Roadha Mihaaru
ރައްޔިތުންގެ އަތުނުޖެހޭ ހިސާބަކަށް ނޭރޭނެ: މެމްބަރުން

ރައްޔިތުންގެ އަތުނުޖެހޭހާ މައްޗަކަށް ނޭރޭނެ: މެމްބަރުން

24 ސެޕްޓެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަށް އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަށް އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގެ މޭޒު، 10 ފޫޓު އުހުގައި ބަހައްޓަން ސްޓޭޖެއް ހެދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފަ އެވެ. އެއީ، އެ މެމްބަރުން ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގަދަ ބާރުން ރިޔާސަތުގައި ބޭންދުމަށް ކުރާ މަސައްކަތެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޔާސަތުގެ މޭޒު ވަށައިގެން ބުލެޓް ޕްރޫފް ބިއްލޫރި ވސް ޖަހަން ވަނީ ނިންމައިފަ އެވެ. މިހާރު ކުރިއަށް ދަނީ ސްޓޭޖް ހެދުމުގެ މަސައްކަތެވެ.

މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މެމްބަރުން އިއްވަވާ އަޑު ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަކަށް އެއްވެސް މީހަކަށް ނޭރޭނެ. އެމީހަކު ރައްޔިތުން ތިރިކުރާނެ. މަޖިލީހުން ސާފުކޮށް އެނގިގެންދޭ ރައްޔިތުންގެ ތާއީދެއް ނެތް ކަން މަސީހަކަށް،" އާޒިމް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގެ މޭޒު ބަހައްޓަން އުސް ސްޓޭޖެއް ހެދުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް ކުރި ކަމެއް ނޫން ކަމަށެވެ.

"މީގެ ކުރީ ޒަމާނުގައި ފެނިގެން ދިޔައީ ފިރުއައުނު އުސް ޓަވަރެއް ހަދައިގެން އަރާ އިންނަން އުޅުނު ވާހަކަ. އެހެންވީމަ އެކަހަލަ ކަމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރޭގައި ހިނގަމުން އަންނަނީ. މަޖިލީހުގެ ލޯގޯއާ ހިސާބުގައި އުސްކޮށް މަސީހު އިންނަވާނެ ކަމަށް ބެލެވެނީ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކުރައްވާފައިވާ އިރު އިތުބާރު ނެތް ބޭފުޅަކަށް މަޖިލިސް ކުރިއަށް ނުގެންދެވޭނެ އެވެ. އަދި ކިތަންމެ ހުރަސްތަކެއް ކުރިމަތި ކުރުވިޔަސް، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވީ މެމްބަރުން ހުވާ ކުރައްވައިގެން މަޖިލީހުގައި މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހަދަން ކަމަށެވެ. ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން ސިފައިން އެކަމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުލައި 31 އިން ފެށިގެން ބޭއްވި ހުރިހާ ޖަލްސާތަކެއްގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރިއަށް ގެންދިޔައީ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ މަސީހު ރިޔާސަތުގައި އިންނެވިހާ ހިނދަކު، ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރާ ނަމަ، ފުރަތަމަ ކަމަކަށް އޮންނަންވާނީ މަސީހާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. އަދި އެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތްއިރު، ދެން ޖަލްސާތައް ފަށާނީ އަންނަ މަހު އެވެ.