Roadha Mihaaru
ތަށްޓެއް ހޯދުމަކީ މި ސީޒަނުގެ އަމާޒެއް: ކްލޮޕް

ތަށްޓެއް ހޯދުމަކީ މި ސީޒަނުގެ އަމާޒެއް: ކްލޮޕް

19 ސެޕްޓެމްބަރ 2017

ލިވަޕޫލް (ސެޕްޓެމްބަރު 19) - މި ސީޒަނުގައި ތަށްޓެއް ހޯދުމަކީ ލިވަޕޫލްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ސެޕްޓެމްބަރު 19) - މި ސީޒަނުގައި ތަށްޓެއް ހޯދުމަކީ ލިވަޕޫލްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މި އަހަރު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ އެވެ. އިނގިރޭސި ލީގު ކަޕްގައި މިރޭ ލިވަޕޫލް ރަށުންބޭރުގައި ކުޅޭނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ކްލޮޕް ބުނީ މިއީ އޭނާ ލިވަޕޫލާ އެކު ނުކުންނަ ފުރިހަމަ ދެ ވަނަ ސީޒަން ކަމަށާއި މި އަހަރުގައި ބޮޑު ކާމިޔާބީ އަކަށް އުއްމީދުކުރާ ކަމަށެވެ.

"މިއީ އަހަރެންގެ ދެ ވަނަ ފުލް ސީޒަން. މި ސީޒަނަށް ޓީމު ތައްޔާރު ކުރުމުގައި ވެސް އަހަރެން އެންމެ ބޮޑަށް ވިސްނީ ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުޅުންތެރިން ހޯދަން. އަހަރެން އެންމެ ބޭނުންވި ގޮތަށް ކަންތައްތައް ނުދިޔަ ނަމަވެސް މި ޓީމުގައި އޮތީ ތަށްޓެއް ގެނެވޭނެ ފެންވަރުގެ ކުޅުންތެރިން،" ކްލޮޕް ބުންޏެވެ.

ލެސްޓާއާ ދެކޮޅަށް މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލުން ބަދަލުތަކެއް ފެންނާނެ އެވެ. މި މެޗުގައި ނިމިދިޔަ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށް ލިވަޕޫލަށް ބަދަލުވި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ފުރަތަމަ ފަަހަރަށް ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"އަލެކްސް (ޗަމްބަލެއިން) އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެން ބޭނުންވި ކުޅުންތެރިއެއް. އެކަމަކު މި ޓީމު ކުޅޭގޮތަށް އަލެކްސް ހޭނެއް ވަގުތު އެބަ ބޭނުންވޭ. އޭނާގެ ކުރިއެރުން ފަރިތަކުރުންތަކާއި މެޗުތަކުގައި އަހަރެން ވަރަށް ގާތުން ބަލަމުން މިދަނީ،" ކްލޮޕް ބުންޏެވެ.

އޭނާގެ އިތުރުން މިރޭގެ މެޗުގައި ސާބިއާގެ މިޑްފީލްޑަރު މާކޯ ގްރުޔިޗާއި ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ފުރަތަމަ އެގާރައިގައި ކުޅޭނެ އެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ލެސްޓާ އިން ވެސް ޓީމަށް ބަދަލުތަކެއް ގެންނާނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ އެ ޓީމުގެ އެއް ނަންބަރު ފޯވާޑް ޖޭމީ ވާޑީ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.

ލިވަޕޫލާއި ލެސްޓާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.