Roadha Mihaaru
އީސީގެ މެމްބަރުންނަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި

އިލެކްޝަންސް ކޮމިޝަންގެ ވަކިވަކި މެމްބަރުންގެ މައްޗަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި

20 ސެޕްޓެމްބަރ 2017

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަކިވަކި މެމްބަރުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ހަތަރު މެމްބަރަކު މިއަދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަކިވަކި މެމްބަރުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ހަތަރު މެމްބަރަކު މިއަދު ދެއްވައިފި އެވެ.

އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވިދާޅުވީ އީސީން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަން އިއުލާން ކުރިތާ ދެ މަސްވީއިރު، އެކަން ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ދެއްކިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެއްވެސް ދާއިރާއެއްގެ ގޮނޑި ގެއްލޭނެ ހާލަތެއް ނެތް ކަން ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އަމުރާއި ލިޔުމުން އެނގޭ ކަމަށް އަމީތު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން (ކ-ވ) ސައުދު، ލަތީފް، ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން (ކ-ވ) ސައުދު، ލަތީފް، ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމުން ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު، އިންތިހާބު ވެސް އިއުލާނު ނުކުރުމަކީ ގޮނޑިތައް ނުގެއްލޭ ކަމަށް އީސީން ގަބޫލު ކުރާތީ ނިންމި ނިންމުމެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީސީ މެމްބަރުންގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާ މުޅީން ހިލާފަށެވެ. އެހެންވެ، ކޮމިޝަންގެ މެމްބަރުން މަގާމުތަކުން ދުރު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އީސީގައި މިހާރު ތިއްބެވި މެމްބަރުންނާއެކު ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

"ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ އަމުރުތަކަށް ގޮން ޖައްސަވައި ތިޔަބޭފުޅުން [އީސީގެ މެމްބަރުން] ކުރެއްވި ކަންތައްތަކުގެ ނަތީޖާ ތިޔަބޭފުޅުންނާ ބައްދަލު ކުރައްވާނެ،" އަމީތު ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލަ ގޮތުން ނަމަވެސް، ވަރަށް ސާފުކޮށް މި ދަންނަވަނީ މިއަދު އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ މައްޗަށް ވަކިވަކިން އަޅުގަނޑު ދައުވާ ކުރާނަން. މިއަދު ހީވެދާނެ އެބޭފުޅުންނަށް އިންސާފު ބައްދަލު ނުކުރައްވަނީ ކަމަށް. އެކަމަކު އެބޭފުޅުންނާ އިންސާފު އަރާ ހަމަ ކުރާނެ."

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި (ކ-ވ) ސައުދު، އަމީތު، ލަތީފް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި (ކ-ވ) ސައުދު، އަމީތު، ލަތީފް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އީސީގެ ނިންމުމުގެ ސަބަބުން ހަތަރު މެމްބަރުން ނުހައްގުން ޖަލަށްލައި، ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ. އެހެންވެ، އޭނާ ވަނީ ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމާއި މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ދެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދު ހުސެއިން ވެސް ވިދާޅުވީ ނުހައްގުން ޖަލަށްލައި، މެމްބަރުންނަށް އަނިޔާ ދިނުމުގައި ބައިވެރިވި މިނިވަން މުއައްސަސާތަކުގެ ވެރިންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އެބޭފުޅުންނާ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ސައުދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން މި ބޭފުޅުން [އީސީ މެމްބަރުން] ހައްޔަރުކޮށްފާނެ ކަންނޭނގެ. އަޅުގަނޑު އުންމީދު ކުރަނީ އެފަދަ ކަމެއް ހިނގަން ޖެހިއްޖެ މި ގައުމުގައި މިހާރު އޮތް ހާލަތުން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް އަދިވެސް ފުރުސަތު އެބައޮތެވެ. އެގޮތުން ވީހާވެސް އަވަހަކަށް ގާނޫނުގެ ތެރެއަށް ރުޖޫއަވެވަޑައިގަތުމަށް ސައުދު ގޮވާލެއްވި އެވެ.

ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަމަލުތަކުގެ ސަބަބުން އެބޭފުޅުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު ނާޅާ ފާއިތުވެގެންދާ ކޮންމެ ދުވަހަކު މިކަމުގައި ނާޖައިޒު ފައިދާތަކެއް ނަގާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. އެގޮތުން ވެރިކަން ކުރާ ޕީޕީއެމަށް ލާބަ އާއި މަންފާ ހޯދައި ދިނުމަށް ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމުން އެބޭފުޅުންގެ ދައުރު އަދާ ނުކުރެއްވެނީ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އެހެންވެ، ލަތީފް ވެސް ވަނީ ކޮމިޝަންގެ މެމްބަރުން ގާނޫނީ އިމުގެ ތެރެއަށް ވަޑައިގަތުމަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.