ޖެއްސެވި އެވެ. އެއީ މަގާމް އިބްރާހީމްގެ ފަހަތުގައި ނަމާދު ކުރާ މީހުންގެ ސަބަބުން، ޠަވާފްކުރާ މީހުންނަށް ދަތިކަމެއް ފޯރިޔަ ނުދިނުމުގެ ގޮތުންނެވެ.

މިހާރު މަގާމް އިބްރާހީމް ހުރީ ކުޑަކުޑަ ގުއްބެއްގެ ތެރޭގައި ކަމަށް ވިޔަސް، އޭގެ ކުރިން މަގާމް އިބްރާހީމް ހުރީ، ހިޔާކޮށްފައި ހުރި ކުޑަވަރެއްގެ އިމާރާތެއްގެ ތެރޭގަ އެވެ. އެ އިމާރާތުގެ ސަބަބުން، ޠަވާފްކުރާ މީހުންނަށް ދަތިވާތީ، އެ އިމާރާތް ތަޅާލައި އޭގެ ބަދަލުގައި މިހާރު އެ ހުރި ގޮތަށް ކުޑަ ތަންކޮޅެއްގައި މަގާމް އިބްރާހީމް ބިނާ ކުރީ ފައިސަލް ބްނު އަބްދުލްއަޒީޒްގެ ރަސްކަމުގައި 1967 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޞަފާ އާއި މަރްވާ

މިއީ މައްކާގެ ޙަރަމްފުޅުގެ ތެރޭގައި ހިމެނޭ މުހިންމު ތަންތަނުގެ ތެރެއިން ޙައްޖާއި އުމްރާގެ އަޅުކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ފަރުބަދަ އެވެ. ޞަފާ އާއި މަރްވާއާ ދެމެދު ހަތް ފަހަރު ހިނގުމަކީ، ޙައްޖާއި އުމްރާގެ ރުކުނެކެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސް ތިބި ދިވެހިންގެ ބަޔަކު ސަފާ އާއި މަރްވާއާ ދެމެދު ސައުޔު ކުރުމުގެ ތެރޭގައި މަރްވާ ފަރުބަދައިގެ ކައިރީގައި ހުއްޓި ތިބެ ދުޢާ ކުރަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި އަހަރުގެ ހައްޖުގެ އަޅުކަމަށް، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސް ތިބި ދިވެހިންގެ ބަޔަކު ސަފާ އާއި މަރްވާއާ ދެމެދު ސައުޔު ކުރުމުގެ ތެރޭގައި މަރްވާ ފަރުބަދައިގެ ކައިރީގައި ހުއްޓި ތިބެ ދުޢާ ކުރަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މީގެ ތެރެއިން ޞަފާއަކީ ގެފުޅުގެ އިރުމަތީ ފަރާތުގައި ހުންނަ އަބޫ ޤުބައިސް ފަރުބަދައާ ގުޅިފައި ހުންނަ، ނަމަވެސް އެއަށް ވުރެ ތިރި އަދު ކުޑަ ފަރުބަދައެކެވެ. ޞަފާ އާއި މަރްވާއާ ދެމެދު ހިނގުން ފެށޭނީ ޞަފާ އިންނެވެ. މަރްވާ ފަރުބަދައަކީ ޞަފާ ފަރުބަދައިން ފެށިގެން އުތުރަށް ގާތްގަނޑަކަށް 400 މީޓަރު ދުރުގައި ހުންނަ ތިރި އަދި ކުޑަ ފަރުބަދައެކެވެ.

މި ދެ ފަރުބަދައިގެ ދެމެދަކީ، ސަލާމްލެއްވި އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ހާޖަރް، މައްކާގެ ބިމަށް ދޫކުރައްވާފައި އިބްރާހީމްގެފާނު ވަޑައިގަތުމަށް ފަހު، ތުއްޕުޅު އިސްމާއީލްގެފާނު ކަރުފުޅު ހިއްކާވަޑައިގެން ކީރިތި ކުރައްވަން ފެއްޓެވުމުން، ބޯފެންފޮދެއް ފެނިވަޑައިގަނޭތޯ، ހާޖަރް ދުވެވަޑައިގެންނެވި ސަރަހައްދެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ގެފުޅުގެ ކައިރިން ޒަމްޒަމް ފެން އާރު، އެ ދެމައިކަނބަލުންނަށްޓަކައި ނެރެދެއްވީ، އެކަމަނާ އެ ދެ ފަރުބަދަ ދެމެދު ހަތް ފަހަރު ދުވެވަޑައިގެންނެވި ފަހުންނެވެ.

މި އަހަރު ހައްޖު ވުމަށް މައްކާ އަށް އައިސް ތިބި ދިވެހިންގެ ބަޔަކު އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން ޞަފާ އާއި މަރްވާއާ ދެމެދު ސައުޔު ކުރަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި އަހަރު ހައްޖު ވުމަށް މައްކާ އަށް އައިސް ތިބި ދިވެހިންގެ ބަޔަކު އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން ޞަފާ އާއި މަރްވާއާ ދެމެދު ސައުޔު ކުރަނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ޙައްޖާއި ޢުމްރާގައި، ޞަފާ އާއި މަރްވާއާ ދެމެދު ހިނގުން ކަނޑައެޅިފައިވަނީ، ހާޖަރް އާއި އިސްމާއީލްގެފާނަށް، އަދި އެއަށް ފަހުގައި އިސްލާމީ އުންމަތަށާއި މުޅި އިންސާނީ ދަރިފަސްކޮޅަށް ދެއްވި ޒަމްޒަމްގެ ނިއުމަތަށް ޝުކުރުވެރި ވުމުގެ ގޮތުންނާއި އެ ދެމައިކަނބަލުން ﷲ އަށް ވަކީލު ކުރެއްވުމުގެ ނަމޫނާ ހަނދާން ކުރުމުގެ ގޮތުންނެވެ.

ޙަޖަރުލް އަސްވަދު

މިއީ މައްކާގެ ޙަރަމްފުޅުގެ ތެރޭގައި އަޅުކަންކުރާ މީހުންގެ މެދުގައި އެންމެ ވާދަވެރިކަން ބޮޑު ތަނެވެ. ގެފުޅުގެ ދޮރުކޮޅުގެ ވާތްފަރާތުގައިވާ ކަނުގައި ހަރުކުރެވިފައިވާ ކަޅު ކުލައިގެ ހިލައެކެވެ. ބިމުން ފެށިގެން ދޮޅު މީޓަރު އުހުގައި ގެފުޅުގެ ކަނުގައި ހަރުކުރެވިފައިވާ މި ހިލައަކީ އަސްލުގައި، ސްނޯ އަށް ވުރެ ހުދު އަދި އަލި ގަދަ ހިލައެއް ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެ އެވެ.

އެ ހިލަ ކަޅުވެފައި އޭގެ އަލިކަން ކަނޑައިގެން ގޮސްފައިވަނީ، އެ ހިލައިގައި ބީހި ބޮސްދީ އުޅުނު މީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އެ ހިލައިގެ ސާފުކަމާއި އަލިކަން، ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް ފޯރާނެ ކަމަށް ރިވާވެގެންވެ އެވެ.

ހަޖަރުލް އަސްވަދާއި އޭގެ ބޭރުން އަޅުވާފައިވާ ރިހި ކުލައިގެ ކަވަރު.

ހަޖަރުލް އަސްވަދާއި އޭގެ ބޭރުން އަޅުވާފައިވާ ރިހި ކުލައިގެ ކަވަރު.

ހަޖަރުލް އަސްވަދު ވަގަށް ނެގުމުގެ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ، ފާތިމީ ދައުލަތުން ވަކިވެގަނެގެން އުފެދުނު ޤުރްމުޠީ ދައުލަތުން، ހިޖްރައިން 317 ވަނަ އަހަރުގެ ހައްޖު މަހުގެ އަށް ވަނަ ދުވަހު މައްކާ އަށް ހަމަލާދީ ހަޖަރުލް އަސްވަދު ވަގަށް ނެގި ހާދިސާ އެވެ. އޭގެ 22 އަހަރު ފަހުން އެ ހިލަ އޭގެ މަގާމަށް ރުޖޫއަ ކުރެވުނީ ހިޖްރައިން 339 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ހަޖަރުލް އަސްވަދުގައި ބޮސް ދިނުމަށެވެ. އެއީ ކީރިތި ރަސޫލާ އެ ހިލައިގައި ބޮސްދެއްވާފައިވާތީ އެވެ. ގަދަބަދަވިކަމާއި ބާރުގެ ބޭނުން ކޮށްގެން، އެކަން ނުކުރުމަށް ކީރިތި ރަސޫލާ އިންޒާރު ކުރައްވާފައިވާ އިރު ވެސް، އަދުގެ މުސްލިމުން އެކަކު އަނެކަކު ކޮއްޕައި ގަދަފަދަކަން ދައްކައިގެން ވެސް އެ ހިލައިގައި ބޮސްދެވޭތޯ މަސައްކަތް ކުރެ އެވެ.

މުންނާރުތައް

އެންމެ ދުރަށް ފެންނަން ހުންނަ، ޙަރަމްފުޅުގެ ނިޝާނަކީ އެތާނގެ ވަށައިގެންވާ މުންނާރުތަކެވެ. އިސްލާމީ ފަންނުވެރިކަމާއި އިމާރާތްކުރުމުގެ ހުނަރު ރަމްޒު ކޮށްދޭ ގޮތަށް މައްކާގެ ހަރަމްފުޅުގައި މިހާރު 13 މުންނާރު އެބަ ހުއްޓެވެ. މައްކާގެ ހަރަމްފުޅުގައި އެންމެ ފުރަތަމަ މުންނާރެއް ބިނާ ކުރެއްވީ އައްބާސީ ދައުލަތުގެ ދެ ވަނަ ޚަލީފާ އަބޫ ޖައުފަރުލް މަންސޫރުގެ ވެރިކަމުގަ އެވެ.

އަލް މަސްޖިދުލް ހަރާމްގެ މުންނާރުތަކުގެ ތެރެއިން ދެ މުންނާރެއް ރޭގަނޑު ދިއްލާފައި. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އަލް މަސްޖިދުލް ހަރާމްގެ މުންނާރުތަކުގެ ތެރެއިން ދެ މުންނާރެއް ރޭގަނޑު ދިއްލާފައި. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އޭގެ ފަހުން ވެސް، އައްބާސީ ދައުލަތާއި މަމްލޫކީ ދައުލަތާއި އުސްމާނީ ދައުލަތުގެ އެކިއެކި ޚަލީފާއިންގެ އަމުރުފުޅަށް މައްކާގެ ހަރަމްފުޅުގައި، އެ ދުވަސްވަރެއްގެ ހުނަރުވެރިކަމާއި ފޯރުންތެރިކަން ރަމްޒުކޮށްދޭ ގޮތަށް މުންނާރުތައް ލާފައިވެ އެވެ.

އަލް މަސްޖިދުލް ހަރާމްގެ މުންނާރުތަކުގެ ތެރެއިން ދެ މުންނާރެއް ރޭގަނޑު ދިއްލާފައި. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އަލް މަސްޖިދުލް ހަރާމްގެ މުންނާރުތަކުގެ ތެރެއިން ދެ މުންނާރެއް ރޭގަނޑު ދިއްލާފައި. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މައްކާގެ ހަރަމްފުޅު ބޮޑު ކުރުމަށް ފަހުދު ރަސްގެފާނު ފެއްޓެވި މަޝްރޫގެ ދަށުން، މަސްޖިދުލް ހަރާމް އަށް ބައިތަކެއް އިތުރު ކުރި އިރު، އެ ބައިތަކާ އެކުގައި މުންނާރުތައް ވެސް ބިނާ ކުރި އެވެ. އެ މަޝްރޫއު ފުރިހަމަވި އިރު، މައްކާގެ ހަރަމްފުޅުގައި ޖުމްލަ ނުވަ މުންނާރު ހުއްޓެވެ. އަދި މިހާރު ފަށާފައިވާ މަޝްރޫއު ފުރިހަމަވާ އިތުރު ހަތަރު މުންނާރާ އެކު ޖުމްލަ 13 މުންނާރު ހުންނާނެ އެވެ.

އުސްމާނީ ޚިލާފަތުގެ ފަންނުވެރިކަމާއި ހުނަރުތަކުގެ ރަމްޒެއްގެ ގޮތުގައި، މައްކާގެ ހަރަމްފުޅުން ފެންނަން ހުރި ހަމައެކަނި ބައިތައް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އުސްމާނީ ޚިލާފަތުގެ ފަންނުވެރިކަމާއި ހުނަރުތަކުގެ ރަމްޒެއްގެ ގޮތުގައި، މައްކާގެ ހަރަމްފުޅުން ފެންނަން ހުރި ހަމައެކަނި ބައިތައް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އުސްމާނީ ޚިލާފަތުގެ ޕޯޓިކޯ

ހަރަމްފުޅުގެ ތެރޭގައި، ޠަވާފްކުރާ ބައިގެ ބޭރުން، ކުދި ގިޑިގެތަކެއްގެ ސިފަ އަށް، ތަނބުތަކެއް ޖަހައި މަތީގައި ގުއްބުތަކެއް ހުންނަ ގޮތަށް ހަދާފައިވާ ބަޔަކީ، މައްކާގެ ހަރަމްފުޅުން މިހާރު ފެންނަން ހުރި އެންމެ އާސާރީ ތަންތަނެވެ. މިއީ އުސްމާނީ ޚިލާފަތުގެ ވެރިކަން ފެތުރިފައި އޮތް ޒަމާނުގައި، މައްކާގެ ހަރަމްފުޅު ހިމާޔަތް ކުރުމަށާއި އެ ހަރަމްފުޅުގެ ހައިބަތާއި މަގާމު ދެމެހެއްޓުމުގެ ގޮތުން ހަރަމްފުޅުގެ ވަށައިގެން އިމާރާތް ކުރި ބައެކެވެ.

ނަމަވެސް ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން 2012 ވަނަ އަހަރު މި ބައިތައް ތަޅައިލި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ތުރުކީ ވިލާތުގެ ބާރުއެޅުމުގެ ސަބަބުން، އެ ބައިތައް އަލުން ހަރަމްފުޅުގެ ތެރޭގައި ބިނާކުރަން ފެށި އެވެ.

އުސްމާނީ ޚިލާފަތުގެ ފަންނުވެރިކަން ރަމްޒުކޮށްދޭ ޕޯޓިކޯގެ ބައިތައް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އުސްމާނީ ޚިލާފަތުގެ ފަންނުވެރިކަން ރަމްޒުކޮށްދޭ ޕޯޓިކޯގެ ބައިތައް. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެ ބައިތައް ތަޅައިލިތާ ތިން އަހަރު ފަހުން އަލުން އިމާރާތް ކުރަން ފެށީ، އެ ބައިތައް ކުރިން ހުރި ތަނަށް ވުރެ 20 މީޓަރު ދުރަށް ޖައްސައި، ޠަވާފްކުރާ ސަރަހައްދު ބޮޑު ކޮށްފަ އެވެ. އިސްލާމީ ފަންނުވެރިކަން ރަމްޒުކޮށްދޭ މި ބައިތައް އަދިވެސް އިމާރާތް ކޮށް ނުނިމެ އެވެ. ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން އެ ބައިތައް އަލުން އިމާރާތް ކޮށް ނިމޭ އިރު، 150 ގުއްބާ އެކު، ހަރަމްފުޅުގެ ހިތްގައިމުކަން އިތުރުވެގެން ދާނެ އެވެ.

ސައޫދީ ރަސްގެފާނު ސިފަކުރައްވާ ގޮތުގައި މި ބައިތަކަކީ ގެފުޅުގެ ވަށައިގެން ލެވިފައިވާ ހާރެކެވެ.