Roadha Mihaaru
ވަކި ސިނގިރެޓް ނުވިއްކޭ ގަވާއިދު ލަސްވާތީ ކަންބޮޑުވުން

ވަކިން ސިނގިރެޓް ނުވިއްކޭ ގަވާއިދު ގެޒެޓްކުރުން ލަސްވާތީ ކަންބޮޑުވެއްޖެ

22 ސެޕްޓެމްބަރ 2017

ދުންފަތުގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް އެކުލަވާލި ގަވާއިދު ގެޒެޓްކުރުން ލަސްވާތީ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުންފަތުގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް އެކުލަވާލި ގަވާއިދު ގެޒެޓްކުރުން ލަސްވާތީ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ.

ދުންފަތް ކޮންޓްރޯލްކުރަަން ކުރާ މަސައްކަތުގެ ދަށުން "ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި ގަވާއިދެއް ހަދައި، އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާއެކު ވަނީ ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

ދުންފަތުގެ ސިނާއަތުގެ ނުފޫޒާއެކު އެ ގަވާއިދު ގެޒެޓްނުކޮށްފާނެ ކަމުގެ ކަންބޮޑުވުން ސިއްހީ ދާއިރާ އާއި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ. އެކަމަކު އެ ގަވާއިދު ގެޒެޓް ނުކުރަން ނިންމި ކަމެއް ރަސްމީ ފަރާތްތަކުން އަދި ކަށަވަރެއް ނުވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ކެންސާ ސޮސައިޓީ އާއި ޓައިނީ ހާޓްސް އާއި ނާސިން އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުން އަންނަނީ ގަވާއިދު ވީހާވެސް އަވަހަށް ގެޒެޓްކުރަން ގޮވާލަމުންނެވެ. މިއީ، ދުންފަތް ހުއްޓުވުމަށާއި އަލަށް މި ވަބާގެ ތެރެއަށް ވަންނަ މީހުން މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ގަވާއިދެކެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވާހަކަ ދެއްކެވި ޑރ. އަރޫނާ ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރަން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާވާ ގޮތަށް އެކުލަވާލާފައިވާ ގަވާއިދު ވީހާވެސް އަވަހަށް ގެޒެޓްކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށެވެ. ދުންފަތާ ގުޅުން ހުރި ބަލިތަކުގައި މީހުން މަރުވާ ރޭޓު ރާއްޖޭގައި އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައި ވިދާޅުވީ ދުންފަތާ ހެދި ރާއްޖެ އިން އަހަރެއްގެ މައްޗަށް 350 މީހުން މަރުވަމުންދާ ކަމަށެވެ.

"މިއީ ސީރިއަސް އަދަދެއް. މި އަދަދުން ބަލާކަމަށްވާނަމަ ދުންފަތާ ހެދި ދުވާލަކަށް މީހަކު މަރުވޭ،" އަރޫނާ ވިދާޅުވި އެވެ.

ގަވާއިދުގެ މުހިއްމުކަން ފާހަގަކުރައްވައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ކުރެއްވި ޓުވީޓެއް.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މެމްބަރު އަދި އޭޑީކޭ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވެސް ވަނީ ގަވާއިދު ގެޒެޓް ނުކޮށްގެން ޓުވިޓާ މެދުވެރިކޮށް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މަންޒަރުތައް ހިމެނޭ މެސެޖްތައް މިހާރަށް ވުރެ ގިނަ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމަނަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެއިތުރުން، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތަކުން ވެސް ވަކިން ސިނގިރެޓް ނުވިއްކޭނެ އެވެ. އެ ގަވާއިދުގައިވާ ގޮތުން ފިހާރަތަކުން ވެސް ވިއްކަން ޖެހޭނީ މަދުވެގެން ފޮއްޓެކެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް ވެސް 30 ގްރާމަށް ވުރެން މަދުން ނުވިއްކޭނެ އެވެ.

މިއީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ. ދުންފަތުގެ ގެއްލުމާއި އޭގެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރު އަޅަ އެވެ.

ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި ރާއްޖެ އަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.