Roadha Mihaaru
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅަން ފަށައިފި

ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅަން ފަށައިފި

20 ސެޕްޓެމްބަރ 2017

ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފި އެވެ.

ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން އެ ފިޔަވަޅުތައް އަޅަނީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގެ ބޭނުމުގަ އެވެ. އެގޮތުން ހަތަރު ފިޔަވަޅެއް އެޅުމަށް ފިނޭންސުން ވަނީ އޮފީސްތަކަށް އަންގައިފަ އެވެ.

އެއީ:

1- އަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުތަކުގެ މަސައްކަތްތަކާއި މަރާމާތު ކުރުމަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުން.

2- ދެމުން ގެންދާ ޚިދުމަތްތައް މެދުކެނޑިޔަ ނުދިނުމަށްޓަކައި، ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކެޕިޓަލް ޚަރަދެއް ފިޔަވައި އެހެން އެއްވެސް ކެޕިޓަލް ޚަރަދެއް ނުކުރުން.

3- އޮފީސްތަކުގައި އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް، ކަންކަން ރާވައި ޑިއުޓީގެ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވައި، އެހެން އޮފީސްތައް މެންދުރު ފަހު އެންމެ ލަސްވެގެން 2:30 ގައި ބަންދުކުރުން.

4- ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފިޔަވައި ބަޖެޓުން ޚަރަދު ކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަ ނުކުރުން.

ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ފިނޭންސުން މި އަހަރު ވެސް އެންގިއިރު، މިއީ ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު އާންމުކޮށް އަމަލު ކުރަމުންދާ އުސޫލެކެވެ. އެއީ އަހަރު ނިމޭއިރު، އެ އަހަރެއްގެ ބަޖެޓުން ޚަރަދު ކުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓް ވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ، 303.7 މިލިއަން ރުފިޔާ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.