Roadha Mihaaru
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމް ސީރިއަސް: ސަމީރު

ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމްގެ ހާލު ސީރިއަސް: ސަމީރު

05 ސެޕްޓެމްބަރ 2017

ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެއަށް ދޫކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެއަށް ދޫކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަމީރު ވިދާޅުވީ ރާއްޖެ އިން ބޭރުން ގާސިމަށް ދޭން ޖެހޭ އަވަސް ފަރުވާ ނުދެވި އައިޖީއެމްއެޗުގައި އޮންނަވަން ޖެހުމަކީ ގާސިމަށް ފަރުވާ ދެއްވާ ޑޮކްޓަރުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ގާސިމް އޮންނެވީ ގެއަށް ދޫކޮށްލެވޭ ހާލަތެއްގައި ނޫން ކަަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވަމުން ސަމީރު ވިދާޅުވި އެވެ.

"ހިތުގެ އާލާސްކަންފުޅުގައި ގާސިމް އެ އޮންނެވީ ވަރަށް ބޮޑު ރިސްކެއްގައި. އެމަނިކުފާނު ދޫކޮށްލެވޭނީ އިތުރު ފަރުވާ ދެވޭނެ ފަދަ ހާލަތެއްގައި ކަމަށް ޑޮކްޓަރުން ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ގާސިމް ބެއްލެވި، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ. ކުރިން ތިން ފަހަރެއްގެ މަތިން މެޑިކާ އާއި އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާއިރު، ގާސިމް ބެއްލެވި ހުރިހާ ޑޮކްޓަރުން ވެސް ލަފާދީފައި ވަނީ އޭނާ ރާއްޖެ އިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށެވެ. ސަބަބަކީ އެ ފަރުވާ އަދި ޓެސްޓްތައް ރާއްޖެ އިން ހެދެން ނެތުމެވެ.

ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން ނުދީ އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ގާސިމްގެ އާއިލާ އިން ތިބީ، ސަމީރު ވިދާޅުވި ގޮތުގައި، ގާސިމް ފަރުވާ އަށް ފޮނުވުމުގެ ހުއްދަ މިއަދު ވެސް ދޭނެ ކަމުގެ އުއްމީދުގަ އެވެ. ފަރުވާ ނުލިބި ގާސިމް އޮންނަވަން ޖެހުމަކީ އާއިލާ އަށް ވެސް ހިތްދަތި އިހްސާސެއް ކަމަށް ވިދާޅުވި އެވެ.

"އިންސާނަކާ ދޭތެރޭ އެހާ އަނިޔާވެރިކޮށް އަމަލުކޮށްގެން ނުވާނެތީ އަޅުގަނޑުމެން އަދިވެސް މި އުއްމީދުކުރަނީ މިއަދު ވެސް ހުއްދަ ލިބޭނެ ކަމަށް. ހުކުމުގައިވާ ގޮތަށް ވެސް ސަރުކާރުން އަމަލުކުރަން ޖެހޭނެ. އެގޮތަށް އަމަލު ނުކުރުން އެއީ ގާނޫނީ ކުށެއް،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމަށް ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި މުއައްސަސާތަކަށް އަމުރުކޮށްފައިވާ ބައި، އާއްމު އުސޫލްތަކާ ޚިލާފަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަކީ ވެސް ބޭރަށް ނުފޮނުވަން އޮތް ހުރަހެއް ނޫން ކަމަށެވެ.

އިދިކޮޅު ހަރަކާތުގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޖެހީ ވެސް ގާސިމް ބަލި ހާލަތުގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމުންނެވެ. ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދުގައި ހުކުމް ތަންފީޒުކުރާ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ.