Roadha Mihaaru
ފަންނީ އެހީތެރިކަން ހޯދަން ޗައިނާއާ އެކު އެއްބަސްވެއްޖެ

ފަންނީ އެހީތެރިކަން ހޯދަން ޗައިނާއާ އެކު އެއްބަސްވެއްޖެ

13 މެއި 2019

ވިޔަފާރީގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަނާއި އިކޮނޮމިކް މިނިސްޓްރީއާ އެކު ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރީގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަނާއި އިކޮނޮމިކް މިނިސްޓްރީއާ އެކު ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަންގެ މިނިސްޓަރު ޒޭންގް މާއޯ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ މާހައުލުގައި ހުރި ދަތިތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަމަށް ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ތަޖުރިބާތައް ހިއްސާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އެކްސްޕާޓުންނާ އެކު މިފަދަ ކަންކަން ކުރިއަށް ގެންދާނަން. މާކެޓް ރެގިއުލޭޝަން، ކޮންސިއުމާ ޕްރޮޓެކްޝަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ވިޔަފާރި ފުޅާކުރާ އިރު ބައިނަލްއަގްވާމީ ގޮތުން ގޮތުން ގަބޫލުކުރާ މިންގަނޑުތަކަށް ތަބާވަން ޖެހޭ ކަމަށެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް ބަދަލުވާ އިރު ޗައިނާ ފަދަ ގައުމެއްގެ ތަޖުރިބާ ރާއްޖެއަށް ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒު ކުރަން ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ބާއްވައި މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.