Roadha Mihaaru
މިހާރުގެ ރެސިޕީ: ކިރު

މިހާރުގެ ރެސިޕީ: ކިރު

30 ޖޫން 2016

ފުދޭނީ : 5 މީހުންނަށް

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ފުދޭނީ : 5 މީހުންނަށް

ކައްކަން ނަގާ ވަގުތު : 25 މިނެޓު

ބޭނުންވާތަކެތި

4 މޭޒުމަތީސަމުސާ ހަނޑޫ (ހިމުންކޮށް މުގުރާފައި ހުންނަ، އެއް ޖޯޑު ހޫނުފެނަށް އަޅައިފައި ވިހި މިނެއްޓު ވަންދެން ބަހައްޓައިފައި)

3 ޖޯޑު ފެން

1 ޖޯޑު ކާށިކިރު (ޕެކެޓުކިރު، ދިޔާ)

7 މޭޒުމަތީސަމުސާ ހަކުރު

9 އިންޗި ރާނބާފަތް

½ ޖޯޑު ހުވަނދުމާފެން ނުވަތަ ތިން ތިކި ރޯސް އެސެންސް

ހަދާނެ ގޮތް

ހަނޑޫކޮޅުގެ މަތީގައި ހުރި ފެންފޮދު އޮއްސައިލައިފައި، ހަނޑޫކޮޅު މިކްސްޗަރަށް އެޅުން. އޭގެ ތެރެއަށް ބައި ޖޯޑު ކާށިކިރު އަޅައިފައި ދެ މިނެއްޓު ވަންދެން ފުނޑާލުން. ފެނަށް ހަކުރުއަޅައިފައި ކައްކަން އުދުން. ހަކުރު ވިރެންދެން، އެއްކުރަމުން ކެއްކުން. ހަކުރުކޮޅު ވިރުނީމައި، މިކްސްޗަރުން ފުނޑި ހަނޑޫފުށް ޖޯޑު އަޅައިލުން. ފުށްޖޯޑު އަޅާއިރު ދޭފަތުން ރަނގަޅަށް އެއްކުރަންވާނެ. މި ކައްކާއިރު އުނދުން ހުންނަންވާނީ އާދައިގެ ވަރެއްގައި. އެއްކުރަމުން ކެއްކުން. ދިހަ މިނެއްޓު ފަހުން ކާށިކިރުފޮދު އަޅާލުން. ރާނބާފަތް އަޅައިފައި، ތިން މިނެއްޓު ވަންދެން ކައްކައިފައި އެސެންސް ނުވަތަ ހުވަނދުމާފެން އެޅުން. ހުވަނދުމާ ފެން އަޅާ ނަމަ، ހަކުރުފަނި ކައްކަންވާނީ ދޭއް ބައި ޖޯޑު ފެނުގައި.

މި ކިރު ކައްކަންވާނީ ތަންކޮޅެއް ބޮޑު ތެއްޔެއްގައި. އެހެންނޫނީ ކެކިގެން ބޭރަށް ބަންޑުންވާނެ. އަބަދުވެސް އުނދުން ބަހައްޓާނީ މެދު މިނެއްގައި. ކުރީ ޒަމާނުގައި ރޯދަމަހު ތަރާވީހަށް މި ކިރު ހަދާނެ. އާންމު ގޮތެއްގައި މި ކާނީ ކިރުފޮޅިއާ އެކު ނުވަތަ ފެންފޮޅިއާ އެކުގައި. އެކަމަކު، ހުހަށް ވެސް ކައިއުޅޭ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.