Roadha Mihaaru
ބައި އިލެކްޝަން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ބައި އިލެކްޝަންތައް ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

10 ސެޕްޓެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުންނެވެ.

އެ މައްސަލާގައި ބުނެފައި ވަނީ އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ، މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހާއި 16 ވަނަ ދުވަހު ކޮށްފައިވާ ހުކުމާ ޚިލާފަށް ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި އަސާސީ ހައްގުތައް ވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ އެ ކޯޓުގެ ހުކުމާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން އަޅާފައިވާ އިދާރީ ނިންމުން ބާތިލްވެފައިވާ ކަމަށް ކަނޑައަޅައި ކޯޓުގެ ހުކުމަށް އެ ކޮމިޝަނުން ތަބާވުމަށް އަމުރުކޮށްދިނުމަށެވެ.

އަމީތާއި ވައްޑެ އާއި ސައުދުގެ އިތުރުން ލަފީތުގެ ގޮނޑި ހުސްވެއްޖެ ކަމަށް އީސީން ނިންމި ނިންމުން ބާތިލު ކުރަން އެ ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ގޮނޑީގެ މައްސަލައާ ގުޅިގެން އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމައި އާންމުކުރި ބަޔާނުގައި، ގޮނޑި ގެއްލިފައިވާ ކަން ނުވަތަ ނުގެއްލޭ ކަން ވެސް ސީދާ ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ. އެކަމަކު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިލެކްޝަނުން އަންނަނީ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުންނެވެ.

އެ ދާއިރާގެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގޮނޑިތައް ނުގެއްލޭ ކަމަށެވެ. އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.