Roadha Mihaaru
ބަޖެޓުން 268 މިލިއަން ރުފިޔާ ހޯދަން އަމާޒު ހިފައިފި

268 މިލިއަން ރުފިޔާގެ އާމްދަނީ ހޯދަން ސަޕްލިމެންޓްރީ ބަޖެޓެއް

24 އޮކްޓޯބަރ 2017

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުން އާމްދަނީގެ ގޮތުގައި 268 މިލިއަން ރުފިޔާ ހޯދުމަށް އަމާޒު ހިފައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުން އާމްދަނީގެ ގޮތުގައި 268 މިލިއަން ރުފިޔާ ހޯދުމަށް އަމާޒު ހިފައިފި އެވެ.

އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަމުން ގެންދަވަނިކޮށް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވި ގޮތުގައި މި އަހަރަށް މަޖިލީހުން ފާސް ކުރި ބަޖެޓުގައި އާމްދަނީގެ ގޮތުގައި މިދިޔަ އަހަރަށް ވުރެ އިތުރަށް 985 މިލިއަން ރުފިޔާގެ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވިޔަސް، މި އަހަރު ލިބޭ އާމްދަނީ އެއަށް ވުރެ ދަށްވާނެ އެވެ.

މި އަހަރުގެ ތެރޭގައި އާ ކަންތައްތަކުން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރެވިފައިވީ ނަމަވެސް މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 592 މިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ. އެހެންކަމުން އާމްދަނީ ހޯދިދާނެ ގިނަ ކަންތައްތަކެއް ސަޕްލިމަންޓްރީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ލިޔުންތަކުގެ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް ގެންނަ އިސްލާހުން ލިބޭނެ ކަމަށް ބެލެވޭ އަށް މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި އިތުރުވާނެ ކަމަށް ބެލެވޭ 29 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ބައެއް ރިސޯޓުތަކުގެ މުއްދަތު 49 އަހަރަށް އިތުރު ކުރުމަށް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތިން ފަރާތަކުން ދައުލަތަށް ދައްކާ ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އިން، 231 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި އަހަރަށް މަޖިލީހުން ފާސް ކުރި ޖުމްލަ ހަރަދަކީ 22.2 ބިލިއަން ރުފިޔާ އެވެ. މިނިސްޓަރު ވިދާޅުވީ އަހަރުގެ މިހާތަނަށް ހިނގި ހަރަދަށް ބަލައި މި އަހަރު ހިނގާނެ ކަމަށް ލަފާ ކުރާ ޖުމްލަ ހަރަދަކީ 22.7 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 493 މިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓްރީ ބަޖެޓަކީ ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މި އަހަރު ހިނގާނެ ކަމަށް ބެލެވޭ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަކީ ގާނޫނުއަސާސީގެ ދަށުން ސަރުކާރަށް ލިބޭ ބާރެކެވެ.

މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާ އަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ. އެކަމަކު، އަލަށް ހުށަހެޅި ބަޖެޓާ އެކު ޑެފިސިޓް އެއަށްވުރެ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.