Roadha Mihaaru
އެލައިޑްގެ ބިލިން ސިސްޓަމަށް ބަދަލުތަކެއް ގެނެސްފި

އެލައިޑްގެއާ ސިސްޓަމް ބޭނުން ނުކުރާ ތަންތަނުން ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވެއްޖެ

15 ސެޕްޓެމްބަރ 2017

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އާ ބިލިން ސިސްޓަމް ބޭނުން ނުކުރާ ހޮސްޕިޓަލް، ކްލިނިކްތަކުން ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އާ ބިލިން ސިސްޓަމް ބޭނުން ނުކުރާ ހޮސްޕިޓަލް، ކްލިނިކްތަކުން ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

އެލައިޑުގެ ބިލިން ސިސްޓަމް ހަރުދަނާ ކުރުމުގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް މިއަދު ވިދާޅުވީ ދަތިތަކާ ކުރިމަތިވާނީ އާ ބިލިން ސިސްޓަމް ބޭނުން ނުކުރާ، ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި އެޑްމިޓް ނުކޮށް ފަރުވާދޭ މީހުންނަށް ކަމަށެވެ. ނަމަވެސް އެ ފަރާތްތަކަށް އިންޝުއަރެންސްގެ ޚިދުމަތް އެއްކޮށް ހުއްޓާނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ ސިސްޓަމް ބޭނުން ނުކުރާ ތަންތަނުން އެކަނި ދަތިތަކާ ކުރިމަތިވާނީ. އެ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން، ޚިދުމަތް ހޯދާ ވަގުތު ފައިސާ ދައްކަން ޖެހޭނެ. އެކަމަކު ފައިސާ ދެއްކި ސްލިޕް ހިފައިގެން އެލައިޑަށް އައުމުން އަޅުގަނޑުމެން އެ ފައިސާ އެ ފަރާތަކަށް ދޭނަން،" ނިއުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެލައިޑްގެ އަޔާދީ ތަކަފުލް ކަސްޓަމަރުންނަށް ވެސް އާ ބިލިން ސިސްޓަމް ބޭނުން ނުކުރާ ތަންތަނުން ޚިދުމަތް ހޯދަން ދަތިތަކާ ކުރިމަތިވާނެ އެވެ. ނަމަވެސް ބިދޭސީންނަށް ދެމުން އަންނަ "މެންޑެޓަރީ" ހެލްތް އިންޝުއަރެންސްގެ ހިދުމަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް.

އެލައިޑްގެ ބިލިން ސިސްޓަމަށް ގެނައި ބަދަލާއެކު، ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ވެސް އެލައިޑު އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

"އަޅުގަނޑުމެން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އައުޓް ޕޭޝެންޓުންނަށް ހިދުމަތް ދިނުމަށް ދަތިވަނީ. ބިލް ދެއްކުމަށް ފަހު އެ ސްލިޕް ހިފައިގެން އެލައިޑަށް ދިއުމުން ފައިސާ އަނބުރާ ލިބޭނެ،" އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް އެކަން ނިމޭނެ ވަކި ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.