Roadha Mihaaru
ބޭލްގެ ލަނޑާ އެކު މޮޅުވެ ރެއާލަށް ހަމަޖެހުމެއް

ބޭލްގެ ލަނޑާ އެކު މޮޅުވެ ރެއާލަށް ހަމަޖެހުމެއް

18 ސެޕްޓެމްބަރ 2017

މެޑްރިޑް (ސެޕްޓެމްބަރު 18) - ގަރެތު ބޭލްގެ ލަނޑާ އެކު 3-1 އިން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 18) - ގަރެތު ބޭލްގެ ލަނޑާ އެކު 3-1 އިން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑްވެފައިވާއިރު، އެންމެ ފަހުން ރެއާލް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން އެއްވަރުވުމުން އެ ޓީމަށް ވަނީ ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް ރޭ ރަށުންބޭރުގައި ސޮސިއެޑާޑް އަތުން ލިބުނު މޮޅާ އެކު އެޓީމަށް އާ ފެށުމަކުން ކުރިއަށްދާން ވަނީ ހިތްވަރު ލިބިފަ އެވެ.

ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ޒުވާން ފޯވާޑް ބޯހާ މަޔޮރާލް އެވެ. އޭގެ ނުވަ މިނިޓް ފަހުން ސޮސިއެޑާޑަށް އެއްވަރުކޮށްދިނީ ކެވިން ރޮޑްރިގޭސް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮޑްރިގޭސް އަތުން ބައިކޮޅަށް ވަން ގޯލަކުން ރެއާލަށް އަލުން ލީޑު ލިބުނެވެ.

ބޭލް ރެއާލުގެ ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފްގަ އެވެ. މިއީ ސޮސިއެޑާޑް ކޮޅަށް ބޭލް ކާމިޔާބުކުރި ހަ ވަަނަ ގޯލެވެ. މި މޮޅާ އެކު ރެއާލް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރޮނާލްޑޯ ނުލައި ރެއާލަށް ގިނަ މައްސަަލަތަކެއް ދިމާވިއިރު، ބޭލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެންނާތީ ސަޕޯޓަރުންގެ ފަރާތުން ގިނަ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. އެހެން ނަމަވެސް މި މެޗުގައި ބޭލްގެ ފަރާތުން ފެނުނު ގޯލާ އެކު އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

"ސަޕޯޓަރުންގެ ފާޑުކިޔުން ވެސް އަމާޒުވާނެ. އެއީ ފުޓްބޯޅައިގައި ގިނަ ފަހަރު ކަންތައް ދިމާވާގޮތް. އެކަަމަކު ޕްރޮފެޝަނަލް ކުޅުންތެރިއެއް ޖެހޭނެ މިހުރިހާ ކަމަކާ ކެރިގެން ކުރިމަތިލާން. އަހަރެންގެ ވިސްނުން އަބަދުވެސް ހުންނަނީ ބުރަ މަސައްކަތް ކޮށްގެން އިތުބާރު ހޯދަން،" ރޭގެ މެޗަށް ފަހު ބޭލް ބުންޏެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މެޗަށް ނުކުތީ މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.