Roadha Mihaaru
އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ އިދާރާ ހުޅުވައިފި

އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ އިދާރާ ހުޅުވައިފި

21 ސެޕްޓެމްބަރ 2017

ރާއްޖެ އިސްލާމްވިތާ 800 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ އިދާރާގެ ނަމުގައި ފުރަތަމަ ފަހަރަށް ވަކި އޮފީހެއް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އިސްލާމްވިތާ 800 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ އިދާރާގެ ނަމުގައި ފުރަތަމަ ފަހަރަށް ވަކި އޮފީހެއް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ބުރީގައި ގާއިމްކޮށްފައިވާ އެ އިދާރާ ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް އުފައްދާފައި ވަނީ، ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން 2016 ގަ އެވެ. އެ މަޖިލީހުގެ ގާނޫނީ ޒިންމާ އަކީ ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވާ ކަންކަމުގައި ގޮތްތައް ނިންމުމެވެ. އެ މަޖިލީހުގެ މަސައްކަތްތައް ކުރިން ހިންގަމުން އައީ އިސްލާމިކް މިނިސްޓްރީގަ އެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން މިއަދުގެ ހަފުލާގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން މިއަދުގެ ހަފުލާގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ މިހާތަނަށް ވެސް އެ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ހަތަރު ފަތުވާއެއް ނެރެ، ދެ ކަމެއްގައި އިރުޝާދު ދީފައިވާ ކަމަށެވެ.

ފަތުވާ މަޖިލީހުގެ މެމްބަރުން ތަމްރީނު ހޯދުމަށް އެހެން ގައުމުތަކުގެ ފަތުވާ މަޖިލިސް ތަކާއެކު ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ދުނިޔޭގެ ފާހަގަކޮށްލެވޭ ފަތުވާތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އިސްލާމީ ގައުމުތަކާއި އިސްލާމް ނޫން ގައުމުތަކުގައި އެފަދަ މަޖިލިސްތައް އޮންނައިރު، ރާއްޖޭގައި އެފަދަ މަޖިލީހެއް އުފައްދައި މަސައްކަތް ކުރަން ފެށުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

އެފަދަ މަޖިލީހެއްގެ މުހިންމުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެހެން އިސްލާމީ ގައުމުތަކުގައި ވަޒީރުންނަށް ވުރެ އިސް މަގާމުތަކުގައި އެފަދަ މަޖިލީހުގެ ބޭފުޅުން ތިއްބަވާ ކަމަށެވެ.

އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށް މިހާތަނަށް އެއްވެސް ވެރިއަކު ކުރައްވާފައި ނުވާ ފަދަ މުހިންމު މަސައްކަތްތަކެއް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރައްވާފައިވާ ކަން ވެސް ޝޭހު ރަޝީދު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދަމަހައްޓައި ގާނޫނުގައި ބުނެފައިވާ ގޮތަށް މަސައްކަތް ކުރާނެ މަޖިލީހަކަށް ވެގެންދާނެ އެވެ.