Roadha Mihaaru
ޑިޒްނީއާ ހެދި ނެޓްފިލިކްސް އަށް ގެއްލުން ވެދާނެބާ؟

މާވެލް އާއި ލޫކަސްގެ އުފެއްދުންތައް ދެން ފެންނާނީ ޑިޒްނީގެ ސްޓްރީމިން ސާވިސްގެ ތެރެއިން

10 ސެޕްޓެމްބަރ 2017

މިދިޔަ މަހުގެ ތެރޭގައި ޑިޒްނީން ވަނީ އެ މީހުންގެ އަމިއްލަ ސްޓްރީމިން ސާވިސްގެ ހިދުމަތް 2019 ގައި ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. މިއާއެކު ދެން އެންމެ ބޮޑު ހަބަރަކަށްވީ މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ސްޓްރީމިން ސާވިސް ނެޓްފްލިކްސް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ޑިޒްނީ އާއި ޕިކްޒާގެ އުފެއްދުންތައް ނުފެންނާނެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ތެރޭގައި ޑިޒްނީން ވަނީ އެ މީހުންގެ އަމިއްލަ ސްޓްރީމިން ސާވިސްގެ ހިދުމަތް 2019 ގައި ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. މިއާއެކު ދެން އެންމެ ބޮޑު ހަބަރަކަށްވީ މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ސްޓްރީމިން ސާވިސް ނެޓްފްލިކްސް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ޑިޒްނީ އާއި ޕިކްޒާގެ އުފެއްދުންތައް ނުފެންނާނެ ވާހަކަ އެވެ.

ޑިޒްނީން ސްޓްރީމިން ސާވިސް އަށް ނިކުންނާތީ، ނެޓްފްލިކްސްއާ އެކު ހަދާފައިވާ ޑިސްޓްރިބިއުޝަން އެގްރީމަންޓް އުވާލަން ނިންމާފައިވާކަން ވެސް ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ވަނީ މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.

ނެޓްފްލިކްސްގެ ޖާދޫގައި ޖެހިފައި ތިބި މީހުންނަށް މިހާރު ދޭން އޮތް ހިތާމަވެރި ހަބަރަކީ ކުރިއަށް އޮތް ތަނުގައި މާވެލް ސްޓޫޑިއޯ އާއި ލޫކަސް ފިލްމްސްގެ އުފެއްދުންތައް ވެސް ނެޓްފްލިކްސް އިން ނުފެންނާނެ ވާހަކަ އެވެ. އެހެންވެ މާވެލްގެ ސުޕަހީރޯ ފިލްމްތަކާއި ލޫކަސްގެ ސްޓާ ވޯސްގެ ފިލްމްތައް ދެން ނެޓްފިލްކްސް އިން ފެންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ އެވެ.

ޑިޒްނީގެ ސީއީއޯ ބޮބް މިހާރު ވަނީ ކުރިއަށް އޮތް ތަނުގައި މާވެލް އާއި ލޫކަސްގެ އުފެއްދުންތައް ޑިޒްނީގެ އޮނިގަނޑުގެ ތެރެއަށް ފައްތާކަން ކަށަވަރުކޮށް ދީފަ އެވެ.

އޭނާ ބުރާސްފަތި ދުވަހު ބުނީ ޑިޒްނީގެ މިހާރުގެ އަމާޒަކީ ސްޓްރީމިން ސާވިސްގެ ހިދުމަތަށް ނިކުންނާތީ އަހަރަކު ހަތަރު ފަސް އޮރިޖިނަލް ފީޗާ ފިލްމްގެ އިތުރުން ޓީވީ ސިލްސިލާތަކާއި ޓީވީ ފިލްމްތައް ވެސް އުފެއްދުން ކަމަށެވެ.

ނަމަވެސް ޑިޒްނީގެ ސްޓްރީމިން ސާވިސް ހިދުމަތް ދޭނެ އަގުތަކެއް އަދި ކަނޑައެއް ނާޅަ އެވެ.

މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ޗީފް ކޮންޓެންޓް އޮފިސަރު ޓެޑް ސަރަންޑޯޒް ބުނީ އެ މީހުން ފިކުރު ބޮޑުވާ ހިސާބަކަށް އަދި ނުދާ ކަމަށެވެ. އެހެންވެ ނެޓްފްލިކްސް އަށް ބަރޯސާވާ މީހުން ކަންބޮޑުނުވުމަށް ބުންޏެވެ.

"ޑިޒްނީން ސްޓްރީމިން އަށް ވަނުމަކީ ހެލްދީ ކޮމްޕެޓިޝަނެއްގެ ގޮތުގައި އަހަރެމެން ދެކެނީ،" ޓެޑް ބުންޏެވެ.