Roadha Mihaaru
މަސީހާއެކު ކުރާނެ މަޝްވަރާއެއް ނެތް: އިދިކޮޅު ކޯލިޝަން

މަޖިލިސް ކުރިއަށް ގެންދަން މަސީހާ އެކު ކުރާނެ މަޝްވަރާއެއް ނެތް: އިދިކޮޅު ކޯލިޝަން

23 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރަން ބޭނުންވާ ކަމަށާއި އެކަމަކު އެކަމުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރަން ބޭނުންވާ ކަމަށާއި އެކަމަކު އެކަމުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި މައްސަލާގައި ބައިވެރިވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު، މަސީހްގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި މައްސަލަ ހޫނުވެ، ސަރުކާރާއި އިދިކޮޅު މެމްބަރުންގެ މެދުގައި ސިޔާސީ ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ. އެހެންވެ އިއްޔެ އާއި މިއަދު ބޭއްވި ޖަލްސާ ވެސް މަސީހް ކުރިއަށް ގެންދިޔައީ ރިޔާސަތުގެ މޭޒުގެ ވަށައިގެން ސިފައިންގެ "ފައުޖެއް" އަތުރާލައިގެންނެވެ. އެކަމަކު އިއްޔެއާ ޚިލާފަށް މަޖިލީހުގައި މިއަދު ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި މެމްބަރުން އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލާ ހިސާބަށް ކަންކަން ގެންގޮސްފަ އެވެ.

އެކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށާއި އެކަން ހައްލު ކުރަން މަޝްވަރާ އަށް ދާން ފުރުސަތު އެބައޮތް ކަމަށެވެ.

އެކަމަކު އެކަމުގައި މަސީހާ އެކު މަޝްވަރާ ނުކުރާނެ ކަމަށާއި ސަބަބަކީ އެއީ މަޖިލީހުގެ ރައީސް ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލު ނުކުރާތީ ކަމަށް މަހްލޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކަންކަން ހައްލު ކުރުމަށް މަޝްވަރާ ކުރާނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ނުވަތަ ޕާޓީތަކާ އެކު އެކަންޏެވެ.

"ލިބޭ ހައްލަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ތެެރެއިން ގެންނަން ހައްލަކަށް ވާންޖެހޭނެ. މިސާލަކަށް އެންމެ ފުރަތަމަ އެޖެންޑާ ކުރެވެން ޖެހެނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު. މަަޝްވަރާ ކުރަން ބޭނުންވާ ނަމަ މައިނޯރިޓީ ލީޑަރު ނިހާނާއި މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ބައިވެރިވެގެން މަޝްވަރާ އަށް ގެނެވިދާނެ." މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ މަސީހް ކުރިއަށް ގެންދަވާއިރު، ރިޔާސަތުގެ މޭޒުގެ ވަށައިގެން ސިފައިން އެތުރިލައިގެން.

މަޖިލީހުގެ މިއަދުގެ ޖަލްސާ މަސީހް ކުރިއަށް ގެންދަވާއިރު، ރިޔާސަތުގެ މޭޒުގެ ވަށައިގެން ސިފައިން އެތުރިލައިގެން.

މަޖިލީހުގެ މަސައްކަތަށް އެއްބާރުލުން ދޭން އިދިކޮޅު ޕާޓީތަކުން ވެސް ބޭނުންވާ ކަމަށާއި މިހާރު އެކަމަށް ދެކޮޅު ހަދަނީ ގާނޫނާ ޚިލާފަށް މަޖިލީހުގެ ޖަލްސާތައް ބާއްވާތީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެކެވެ. އަދި އެ މައްސަލަ އެޖެންޑާ ނުކޮށް އިތުރު މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އައްޔަން ކުރުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވޯޓު ނުދިނީ ވެސް އެ ސަބަބާ ހެދި ކަމަށެވެ.

"މީގެ ކުރިން މުހައްމަދު ހުސައިން ޝަރީފް ޖަޕާނުގެ ސަފީރަކަށް އައްޔަން ކުރަން މަޖިލީހުގައި ނެގި ވޯޓުގައި އަޅުގަނޑުމެން ވެސް ބައިވެރިވިން. މިއަދު ވެސް އަޅުގަނޑުމެންނަށް އެ ފުރުސަތު އޮތް ނަމަ، ގާނޫނުއަސާސީއާ އެއްގޮތަށް ގެންދިޔަ މަޖިލީހެއް ނަމަ، އަޅުގަނޑުމެން ކޮންމެހެން އޭނާގެ ނަން ރިޖެޓް ކުރާކަށް މަސައްކަތެއް ނުކުރީސް،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ދެން ފާސް ނުކުރެވޭނެ ކަމަށާއި ސަރުކާރުގެ ތާއީދު މަޖިލީހުގައި ދަށްވަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން، މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޕީޕީއެމަށް އެއްކޮޅަށް ލިބުނީ 28 ވޯޓު ކަން މަހްލޫފު ފާހަގަ ކުރެއްވި އެވެ.

"މަޖިލީހަށް ބިލެއް ހުށަހެޅުނީމަ އެ ބަލައިގަތުމަށް ނުވަތަ ބަހުސް މަރުހަލާގައި ނަގާ ވޯޓުތައް ނުނެގޭނެއެކޭ ނޫން. ނަމަވެސް ބިލެއް ފާސްކުރަން، ރައްޔިތުންގެ އެއަށް އަމަލުކުރުން ލާޒިމްވާ ކަންކަން ފާސްކުރަން 43 ވޯޓު ބޭނުންވާނެ. އަޅުގަނޑުމެން ނުލައި އެކަމެއް ނުވާނެ،" މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނާނަން 38 ހަމަކުރިޔަސް [ސަރުކާރު] ހާދަ ގަދައޭ މިހާރު."

މަހްލޫފް ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ބޮޑަށް ގުޅިފައިވަނީ ސުޕްރީމް ކޯޓުގައި މިހާރު އޮތް ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައާ ކަމަށާއި އެ މައްސަލައިގެ ހުކުމް ވީހާ ވެސް އަވަހަކަށް އިއްވުން މުހިންމު ކަމަށެވެ. އެހެން ނޫން ނަމަ މަޖިލީހުގައި ހިނގާ ހަމަނުޖެހުން ބޮޑުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.