Roadha Mihaaru
ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ ތިނަދޫ ހަތަރަކަށް

ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ ތިނަދޫ ހަތަރަކަށް

20 ނޮވެމްބަރ 2017

ފަހު ސިކުންތު ކޮޅުގެ ތެރޭގައި އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް އަތުން 2-1 އިން މޮޅުވެ ގދ. ތިނަދޫ ލީގުގެ ހަތަރު ވަނަ އަށް މިއަދު ޖެހިލައިފި އެެވެ.

ފަހު ސިކުންތު ކޮޅުގެ ތެރޭގައި އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް އަތުން 2-1 އިން މޮޅުވެ ގދ. ތިނަދޫ ލީގުގެ ހަތަރު ވަނަ އަށް މިއަދު ޖެހިލައިފި އެެވެ.

ރޭ ގްރީން ސްޓްރީޓްސް ކުޅުނު މެޗުން މާޒިޔާ އަތުން ބަލިވުމުން މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ތިނަދޫ އަށް ހަތަރަކަށް އެރެން އޮތެވެ. އެހެން ނަމަވެސް އެ ޓީމު ވަނީ ތިން ޕޮއިންޓް ހޯދައި ހަތަރު ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ތިނަދޫ އަށް ވަނީ 13 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އަށް 13 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. މާޅޮހަށް 13 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އޮތީ ހަތް ވަނައިގަ އެވެ.

ފަހު މެޗުގައި ތިނަދޫ ކުޅޭނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. އަދި ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. ގަދަ ހަތަރެއް ކަަށަވަރުކުރަން ތިނަދޫ އަށް ފަހު މެޗުން ބޭނުންވަނީ ޕޮއިންޓެކެވެ.

މި މެޗު މާޅޮސް އިން ފެށީ މި ފަހަރު ލީގުގައި އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އަދި ތިނަދޫގެ ފުރަތަމަ އެގާރައިގައި އަހުމަދު ނޫމާން (ހެލްމެޓް) ނެތްއިރު، އަހުމަދު ގިތުރީސް ވަނީ ހިމެނިފަ އެވެ.

ތިނަދޫގެ ރިސްވާން (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫގެ ރިސްވާން (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 15 ވަނަ މިނިޓްގައި ތިނަދޫ އަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ އަށް ހުސް ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭރިއާ ތެރެއިން ލިބުނު މި ބޯޅަ އޭނާ ފޮނުވާލުން ލަސްކޮށްލުމުން މާޅޮހަށް ކުޅޭ ބިދޭސީ ޑިފެންޑަރު ބޯޓެން ވަނީ އެ ބޯޅަ ހޯދައިފަ އެވެ.

މެޗުގެ 23 ވަނަ މިނިޓްގައި މާޅޮހުން ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އަރިމަތިން މާޅޮހުގެ ކެޕްޓަން އިބްރާހިމް ނާއިފް ނަގައިދިން ހުރަހަކުން އާދަމް މާޖިދު އޭރިއާ ރޮނގުކައިރީގައި ހުރެފައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން ބޯޓެން ފޮނުވާލި ބޯޅަ އޭރިއާ ތެރެއިން އާރީ ފައިގައި ޖެހިފައި ގޯލު ކަނާ ދިމާ އަށް ދިޔަ ނަމަވެސް ތިނަދޫގެ ކީޕަރު ރުސްލާން ޒަނިބޭކޯވް ވަނީ އަތަށް ނަގައިފަ އެވެ.

ތިނަދޫ އަށް ލީޑުނަގައިދޭން މެޗުގެ 33 ވަނަ މިނިޓްގައި އަވީލާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އަހުމަދު ރިޒުވާން (ރިޒޭ) ހުސްކޮށްލާފައި ތިރިން ދިން ބޯޅަ އަވީލާ ފޮނުވާލި ނަމަވެސް މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު (އިބޫ) ވަނީ ފައިން މަތަކޮށްފަ އެވެ.

މެޗުގެ 40 ވަނަ މިނިޓްގައި އަލީ ވަސީމަށް ތިނަދޫ އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން އަލީ އިމްރާން ފައުލުކުރުމުން އެއީ ޕެނަލްޓީއެއް ކަމަށް ބުނެ މާޅޮހުގެ ކުޅުންތެރިންނާއި އެ ޓީމުގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ރިޒޭގެ ލަނޑުން ތިނަދޫ އިން ލީޑުނެގި އެވެ. އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެ ވަނަ ހާފު ފެށިގެން ހަތް މިނިޓް ތެރޭ މާޅޮހުން ވަނީ އަލީ ނާއިޒުގެ ބަދަލުގައި މުނޯޒް ކުޅެން އަރުވައިފަ އެވެ. މުނޯޒް ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވެ އޭނާ ވަނީ ލަނޑު ޖަހައި މާޅޮހަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 62 ވަނަ މިިޓްގައި ހާފުގެ މެދުތެރެއިން މުނޯޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ދަނޑީގައި ޖެހިފައި ބޯޅަ އެތެރޭގައި ޖެހިފައި ބޭރަށް ނުކުތުމުން ލައިންސްމަން ވަނީ ބޯޅަ ގޯލު ރޮނގު ހުރަސްކުރި ކަމަށް ނިންމައިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރިޒޭ (ކ) ތިނަދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރިޒޭ (ކ) ތިނަދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން އޭރިއާ ތެރެއިން ހުސްކޮށްހުރެ މާޅޮހުގެ މާޖިދު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. މި ހާފުގައި މާޅޮހުން ވަރަށް ބޮޑަށް މެޗު ލަސްކުރަން މަސައްކަތް ކުރި އެވެ. އަދި އެކަމާ ތިނަދޫ ބެންޗުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ތިނަދޫ އަށް އަލުން ލީޑުނަގައިދޭން އޭރިއާ ތެރެއިން އަހުމަދު ނިޔާޒް (ނިޔާ) އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެެރެއިން ރިޒޭ ދިން ބޯޅައަކުން ނިޔާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން މުހައްމަދު ރިސްވާން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ތިނަދޫ މޮޅުވި ލަނޑު ޗުމްޕު ކާމިޔާބުކުރީ ފަހު ސިކުންތުކޮޅުގެ ތެރޭގަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓް ހަމަވެ، ހަތް ވަނަ މިނިޓް ތެރޭ ޗުމްޕު މި ލަނޑު ޖެހީ އަވީލާ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

މެޗަށް ފަހު ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ މާޅޮހުން ވަރަށް ބޮޑަށް މެޗު ލަސްކުރިކަމަށާއި މިއީ އެއްވެސް ސަޕޯޓަރެއް ބަލަން ބޭނުންވާނެ ފުޓްބޯޅައެެއް ނޫން ކަމަށެވެ.

"ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމަށް ވިޔަސް މިއީ ފުޓްބޯޅައިގެ ބޭރުން ދިޔަ މެޗެއް. އެއީ ދިހަ ވަރަކަށް ފަހަރު އެއް ހާފުގައި ސްޓްރެޗަރު އެރުވީމަ އެއީކީ ފުޓްބޯޅައެއް ނޫން. އެ ކަހަލަ ރޫހު ގެއްލުވާލާފައި އޮތް އެއްޗަކުން ނަތީޖާއެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މި ވާހަކަ އަޅުގަނޑު ދައްކާތާ ހަތަރު އަހަރު ހަތަރު މަސް ދިހަ ވީމަ ކަންނޭނގެ. މިހިން ނަހަދާށޭ ބޯޅަ ހަލާކު ނުކުރާށޭ. އަޅުގަނޑުމެން އެޕްރިޝިއޭޓް ކުރަން ޖެހޭ މާޅޮސް ވެސް އައިސް ކުޅޭތީ. އެކަމު އެޕްރިޝިއޭޓް ނުކުރެވޭނެ މިހާ ދަށް ފެންވަރަށް ވެއްޓިގެން ކުޅޭ ފުޓްބޯޅަ،" ސުޒޭން ބުންޏެވެ.

މާޅޮހުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މެޗު ކުޅުނީ އެއްބަޔަކު މޮޅުވަންދެން ކަހަލަ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރިދެން. ދެ ވަނަ ހާފު ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ހީވި ކަހަލަ އެއް ބަޔަކު ލަނޑު ޖަހަން ދެން ކުޅުނު ހެން ވެސް. އެއީ ހަ މިނިޓް ދީފައި އަޅުގަނޑު ގަޑިބެލިއިރު 10 މިނިޓް ކުޅުނު. އެއީ ވެއްޓިގެން ހަތަރު މިނިޓެއް ނުދާނެ އެކަހަލަ ހިތްހަމަ ޖެހުންތަކެއް ހުރީ،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ މެޗު ލަސްކުރުމަކީ ފުޓްބޯޅައިގައި އޮންނަ ކަމެއް ކަމަށެވެ.

"އެއީ ޓެކްޓިކަލް އެއްޗެއް މުނޯޒް އަރައި ގޯލު ވެސް ޖެހި. އޭތި ވޯކް ވެސް ކުރި. އަޅުގަނޑުމެން ރާވައިގެން ލަސްކުރަން ނޫޅެން. އެކަމަކު ލަސްކުރުމަކީ ފުޓްބޯޅައިގެ ޕާޓެއް. އެކަން ކުރާނެ ހުރިހާ ޓީމަކުން ވެސް." ނިސްތާރު ބުންޏެވެ.

ލީގުގައި މިރޭ ކުޅޭނީ ކުޑަހުވަދޫ އާއި ށ. މިލަންދޫ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.