Roadha Mihaaru
ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި

ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި

26 އޮކްޓޯބަރ 2017

ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު 39 ވޯޓާ އެކު މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު 39 ވޯޓާ އެކު މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު ފާސްކުރީ ހަމައެކަނި ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވާން އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އިދިކޮޅު ގިނަ މެމްބަރުން ކޮމިޓީގައި ބަޖެޓުގެ ބަހުސް މަރުހަލާގައި ވެސް ބައިވެރިއެއް ނުވެ އެވެ.

ބަޖެޓު ދިރާސާކުރި ކޮމެޓީގައި ބަޖެޓް ފާސްކުރަން ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުން ހިމެނޭ ގޮތަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އޭޑީކޭ އަހުމަދު ނާޝިދު ވޯޓު ދެއްވި އެވެ. އެކަމަކު ތަޅުމުގައި ބަޖެޓް ފާސްކުރަން ވޯޓު ނުދޭން އިދިކޮޅު ފަރާތްތަކުން ނިންމުމުން އެ ވޯޓުގައި ދެ ބޭފުޅުުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި އެންމެ ބޮޑަށް ހަރަދު ވާނެ ކަމަށް ބުނެފައިވާ ސިއްހީ ދާއިރާއަށް އެކަނިވެސް 330 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އިންޝިއުރަންސް ސްކީމަށް 300 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސިއްހީ ދާއިރާއާ ގުޅުން ހުރި ވަސީލަތްތައް ހޯދުމަށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ބަޖެޓުގައި ހިމެނުމަށް ހުށަހެޅި ކަންތައްކުގެ ހުލާސާއެއް:

- އައިޖީއެމްއެޗް އަދި ހެލްތު ދާއިރާ (30 މިލިއަން ރުފިޔާ)

- ސިއްހީ އިންޝުއަރެންސްގެ ނިޒާމު، އާސަންދަ (300 މިލިއަން ރުފިޔާ)

- މޯލްޑިވްސް ޕޮލިސް ސާވިސް (50 މިލިއަން ރުފިޔާ)

- އިލެކްޝަން (26 މިލިއަން ރުފިޔާ)

- ރީޖަނަލް އެއާޕޯޓްސް (40 މިލިއަން ރުފިޔާ)

- އެޑިއުކޭޝަން މިނިސްޓްރީ (47 މިލިއަން ރުފިޔާ)

މީގެ އިތުރުން އާމްދަނީ ހޯދިދާނެ ގިނަ ކަންތައްތަކެއް ސަޕްލިމަންޓްރީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން މި އަހަރުގެ ނިޔަލަށް 268 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ލިޔުންތަކުގެ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް ގެންނަ އިސްލާހުން ލިބޭނެ ކަމަށް ބެލެވޭ އަށް މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި އިތުރުވާނެ ކަމަށް ބެލެވޭ 29 މިލިއަން ރުފިޔާ އެވެ. މި ގާނޫނަށް ގެންނަނީ ކޮން ކަހަލަ ބަދަލުތަކެއް ކަމެއް ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފަައެއް ނުވެ އެވެ.

މީގެ އިތުރުން ބައެއް ރިސޯޓުތަކުގެ މުއްދަތު 49 އަހަރަށް އިތުރުކުރުމަށް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތިން ފަރާތަކުން ދައުލަތަށް ދައްކާ ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އިން، 231 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސަޕްލިމަންޓްރީ ބަޖެޓަކީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ބެލެވޭތީ ގާނޫނުއަސާސީގެ ދަށުން ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު 27 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަަނީ ވިދާޅުވެފަ އެވެ. މުނައްވަރު ވިދާޅުވީ 27 ބިލިއަން ރުފިޔާ އަށް ބަޖެޓު އެރުމާއެކު، 1.5 މިލިއަން ރުފިޔާގެ ޑިފިސިޓެއް ވާނެ ކަމަށާއި މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.3 އިންސައްތައިގައި ހިފަހެއްޓޭނެ ކަމަށެވެ.