Roadha Mihaaru
މިހާރުގެ ރެސިޕީ: މަސް ބިރިޔާނި

މިހާރުގެ ރެސިޕީ: މަސް ބިރިޔާނި

04 ޖުލައި 2016

1 ކިލޯ ކަނޑުމަސް (ރިހަޔަށް ކޮށާފައި، އޭގެ ތެރެއަށް ބައި ސައިސަމުސާ އަސޭމިރުހާއި، ކުޑަ ލޮނުކޮޅެއް އަޅާފައި، ރަނގަޅަށް އެއްކޮށްލާފައި، 20 މިނެޓު ބަހައްޓާފައި ތެއްލާފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާ ތަކެތި

1 ކިލޯ ކަނޑުމަސް (ރިހަޔަށް ކޮށާފައި، އޭގެ ތެރެއަށް ބައި ސައިސަމުސާ އަސޭމިރުހާއި، ކުޑަ ލޮނުކޮޅެއް އަޅާފައި، ރަނގަޅަށް އެއްކޮށްލާފައި، 20 މިނެޓު ބަހައްޓާފައި ތެއްލާފައި)

10 ކުކުޅުބިސް (ފެނުކައްކާފައި މެދުން ފަޅާފައި)

3 ޖޯޑު ހަނޑޫ (ދޮވެފައި ހަލަންޏަށް އަޅާފައި)

70 ގުރާމު ކަޖޫ ނަޓު (ދެ ފަޅި ވަކިކޮށްފައި، ތެއްލާފައި)

50 ގުރާމު ހިކި މޭބިސްކަދުރު (ތެއްލާފައި)

3 ފިޔާ (ބޮޑު، އަރިމަތިން ކޮށާފައި، ތެއްލާފައި)

3 ފިޔާ (ބޮޑު، އަރިމަތިން ކޮށާފައި)

3 މޭޒުމަތީސަމުސާ ހަވާދު (ފުއްލާޖެހި، ރީނދޫ ދަޅު)

1 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓު

1 މޭޒުމަތީސަމުސާ މަސްޓަޑު ކިރިމު

1 ސައިސަމުސާ އިނގުރު (ގާނާފައި)

1 ސައިސަމުސާ ލޮނުމެދު (ގާނާފައި)

1 ސައިސަމުސާ އަސޭމިރުސް (މުގުރި)

½ ސައިސަމުސާ ދިރި (މުގުރި)

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރި)

½ ސައިސަމުސާ ރީނދޫ (މުގުރި)

ޝެފްރޮން (ދެއިނގިލި ކުރިން ހިފޭ ވަރުގެ، ބައި ޖޯޑު ފެނަށް އަޅާފައި)

4 ޗިކަން ކިޔުބު

1 ޖޯޑު ކިރު (ލެކްނޯ ނުވަތަ ކާށި)

ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު

ބިރިޔާންޏަށް އަޅާ ތެލުލި އެއްޗެހި ތައްޔާރު ކުރާނެ ގޮތް

ތެއްލާނީ ކުރިން ބޭނުން ކޮށްފައި ނުވާ ތެޔޮގަނޑެއްގައި. ފުރަތަމަ، ފިޔާތައް (3 ފިޔާ) ތެއްލަމުން ގޮސް ފިޔާތަކަށް މަޑު މުށިކުލަ އެރީމައި ނަގާފައި، ޓިޝޫއެއް މަތީގައި ފަތުރާލާފައި، ވަކިން ބެހެއްޓުން. ދެން ކުޑަކޮށް ރަތް ވަންދެން ކަނޑުމަސްކޮޅު ތެއްލުން. އެ އަށް ފަހު ކަޖޫނަޓު ތެއްލުން. އެ ވެސް މަޑު މުށިކުލަ އެރީމައި، ނަގާފައި ޓިޝޫއެއް މަތީގައި ވަކިން ބެހެއްޓުން. ދެން މޭބިސްކަދުރުތައް ތެއްލުން. މޭބިސްކަދުރުތައް ފުފުނީމައި، ނަގާފައި އެ ވެސް ވަކިން ބެހެއްޓުން.

ބަތް ހަދާ ގޮތް

ދެންމެ ތެއްލި ތެޔޮގަނޑުން ތެޔޮފޮދެއްގައި، ބާކީ ހުރި ފިޔާތަކުން އެއްބައި މީރުކޮށްފައި، އޭގެ ތެރެއަށް ހަނޑޫކޮޅު އެޅުން. ރަނގަޅަށް ހަނޑޫކޮޅު މުރަނަ ވީމައި، ރީނދުލާއި، ރާނބާފަތާއި، ސެފްރޮން އަދި ލޮނު އެޅުމަށް ފަހު، ހަނޑޫގަނޑު މަތިން އެއް އިންޗި ހުންނަ ވަރަށް ފެން އެޅުމަށް ފަހު ކެއްކުން. ހަނޑޫ ކެކެން ފެށީމައި 2 ޗިކަން ކިޔުބު (ކުޑަ ފެންފޮދެއްގައި) ގިރާލާފައި ހަނޑުލުގެ ތެރެއަށް އެޅުން. ބަތްއެތި ރަނގަޅަށް ހިނދުނީމައި، މަތި ޖަހާފައި ބެހެއްޓުން.

ހިކި ރިހަ ހަދާ ގޮތް

އަނެއްކާ ވެސް، ހަމަ އެ ތެޔޮގަނޑުން ތެޔޮފޮދެއްގައި، ބާކީ ދެން ހުރި ހުރިހާ ފިޔާތައް މީރުކޮށްފައި، އޭގެ ތެރެއަށް އިނގުރާއި، ލޮނުމެދު އެޅުން. ކުޑަކޮށް މުށިކުލަ އެރުމުން ދެބައި ކުޅަ އެއްބައި ނަގާފައި، ވަކިން ބެހެއްޓުން. ތެލީގައި ހުރި ބައިގެ ތެރެއަށް، ހަވާދު، ޓޮމާޓޯ ޕޭސްޓު، މަސްޓަޑު ކިރިމު، ބައި ޖޯޑު ކިރު، ރާނބާފަތް އަޅައިފައި، ހަވާދުކޮޅު ރޯފިލަންދެން ކެއްކުން.

އަނެއް ބައި ޖޯޑު ކިރުގެ ތެރެއަށް، ވަކިން ނެގި ފިޔާކޮޅާއި، ބައި ސައިސަމުސާ އަސޭމިރުސް، ދިރި، ފޮނިތޮށިކާފޫރުތޮޅި، ގިތެޔޮމިރުސް، ރާނބާފަތް އަޅާފައި ބެހެއްޓުން. މި ކިރުޖޯޑު، އޭގެ ތެރެއަށް އެޅުން. ދެ ޗިކަން ކިޔުބު، (ކުޑަ، ހޫނު ފެންފޮދެއްގައި ގިރާފައި) އޭގެ ތެރެއަށް އަޅާފައި، ތެއްލާފައި ހުރި މަސްކޮޅު އެޅުމަށް ފަހު، ކެކިގަތީމައި ހިކަނދިފަތް އެޅުން. މި ރިހަ ހުންނާނީ ހިކިކޮށް. މި އަށް ފެން އަޅާކަށް ނުޖެހޭނެ.

އެއްކުރާ ގޮތް

ވަކި ތެއްޔެއްގައި، ފުލަށް ކުޑަކޮށް ހޫނުކޮށްފައި، ކެއްކި ބަތް އެތިން ދެބައިކުޅަ އެއްބައި ތެލީގައި ފަތުރާލުން. އެ އަށް ފަހު، އޭގެ މަތީގައި، ކެއްކި ހިކިރިހައިގެ ވެސް ދެބައިކުޅަ އެއްބައި ފަތުރާލުން. އޭގެ މަތީގައި ކުކުޅު ބިސް (ފަޅާފައި ވާ 5 ބިސް) އަތުރާލުން. އޭގެ މަތީގައި، ކަޖޫނަޓާއި، މޭބިސްކަދުރާއި، ތެއްލި ފިޔާ (ކޮންމެ އެއްޗެއްގެ ވެސް ދެބައިކުޅަ އެއްބައި) ފަތުރާލުން. ދެން ބާކީ ހުރި ބަތް ފަތުރާލުން. ބާކީ ހުރި ހިކިރިހަ ފަތުރާލާފައި، އަނެއް ފަސް ކުކުޅު ބިސް އަތުރާފައި، ފިޔަޔާއި، މޭބިސްކަދުރާއި، ކަޖޫނަޓު ކޮޅު ފަތުރާލުމުން މަސް ބިރިޔާނި ތައްޔާރު ވީ.

މި ބިރިޔާނި ކާއިރު، ތެލީގެ މެދުން ނުނަގައި، އެއް ފަރާތަކުން ނެގުން. މިޔާ އެއްކޮށް، ކުދީނާ ސަޓަނި ނުވަތަ ޓޮމާޓޯ ސަޓަނި ވަރަށް މީރު ވާނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.