Roadha Mihaaru
ފީ ހޯދަން ގޭގެއަށް އެދަނީ ވެމްކޯއަކުން ނޫން: ތޯރިގު

ފީ ހޯދަން ގޭގެއަށް އެދަނީ ވެމްކޯއަކުން ނޫން: ތޯރިގު

13 ސެޕްޓެމްބަރ 2017

ކުނި އުކުމުގެ ޚިދުމަތް ދޭ، ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގޭބިސީތަކަށް ގޮސް ފައިސާ ނުނަގާނެ ކަމަށާއި، އެކަން އެ ކުރަނީ އެހެން ބަޔަކު ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުނި އުކުމުގެ ޚިދުމަތް ދޭ، ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގޭބިސީތަކަށް ގޮސް ފައިސާ ނުނަގާނެ ކަމަށާއި، އެކަން އެ ކުރަނީ އެހެން ބަޔަކު ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގް ވިދާޅުވީ ގޭގެއަށް ގޮސް ފައިސާ ހޯދަން އެދެމުން އެދަނީ ވެމްކޯގެ މުވައްޒަފުން ނޫން ކަމަށެވެ.

ކުނި އުކުމުގެ މަހު ފީ ބަލައި ގަންނާނީ ވެމްކޯގެ އޮފީހަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުނި ބަލާ ދާ މީހުންނަށް ފީ ދައްކާކަށް ނުޖެހޭނެ. ވެމްކޯ އޮފީހުން ފީ ބަލައިގަންނައިރު ކުރިއަށް އޮތް ތަނުގައި އިންޓަނެޓް ބެންކިން އާއި ތާޑް ޕާޓީ މެދުވެރިކޮށް ފީ ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.

މިހާތަނަށް 17،180 ގޭ ބިސީއަކުން ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި އަމިއްލައަށް ކުނި އުކާލަން 1100 އަށް ވުރެ ގިނަ ފަރާތުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ -- މިހާރު ފައިލް ފޮޓޯ

އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ -- މިހާރު ފައިލް ފޮޓޯ

ގަވައިދުން ކުނި ބަލާ ނުދާ ކަމަށް އާންމު ބައެއް މީހުން ކުރާ ޝަކުވާތަކާ ގުޅިގެން ވެމްކޯގެ ސީއީއޯ މުހައްމަދު ޝިފާއު ވިދާޅުވީ މިހާރު ކުނި ނުނެގި ދަނީ ދުވާލެއްގެ މައްޗަށް 100 ވަރަކަށް ގެއިން ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރަން ގޮތްތަކެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ބަލައި ދާއިރު ގޭގެއަށް ވަންނަން ދިމާވާ ދަތިތަކާއި ކަސްޓަމަރުންނާ ބައްދަލު ނުވުމެވެ.

ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރޭގަނޑު 11:00 ގެ ކުރިން ހުރިހާ ގޭ ބިސީއަކަށް ކުނި ބަލައި ދާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު އިންޒާރު ދޭން ފަށާނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި އަދިވެސް ބިދޭސީންނާއި ބައެއް ދިވެހިން ގަވައިދާ ހިލާފަށް ކުނި އުފުލަމުން ދާ ކަމަށެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން އެފަދަ ފަރާތްތަކަށް އިންޒާރު ދޭނެ ކަމަށާއި ގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާކުރަން ފަށާނީ އަންނަ މަހު ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.