Roadha Mihaaru
ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ގަވާއިދު ހަދައިފި

އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ވިއްކުން މަނާކުރާ ގޮތަށް ގަވާއިދު އެކުލަވާލައިފި

07 ސެޕްޓެމްބަރ 2017

ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ދުންފަތް ކޮންޓްރޯލްކުރަަން ކުރާ މަސައްކަތުގެ ދަށުން "ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި ގަވާއިދެއް ހަދައި، ރައީސް އޮފީހަށް ފޮނުވީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާ އެކުގަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ގަވާއިދު އެކުލަވާލާފައި ވަނީ ބޯޑުގެ ބެލުމުގެ ދަށުން، އެކަމާ ގުޅޭ ފަންނީ ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ ވެސް ލަފަޔާ އެއްގޮތަށް ކަމަށެވެ. އެ ގަވާއިދުގެ ތަފްސީލު ފަހުން އާއްމުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުންފަތް ކޮންޓްރޯލްކުރަން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާވާގޮތަށް ގަވާއިދު އެކުލަވާލާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މެސެޖްތައް މިހާރަށް ވުރެ ގިނަ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމަނަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެއިތުރުން، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތަކުން ވެސް ވަކިން ސިނގިރެޓް ނުވިއްކޭނެ އެވެ. އެ ގަވާއިދުގައިވާ ގޮތުން ފިހާރަތަކުން ވެސް ވިއްކަން ޖެހޭނީ މަދުވެގެން ފޮއްޓެކެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް ވެސް 30 ގްރާމަށް ވުރެން މަދުން ނުވިއްކޭނެ އެވެ.

މިއީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ. ދުންފަތުގެ ގެއްލުމާއި އޭގެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރު އަޅަ އެވެ.

ބައެއް ގައުމުތަކުގައި ވަކިން ސިނގިރެޓް ވިއްކުން މަނާކޮށްފައި ވަނީ ދުންފަތުގެ ތެރެއަށް އަލަށް ވަންނަ މީހުންނާއި ކުޑަކުދިން އެކަން ތަޖުރިބާކުރުމުގެ ފުރުސަތު ނުދިނުމަށެވެ. މިއީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ދުންފަތާ ދެކޮޅަށް އަޅާ އެންމެ ރަނގަޅު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި ރާއްޖެ އަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.