Roadha Mihaaru
ފޮނުވީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް

493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވައިފި

23 އޮކްޓޯބަރ 2017

ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މިއަހަރު ހިނގާނެ ކަމަށް ބެލެވޭ ޚަރަދުތައް ހަމަޖެއްސުމަށް 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މިއަހަރު ހިނގާނެ ކަމަށް ބެލެވޭ ޚަރަދުތައް ހަމަޖެއްސުމަށް 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސަޕްލިމަންޓްރީ ބަޖެޓަކީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ބެލެވޭތީ ގާނޫނުއަސާސީގެ ދަށުން ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ސަރުކާރަކުން މަޖިލީހަށް ހުށަހަޅާ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓެވެ. ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމެނޭ ތަފްސީލްތަކެއް އަދި ނޭނގެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު އިއްޔެ ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު އަމާޒުކޮށްފައި ވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި މަޖިލީހުން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނަށެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެންސްޕާ އަށް އަށް މި އަހަރު ދޭން ބަޖެޓުގައި ކަނޑައެޅީ 731 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ގާތްގަނޑަކަށް ނިމުނުއިރު، ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެއް، އެންސްޕާ އާއި އާސަންދަ އަށް ހޭދަވެފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ބަޖެޓުގައި ބައި އިލެކްޝަނަށް ޚާއްސަކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ސާފުނުވި ނަމަވެސް ހަ ދާއިރާއެއްގެ އިންތިހާބަށް 12 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާނު ވިދާޅުވި ގޮތުގައި ބަޖެޓުގެ އަދަދުތައް އާއްމު ކުރާނީ، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުންނެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން އުޅޭ ވާހަކަ އެންމެ ފުރަތަމަ ސަރުކާރުން ދެއްކީ މިދިޔަ ޖުލައި މަހު އެވެ. ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓު އައުމާ އެކު، އެ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ފޮނުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަން ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި އަންނަ އަހަރަށް ލަފާކުރާ އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފާސް ކުރުން ވަނީ އެޖެންޑާކޮށްފަ އެވެ.