Roadha Mihaaru
ހުކުމާ އެއްގޮތަށް ޓެކްސް ނުދެއްކި ބަޔަކު ގޭ ބަންދަށް

ހުކުމާ އެއްގޮތަށް ޓެކްސް ނުދެއްކި ދެ މީހަކު ގޭ ބަންދު

19 ސެޕްޓެމްބަރ 2017

ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކި ދެ މީހަކު އެއް މަހަށް ގޭ ބަންދުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކި ދެ މީހަކު އެއް މަހަށް ގޭ ބަންދުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހާއި މި މަހުގެ 13 ވަނަ ދުވަހު ދެ މީހެއްގެ މައްޗަށް ވަކިވަކިން އެ ހުކުމްކުރީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި އެ ދެ މީހުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ އެވެ.

އޭގެ ތެރެއިން އެކަކު ޖީއެސްޓީގެ ގޮތުގައި 824،000ރ. ދައުލަތަށް ދައްކަން ޖެހޭއިރު ދެން ހުރި މީހާ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކަން މިދިޔަ އަހަރު ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އެކަމަކު ހުކުމާ އެއްގޮތަށް އެ ދެ މީހުން އެ ފައިސާ ނުދައްކާތީ އެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކޯޓަށް ހުށަހެޅުމުން ކޯޓުން ހުކުމްކުރީ އެއީ އެ ދެ މީހުން އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ އެއް މަހަށް ގޭގައި ބަންދު ކުރުމަށެވެ. އަދި ކުރީގެ ހުކުމާ އެއްގޮތަށް އަމަލުކުރަން ހުކުމުގައިވަނީ އެ ދެ މީހުންނަށް އަންގައިިފަ އެވެ.

ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރާ ގޮތުގެ ގަވާއިދު ބުނާގޮތުން ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކޮށްގެން މައްސަލަ ހުށަހަޅައިފި ނަމަ ފުރަތަމަ ފަހަރު އެއް މަހަށް ގޭގައި ބަންދު ކުރެވޭނެ އެވެ. ދެވަނަ ފަހަރު ނަމަ އަރުވާލުން ނުވަތަ ޖަަލަށްލާން ހުކުމް ކުރެވޭއިރު ތިން ވަނަ ފަހަރު ނަމަ އަދަބު ކުރިއަށް ވުރެ ބޮޑު ކުރެވެ އެވެ.

ހުކުމާ އެއްގޮތަށް އަމަލު ނުކޮށްގެން އެންމެ ފަހު ފިޔަވަޅަކަށް އެޅެނީ ދަރަނި ދައްކަންޖެހޭ މީހާގެ މުދާ ޝަރީއަތުން ވިއްކާލައިގެން އެ ދަރަނި އަދާ ކުރުމެވެ. ޓެކްސް ފައިސާގެ މައްސަލަތައް ނޫނަސް ރަހުނު ނުހިމެނޭ ދަރަނީގެ އާންމު މައްސަލަތަކުގައި ވެސް އެގޮތަށް އަމަލު ކުރެވެ އެވެ.