Roadha Mihaaru
ބޭލް ވިދާލިއިރު ރެއާލަށް ބޮޑު މޮޅެއް

ބޭލް ވިދާލިއިރު ރެއާލަށް ބޮޑު މޮޅެއް

13 މެއި 2018

މެޑްރިޑް (މެއި 13) - ސްޕެނިޝް ލީގުގައި ރޭ ގަރެތު ބޭލްގެ މޮޅު ކުޅުމާ އެކު ރެއާލް މެޑްރިޑް 6-0 އިން ސެލްޓަ ވިގޯ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 13) - ސްޕެނިޝް ލީގުގައި ރޭ ގަރެތު ބޭލްގެ މޮޅު ކުޅުމާ އެކު ރެއާލް މެޑްރިޑް 6-0 އިން ސެލްޓަ ވިގޯ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ރެއާލް ލީގުގެ ތިން ވަނައިގައި އޮތީ 37 މެޗުން 75 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި ގެޓަފޭ އަތުން 1-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯ އަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާގައި ހުުރުމުން ރޭގެ މެޗުގައި ރެއާލުގެ ކުރިއަށް ކުޅުނީ ބޭލް އާއި ކަރިމް ބެންޒެމާ އެވެ. މެޗު ފަށައިގެން ފުރަތަމަ 30 މިނިޓް ތެރޭގައި ބޭލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ހާފު ނިމުމުގެ ކުރިން ރެއާލުގެ ތިން ވަނަ ގޯލު ޖެހީ އިސްކޯ އެވެ. ދެ ވަނަ ހާފުގައި ރެއާލުގެ އަޝްރަފް ހަކީމީ އާއި ޓޮނީ ކްރޫސް ލަނޑު ޖެހިއިރު، އެ ޓީމުން ކާމިޔާބުކުރި އަނެއް ގޯލަކީ ސެލްޓާގެ ސާޖީ ގޯމޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި ބޭލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފަހަކަށް އައިސް ރެއާލް ޓީމުން ލިބޭ ފުރުސަތުތަކުގައި ބޭލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ރެއާލަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ރޭގެ މެޗަށް ފަހު ބޭލް ބުނީ ސީޒަން ވަރުގަދަކޮށް ނިންމާލުމަކީ އޭނާގެ އެންމެ ބޮޑު ޓާގެޓް ކަމަށެވެ.

ރޭގެ މެޗަށް ފަހު ޒިދާން ބުނީ މި ވަގުތު ފުރުސަތުދޭ ކޮންމެ ކުޅުންތެރިޔަކު އަންނަނީ ތަފާތު ދައްކަމުން ކަމަށާއި މިއީ ޓީމު ނެގުމުގައި އޭނާ އަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

"ފުރުސަތުދޭ ކޮންމެ ކުޅުންތެރިއަކު ވެސް އެބަ ކުޅޭ އެންމެ މޮޅަށް. އަހަންނަށް މީގެއިން ލިބޭ ހިތްހަމަ ޖެހުމަކީ ޓީމު މޮޅުވުން. އެކަމަކު ޓީމު ނެގުމުގައި އޮތް ބޮލުގެ ރިހުން ވެސް ކުޑައެއް ނޫން. ދެން އޮތީ ދެ މެޗު މި ދެ މެޗަށް ޓީމު ނަގަންވީ ގޮތެއް ވިސްނަން ޖެހިފައި މި އޮތީ." ޒިދާން ބުންޏެވެ.