ޕާމް ބީޗް ރިސޯޓުގެ ހުއްދަ ސަރުކާރުން ބާތިލުކުރުމުން ރިސޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
12 ސެޕްޓެމްބަރ 2017
ޕާމް ބީޗް ރިސޯޓުގެ ހުއްދަ ސަރުކާރުން ބާތިލުކުރުމުން ރިސޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ޅ. މަދިރިގުރައިދޫގައި އެ ރިސޯޓު ހިންގާ އިޓަލީގެ ސަން ސްޕޯޓިން ހޮލިޑޭސްގެ ޑިރެކްޓަރު ރެފެއްލޯ ރޮސީ ޓުއާ އޮޕަރޭޓަރުންނަށް ފޮނުވި މެއިލެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅަކާ ގުޅިގެން އެ ރިސޯޓުގެ އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް ހުރަސް އެޅިފައިވާތީ ބުކިންތައް ހެދުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު ބުކިންއެއް ގަބޫލުކުރެވެން ނެތް ކަމަށާއި އަދި މިހާތަނަށް ހަދާފައިވާ ބުކިންތަކަށް ވެސް ޔަގީން ކަމެއް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ތިޔަ ފަރާތަށާއި މިރަށުގައި ތިބި ގެސްޓުންނަށް ލިބޭނެ، އޭގެ އިތުރުން ތިޔަ ފަރާތުގެ ގެސްޓުންނަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރަން އަޅުގަނޑުމެންނާ ގުޅިފައިވާ އެހެން ރިސޯޓުތަކުގެ އެހީތެރިކަމާ އެކު މިދަނީ މަސައްކަތްކުރަމުން. އަދި މިކަމާ ގުޅޭ މައުލޫމާތު ތިޔަ ފަރާތަށް ވަގުތުން ފޯރުކޮށްދެމުން ގެންދާނަން،" އެ މެއިލްގައި ވިދާޅުވެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ރަށާ މެދު އެޅީ ކޮން ފިޔަވަޅެއް ކަމެއް ސާފުކުރެވޭ ގޮތެއްނުވި އެވެ. އެކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އަށް ގުޅުމުން އެތަނުން ބުނީ އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެވޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯމް ހުށަހެޅުމުން ކަމަށެވެ.
ޅ. އަތޮޅުގައި އޮންނަ ޕާމް ބީޗް ރިސޯޓު: އެތަނުގެ ހުއްދަ ބާތިލުކުރުމުން އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި. ފޮޓޯ: ޕާމް ބީޗް
ސަރުކާރުން އެޅި ފިޔަވަޅާ ގުޅިގެން އެ ރިސޯޓަށް ބުކިންތައް ހެދުން ހުއްޓާލާފައިވާ ކަމަށް މަޝްހޫރު ބުކިން ސައިޓްތައް ކަމަށްވާ ބުކިން ޑޮޓްކޮމް އާއި އަގޯޑާ އަދި އެކްސްޕީޑިއާ ފަދަ ސައިޓްތަކުން ވެސް ހުއްޓާލިކަމުގެ ނޯޓިސް ޖަހާފައިވެ އެވެ.
މާލެއިން ފުރައިގެން 40 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ މ. ނޫރީ، އިބްރާހިމް އަލި މަނިކު ސަން ސްޕޯޓިން ހޮލިޑޭސް ކިޔާ ކުންފުންޏަކަށް ސަބްލީސްކޮށްފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގެ ސަބްލީސް އެގްރިމަންޓް ބާތިލުކުރަން އޭނާ ވަނީ މައްސަލައެއް 2013 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެއްބަސްވުމަށް އަމަލުކުރުމަށެވެ. އޭގެ ފަހުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް އަލި މަނިކު ސިވިލް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ނުގެންދަން ވެސް އަމުރުކޮށްފަ އެވެ. އެކަމަކު ސަބްލީސް އެގްރިމަންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.
ހަތަރު ތަރީގެ ފެންވަރަށް ހިންގާ 138 ކޮޓަރީގެ ރިސޯޓު އޮޕަރޭޝަން ވަގުތީ ގޮތުން މިމަހުން ފެށިގެން ހުއްޓާލާފައިވީ ނަމަވެސް ވަރަށް މަދު ގެސްޓުން އަދިވެސް އެބަ ތިބި ކަމަށްވެ އެވެ.
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ