Roadha Mihaaru
ރާއްޖެ-ޗައިނާ ފްރީޓްރޭޑް މަޝްވަރާތައް ނިންމާލައިފި

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރ 2017

ދިވެހިރާއްޖޭން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ ގޮތުން ކުރިއަށްގެންދިޔަ ވާހަކަތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ދިވެހިރާއްޖޭން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ ގޮތުން ކުރިއަށްގެންދިޔަ ވާހަކަތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީން ބުނީ ފަހުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ މި މަހުގެ 15-16 އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކަމަށެވެ. ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްކޮށް ހުންނަވައި މި އެއްބަސްވުމާ ބެހޭ ގޮތުން މީގެ ކުރިން ފަސް ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

ޗައިނާއާ އެކު ގާއިމުކުރާ އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރެވޭ މުދަލާއި ހިދުމަތުގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ލުއިފަސޭހަ ވެގެން ދާނެ ކަމަށް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މީގެ އިތުރުން ދިވެހި މަސްވެރިންނަށާއި، މަސް އަދި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދުނިޔޭގެ އެންމެ ބޮޑު ބާޒާރުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ،" އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ޗައިނާގެ އިތުރުން، ހޮންކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ އެންމެ ފަހުގެ މަޝްވަރާތައް ބޭއްވުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާނު ސަރުކާރަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޝްވަރާ އަށް ދައުވަތު ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ އެއްބަސްވުންތައް ގާއިމުކުރާއިރު ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ، ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ އިތުރު ފުރުސަތުތައް ފަހިކޮށް، މާލީ އަދި ބެންކިންގެ ވިޔަފާރީގައި ދިވެހި ވިޔަފާރިވެރިންނަށް މުއާމަލާތް ކުރެވޭނެ މަގު ހޯދައިދިނުން ކަމަށެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލި އިރު، އެ ގައުމުން ރާއްޖޭގައި އަންނަނީ ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ. ލޯނު އެހީގެ އިތުރުން ހިލޭ އެހީގެ ދަށުން ޗައިނާ އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަގު ވަނީ އެއް ބިލިޔަން ޑޮލަރަށް ވުރެ މަތިވެފަ އެވެ.