Roadha Mihaaru
ފުލުހުންނަށް އިތުބާރު ކުރަން ބޭނުން. ކުރެވޭނެތަ!

ފުލުހުންނަށް އިތުބާރު ކުރަން ބޭނުން. ކުރެވޭނެތަ!

30 ޖޫން 2016

ދިވެހި ފުލުހުންނަށް އަބަދު ވެސް ސިޔާސީ ނުފޫޒު އޮވެ އެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. ނަމަވެސް އެ ނުފޫޒުތަކުން އެއްކިބާވުމުގައި އެއް ފުލުހަކާއި އަނެއް ފުލުހަކާ ތަފާތުވެ އެވެ. ފެބްރުއަރީ 7ގެ ހާދިސާއަކީ ފުލުހުން ސިޔާސީ ނުފޫޒުގެ ތެރޭގައި ތާށިވެފައިވާ މިންވަރުގެ އަލިގަދަ ހެއްކެކެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ދިވެހި ފުލުހުންނަށް އަބަދު ވެސް ސިޔާސީ ނުފޫޒު އޮވެ އެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. ނަމަވެސް އެ ނުފޫޒުތަކުން އެއްކިބާވުމުގައި އެއް ފުލުހަކާއި އަނެއް ފުލުހަކާ ތަފާތުވެ އެވެ. ފެބްރުއަރީ 7ގެ ހާދިސާއަކީ ފުލުހުން ސިޔާސީ ނުފޫޒުގެ ތެރޭގައި ތާށިވެފައިވާ މިންވަރުގެ އަލިގަދަ ހެއްކެކެވެ.

އެ ހާދިސާ އިން ތިން ކަމެއް ފާހަގަކުރެވެ އެވެ. ފުރަތަމަ ކަމަކީ ފުލުހުންނަށް ސިޔާސީ ނުފޫޒު އޮތް ކަމާއި އޮތް މިންވަރެވެ. ދެ ވަނަ ކަމަކީ، ސިޔާސީ ނުފޫޒާ އެކު އަންނަ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުންގެ ބައެއް ވެރިން ތަބާ ވަމުންދާ ކަމެވެ. ތިން ވަނަ ކަމަކީ އެފަދަ އަމުރުތައް ތަންފީޒު ކުރުމަށް ދަށް ރޭންކުތަކުގެ ފުލުހުންނަށް ފިއްތުންތައް ކުރިމަތިކުރުވާ ކަމެވެ. ހަތަރު ވަނަ ކަމަކީ އެފަދަ އަމުރުތަކަށް ބޯލަނބަން ބޭނުން ނުވާ ބަޔަކު ވެސް ފުލުހުންގެ ތެރޭގައި އުޅޭ ކަމެވެ.

އެ ފަދަ އަމުރުތަކަށް ފުލުހުން ތަބާވުމުގެ ނަތީޖާއަކަށް ވަނީ، ރައްޔިތުންގެ މެދުގައި ފުލުހުންނާ މެދު އިތުބާރު ގެއްލުމެވެ. ނަފްރަތާއި ރުޅިވެރިކަން އުފެދުމެވެ. ފެބްރުއަރީ 7ގެ ހާދިސާ އަށް ފަހު، އެއް ބައެއްގެ މެދުގައި ފުލުހުން ސިފަކުރެވިގެން ދިޔައީ ފައިސާ އަށް ވިކޭ ބައެއްގެ ގޮތުގަ އެވެ. "މަނީ މަނީ، ޔެސް ސާ" އޭ ކިޔައި ފުލުހުންނާ ފޮށެން ފެށި އެވެ. އަނެއް ބައެއްގެ ކުރިމަތީގައި އެއީ ގާނޫނުގެ ވެރިކަން ނެގެހެއްޓި ބަތޮލުންނެވެ.

އެއަށް ފަހުގައި ފުލުހުންގެ ތަސައްވުރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ރިއާސީ ލޯންޗުކޮޅު ފިނިފެންމާ ގޮއްވައިލި ހާދިސާ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ފަޅާއެރި ހިސާބުން، ފުލުހުންގެ މުއައްސަސާ އޮތީ އިހު އޮތް ހާލަތަށް ވުރެ ވެސް ދަށުގައި ކަން ހާމަވި އެވެ.

"ފިނިފެންމާ" ހާދިސާއާ ގުޅިގެން އޮކްޓޫބަރު 25، 2015 ގައި ގައުމާ މުޚާތަބުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ރަސްމީ އަދި ނުރަސްމީ އެކި ވަސީލަތްތައް، ދައުލަތުގެ ބަޖެޓުގެ ބޭރުން ފުލުހުންނަށް ފަހިކޮށްދެއްވައިގެން ފުލުހުން މުޅި މުއައްސަސާ އޮތީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ މުށު ތެރޭގައި ކަމަށެވެ. އަދި އެ ފުރުސަތު ފަހިކޮށްދިނީ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއީ އެމަގާމުގައި ހުންނަވާ ބޭފުޅަކު ފުލުހުންގެ މުއައްސަސާ ތެރެއަކަށް މިކަހަލަ ނުފޫޒެއް ވަންނަން ޖާގަ ދީގެން ނުވާނެ. އެހެން ނަމަވެސް އެ ޖާގަ އެވަނީ ދީފައި. އެސަބަބަށް ޓަކައި އަޅުގަނޑު ނިންމިން، އޭނާ ގާބިލު ނޫން ކަމަށް،" ރައީސް ވިދާޅުވި އެވެ.

މި ރިޕޯޓަށް ފުލުހުންގެ ބައެއް އޮފިސަރުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އަދީބުގެ ނުފޫޒު ފުލުހުންގެ ތެރެއަށް ފަތުރަން ފެށީކީ ނައިބު ރައީސްގެ މަގާމު ލިބުމަށް ފަހަކު ނޫނެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ވެސް، އޭނާ ޖެހި ބެރުގެ ހަމަތަކަށް ފުލުހުންގެ އެންމެ އިސް ވެރިން ދިޔައީ ނަށަމުންނެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ފުލުހުންގެ އިސް ވެރިންތަކެއް: ސިޔާސީ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ވެރިންގެ ކިބައިގައި ހުރެގެން ނޫނީ މުޅި މުއައްސަސާގެ އިތުބާރު ނުހިފެހެއްޓޭނެ. -- ފޮޓޯ: ޕޮލިސް

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ފުލުހުންގެ އިސް ވެރިންތަކެއް: ސިޔާސީ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ވެރިންގެ ކިބައިގައި ހުރެގެން ނޫނީ މުޅި މުއައްސަސާގެ އިތުބާރު ނުހިފެހެއްޓޭނެ. -- ފޮޓޯ: ޕޮލިސް

ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދާއި ރައީސް ޔާމީނާ ދެމެދު ގުޅުން ގޯސްވެގެން ދިޔައީ ވެސް އަދީބުގެ ނުފޫޒުގައި ފުލުހުން ލައްވައި ހިންގި ޖަރީމާތަކެއްގެ ސަބަބުންނެވެ. އިދިކޮޅު ފަރާތްތަކާ އެކު ޑރ. ޖަމީލު ގުޅުން ބާއްވާ ކަމަށް ދެއްކުމަށް، ފުލުހުންގެ އިންޓެލް ޑިޕާޓްމަންޓުން އަދީބަށް ތައްޔާރުކޮށްދިން ރިޕޯޓްތަކާއި، ވަގު ޗެޓްލޮގްތައް ފަދަ ކިތަންމެ އެއްޗަކީ، ޑރ. ޖަމީލާ މެދު އިތުބާރު ނެތް ކަމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި މައިގަނޑު ސަބަބެވެ.

ކޮންމެ ފަދަ ނުފޫޒެއް އޮވެގެން ވިޔަސް، ފުލުހުންގެ މުއައްސަސާއަކުން ވިޔަސް ކޮށްގެން ނުވާނެ ކަންތައް ހުންނާނެ އެވެ. ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން ކުދިކުދި ކަންތައް ކޮށްފައި ހުރެދާނެ އެވެ. ނަމަވެސް މީހުންނަށް ބޮޑެތި އަނިޔާ ލިބޭ ޒާތުގެ ޖަރީމާތައް ފުލުހުންގެ މުއައްސަސާއަކުން ހިންގައިގެން ނުވާނެ އެވެ.

އެކި ކަހަލަ ކުށްތައް މީހުންގެ ބޮލުގައި އެޅޭ ގޮތަށް ފުލުހުން ކަންތައް ކުރާ ކަމުގައި، ނުވަތަ މީހުން ފްރޭމްކުރާ ކަމުގެ ވާހަކަތައް ކުރިން ވެސް އަޑު އިވެ އެވެ. ގާޒީއަކު ސަރުކާރުގެ އޯޑަރުތަކަށް ބޯ ނުލެނބުމުން އޭނާ ފްރޭމްކޮށް މަސްތުވާތަކެތީގެ މައްސަލައެއް އޭނާގެ ބޮލުގައި އެޅުވުމަށް ފުލުހުން މަސައްކަތްކުރި ކަމަށް ގާޒީއަކު ވިދާޅުވި އެވެ. އަދި އެކަން އެނގިވަޑައިގަތީ ފުލުހުންގެ ތެރޭގައި އުޅޭ އެ ގާޒީގެ ރައްޓެހި ބައެއްގެ ފަރާތުން ކަމަށް ވެސް އެ ގާޒީ ވިދާޅުވި އެވެ.

އޭރު އެ ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެ އިން ފެނުނު ފިސްތޯލައިގެ ކަންތައް ހިނގައި ދިޔަ ގޮތުންނާއި، ފުލުހުންގެ ބައެއް އޮފިސަރުންގެ ވާހަކަތައް އިވުމުން، ގާޒީ އެ ދެއްކެވީ ވެސް އާރު ލާ ވާހަކަތަކެއް ކަމުގައި ގަބޫލުކުރެވެ އެވެ.

ނާޒިމްގެ ގެ އިން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައިގައި ވެސް ފުލުހުންގެ ނުބައި ދައުރެއް އޮތް ކަމަށް ގަބޫލުކުރެވެނީ ވެސް ސަބަބުތަކެއް ހުރެގެންނެވެ. އެހެން މީހަކު ގެންގުޅެފައިވާ ފިސްތޯލައެއް ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ހެދީ، ފުލުހުންގެ ބަޔަކު އެ ފިސްތޯލަ ހިފައިގެން އެ ގެ އަށް ވަދެ އެ ގޭގައި ބާއްވާފައި ކަމަށް ނާޒިމްގެ ދިފާއީ ވަކީލުން ވަނީ އެންމެ ފަހުން ސުޕްރީމް ކޯޓުގައި ވެސް ބުނެފަ އެވެ. އެ ވާހަކަ ފުލުހުން މިހާތަނަށް ދޮގުކޮށްފައެއް ނުވެ އެވެ.

އެއީ ތެދެއް ކަމުގައި ބަލަންޖެހޭ އަނެއް ސަބަބަކީ، އެ ބުނާ ފިސްތޯލައިގައި މީހެއްގެ އަތުގެ އިނގިލީގެ ނިޝާން ހުރި އިރު، ނާޒިމްގެ އަތުގެ އިނގިލީގެ ނިޝާނާ ދިމާ ނުވުމެވެ. އަދި ފިސްތޯލަ އިން ޑީއެންއޭގެ ސާމްޕަލެއް ލިބިފައިވާ އިރު، އެ ސާމްޕަލްގެ ޑީއެންއޭ އަދީބުގެ ޑީއެންއޭއާ ދިމާވުމެވެ. އެހެންކަމުން ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައަކީ، އޭނާ ތަކުރާރުކޮށް ވިދާޅުވާ ފަދައިން ފުލުހުން އޭނާ ފްރޭމްކޮށްގެން އުފެއްދި މައްސަލައެއް ކަމުގައި ގަބޫލު ކުރެވިދާނެ އެވެ.

ދަރުބާރުގެ: އޭޕްރިލް 4، 2016: ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާ.-- ފޮޓޯ: ޕޮލިސް

ދަރުބާރުގެ: އޭޕްރިލް 4، 2016: ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާ.-- ފޮޓޯ: ޕޮލިސް

"ކޮންމެ ގޮތަކުން ވިޔަސް މިވަރުގެ ކަމެއް ފުލުހުން ކޮށްގެން ނުވާނެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ﷲ ގަންދީ ހުވައި ކޮށްގެން އެ ކަމަށް ދައުލަތުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތައް ނަގައިގެން ތިބޭ މީހުން. މި މީހުން ހަތިޔާރު ހިފައިގެން ގޮސް އާންމު މީހެއްގެ ގޭގައި ބާއްވާފައި މި ބުނަނީ އެ ގޭގައި އެބަ ހަތިޔާރު ގެންގުޅެޔޭ. މި ކަހަލަ ކަންކަމަކީ މާފިޔާ ގުރޫޕްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުން ކުރާ ޒާތުގެ ކަންތައް. މިކަހަލަ ބޮޑެތި ޖަރީމާ ހިންގާ ފެންވަރަށް ފުލުހުންގެ މުއައްސަސާ ވެއްޓުނީމާ ދެން ވާނީ ކިހިނެއް،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

މި ފަދަ ކަންތައް މިހެން މެދުވެރިވާ ނަމަ، ސަރުކާރާއި ފުލުހުން ކިތަންމެ ވަރަކަށް އެދުނަސް ފުލުހުންނަށް އިތުބާރު ކުރުމަކީ އާންމުންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި ހުރިހާ ފުލުހުން އެފަދަ ކަންކަމުގައި ބައިވެރި ނުވި ކަމުގައި ވިޔަސް، ރަނގަޅު ފުލުހަކީ ކޮބައިކަމެއް ގޯސް ފުލުހަކީ ކޮބައިކަމެއް ވަކިކޮށް ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަތީޖާއަކަށް ވާނީ މުޅި މުއައްސަސާ އެ ބަދުނާމު ތަހައްމަލު ކުރަން ޖެހުމެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރަން ފުލުހުންގެ ތެރޭގައި ގޯސް ކޮށް ކަންތައް ކުރާ މީހުން އެބަތިބި ކަން. ހުރިހާ ތަނެއްގައި ވެސް ތިބޭނެ. އޭގެ މާނައަކީ ހުރިހާ ފުލުހުންނަކީ އެ ފަދަ ގޯސް ކަންތަކުގައި އުޅޭ މީހުންނެކޭ ނޫން. އަދި ޣައިރު ގާނޫނީ އަމުރު ކުރީމާ ނޫނެކޭ ބުނާ މީހުން ވެސް ފުލުހުންގެ ތެރޭގައި މަދެއް ނޫން. އެހެންވީމާ މުޅި މުއައްސަސާ ބަދުނާމު ކުރުމަކީ ރަނގަޅު ގޮތެއް ނޫން،" ފުލުހުންގެ ސީނިއާ އޮފިސަރަކު ވިދާޅުވި އެވެ.

އެއީ ރަނގަޅު ވާހަކައެކެވެ. ޣައިރު ގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ކިތަންމެ ފުލުހުންނެއް އެބަ ތިއްބެވެ. އެކަމަކު ނޫނެކޭ ބުނުމުން ދެން ވަނީ ކިހިނެއް ހެއްޔެވެ؟

"އަޅުގަނޑު އޭރު ހުރީ ސެކްޝަނެއް ހިންގުމާ ހަވާލުވެ. އަޅުގަނޑާ ހަމައަށް އައި މައްސަލައެއް ބެލި އިރު ވަރަށް ގިނަ މުހިންމު ބޭފުޅުންތަކަކާ އެބަ ސުވާލު ކުރަންޖެހޭ އެކަން ވެފައި އޮތް ގޮތެއް ބެލުމަށް. އަޅުގަނޑު އެވާހަކަ ދެންނެވީ ކުރީގެ ސީޕީ އަށް. ސީޕީ ބައްލަވާލަންވަން އެ ފައިލް ނަންގަވާފައި އޭގެ ދެތިން ދުވަސް ފަހުން އަޅުގަނޑަށް ސީޕީ އަނގަބަހުން އެންގެވީ އެ މައްސަލަ ކުރިއަށް ނުގެންގޮސް ފައިލް ކުރަން. އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ އަމިއްލަ ނިންމުމެއްގެ ގޮތުގައި މި މައްސަލަ ފައިލް ނުކުރާނަމޭ. ސީޕީ ލިޔުމަކުން އެންގެވީމައޭ ފައިލް ކުރެވޭނީ. އޭގެ އަނެއް ދުވަހު އަޅުގަނޑުގެ މައްޗަށް ހަމަޖެއްސީ އަޅުގަނޑަށް ވުރެ ދަށް ރޭންކެއްގެ އޮފިސަރެއް. ދެން އަޅުގަނޑާ އެއްވެސް މަސައްކަތެއް ހަވާލު ނުކޮށް ހަމަ އެހެލާފައި ބެހެއްޓީ،" ފުލުސް އޮފިސަރަކު ވިދާޅުވި އެވެ.

ޣައިރު ގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނުމުން ވަރަށް ގިނަ ފުލުހުންނަށް ދިމާވަނީ މި ހާލަތެވެ. އެހެން ވިޔަސް ފުލުހުންނަށް އިތުބާރު ކުރަން އާންމު ރައްޔިތުން ބޭނުންވެ އެވެ. ފުލުހުންނަކީ ރައްޔިތުންގެ ހިދުމަތުގައި ތިބި ބައެއް ކަމުގައި ގަބޫލުކުރަން ވެސް ބޭނުންވެ އެވެ. އެކަމަކު ވެސް، ސިޔާސީ ނުފޫޒުތަކުގެ ތެރޭގައި ފިއްތާލައިގެން ފުލުހުން ލައްވައި ނުބައި ހައްދުވަމުންދާހާ ހިނދަކު އެ އިތުބާރު ގާއިމުކުރެވޭނެ ހެއްޔެވެ؟ މީގައި ގޯހީ ހަމައެކަނި ފުލުހުންނެއް ނޫނެވެ. ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާ މީހުންގެ ޒިންމާ ވަކިން ކުޑައެއް ނޫނެވެ.