Roadha Mihaaru
ބޭލް ދެ މެޗަށް ސަސްޕެންޑް، ރޮނާލްޑޯ އަނިޔާގައި

ބޭލް ދެ މެޗަށް ސަސްޕެންޑް، ރޮނާލްޑޯ އަނިޔާގައި

04 މާޗް 2017

މެޑްރިޑް (މާޗް 4) - ސްޕެނިޝް ލީގުގައި މިރޭ އެއިބާއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އެ ޓީމުގެ ގަރެތު ބޭލް ދެ މެޗުގެ ސަސްޕެންޝަނެއްގައި ހުރިއިރު އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މާޗް 4) - ސްޕެނިޝް ލީގުގައި މިރޭ އެއިބާއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އެ ޓީމުގެ ގަރެތު ބޭލް ދެ މެޗުގެ ސަސްޕެންޝަނެއްގައި ހުރިއިރު އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލަސް ޕަލްމަސްއާ ދެކޮޅަށް ކުޅުނު މެޗުން 3-3 އިން އެއްވަރުވުމުން ރެއާލަަށް ލީގުގެ އެއް ވަނަ ވަނީ ގެއްލިފަ އެވެ. ލީގުގެ އެއް ވަނައިގައި މި ވަގުތު ބާސެލޯނާ އޮތީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެ ރެއާލް ދެ ވަނައިގައި އޮތީ 24 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.

ބޭލް ދެ މެޗަށް ސަސްޕެންޑް ކުރީ ލަސް ޕަލްމަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ރަތް ކާޑުގެ ސަބަބުންނެވެ. ރޮނާލްޑޯ އަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު މިރޭގެ މެޗުގައި އޭނާ އަރާމް ކުރުމަށް ފުރުސަތުދޭން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ނިންމައިފަ އެވެ.

"ރޮނާލްޑޯ އަށް ވަނީ އަނިޔާވެފައި. އޭނާ އަށް މި މެޗުގައި ކުޅެވޭނެ ހެނެއް ހިޔެއްނުވޭ. އަހަރެންނަކީ އަބަދުވެސް ކުރިއަށް ވިސްނާ ކޯޗެއް. މުހިއްމު މެޗުތަކަށް ބައެއް ކުޅުންތެރިން ފިޓްކޮށް ބަހައްޓަން އަހަރެން ބޭނުން،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ލީގުގެ އެއް ވަނަ ގެއްލުމުން ޕްރެޝަރަށް ގޮސް ކަންބޮޑުވާ ވަރަށް ޓީމުގެ ހާލަތު ގޯސްނުވާ ކަމަށެވެ.

"ލީގުގައި ކުރިޔަށް ގިނަ މެޗުތަކެއް އޮއްވައި އަދި ކަންބޮޑުވާ ހިސާބަކަށް ނުދޭ. ކުރީގައި އޮތް ޓީމަށް ވުރެން ރެއާލްގެ މެޗު މަދު. އެ ވެސް އަހަރެމެންނަށް އޮތް އެޑްވާންޓޭޖެއް. ޓީމުގެ ހާލަތު އަދި އޮތީ ކޮންޓްރޯލް ކުރެވޭ ހިސާބުގައި،" ޒިދާން ބުންޏެވެ.

އެއިބާ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:15 ގަ އެވެ.