Roadha Mihaaru
ދީޕިކާގެ ބުމައިގެ ވާހަކަ ބޮޑު ބަހުސަކަށް

ދީޕިކާގެ ބުމައިގެ ވާހަކަ "ޕަދްމާވަތީ" ގެ ޕޯސްޓަރާ އެކު ބޮޑު ބަހުސަކަށް

23 ސެޕްޓެމްބަރ 2017

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމް "ޕަދްމާވަތީ" ގެ ފުރަތަމަ ޕޯސްޓަރާ އެކު، މީގެ ވާހަކަ މާ ތަފާތު ގޮތަކަށް މިހާރު ދެކެވެން ފަށައިފި އެވެ. ބަތަލާ ދީޕިކާ ޕަދްކޯން ޓައިޓްލް ރޯލް ކުޅޭ ފިލްމުގެ ދެ ޕޯސްޓަރެއް އިއްޔެ ދައްކައިލި އިރު، އެންމެ ބޮޑަށް އަޅައިގަތް އެއް ކަމަކީ އޭނާގެ ބުމަ ހުރި ގޮތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމް "ޕަދްމާވަތީ" ގެ ފުރަތަމަ ޕޯސްޓަރާ އެކު، މީގެ ވާހަކަ މާ ތަފާތު ގޮތަކަށް މިހާރު ދެކެވެން ފަށައިފި އެވެ. ބަތަލާ ދީޕިކާ ޕަދްކޯން ޓައިޓްލް ރޯލް ކުޅޭ ފިލްމުގެ ދެ ޕޯސްޓަރެއް އިއްޔެ ދައްކައިލި އިރު، އެންމެ ބޮޑަށް އަޅައިގަތް އެއް ކަމަކީ އޭނާގެ ބުމަ ހުރި ގޮތެވެ.

ޕޯސްޓަރުގައި ދީޕިކާ ފެންނަނީ ޔުނިބްރޯއެއްގަ އެވެ. މި ވައްތަރުގެ ބުމައަކަށް އެންމެ މަޝްހޫރު ބޮލީވުޑްގެ ބަތަލާއަކީ ކާޖޮލް އެވެ. ދެ ބުމަ ދޭތެރޭގައި އިސްތަށި ފަޅައި، ދެ ބުމަ އިންނަނީ އެކަތިވެފަ އެވެ. މި ފަހުން ކާޖޮލްގެ ބުމަ އަށް ބަދަލުތަކެއް އައިސްފައި ހުއްޓަސް، ފިލްމް ކުޅެން ފެށި އިރު، އޭނާއަކީ ވަރުގަދަ ޔުނިބްރޯއެއް ހުރި ބަތަލާއެކެވެ.

"ޕަދްމާވަތީ" ގައި ދީޕިކާ ފެނިގެން ދާނީ ކުރިން ކާޖޮލްގެ ހުރި ކަހަލަ ބުމައަކާ އެކުގަ އެވެ.

މި ފިލްމަކީ 13 ވަނަ ގަރުނުގެ ވަރަށް ނުފޫޒު ގަދަ ރާނީއެއްގެ ހަގީގީ ވާހަކަ ކިޔައިދޭ ފިލްމަކަށް ވާތީ ދީޕިކާގެ މޭކަޕްގެ ތެރެއިން ޔުނިބްރޯއެއް ގެނެސްފައި ވަނީ އަސްލު ކެރެކްޓާއާ ވީހާ ވެސް ވައްތަރު ކުރުމުގެ ގޮތުންނެވެ. ރާނީ ޕަދްމިނީގެ ފަތްފުށްތަކުން އެނގޭ ގޮތުގައި އޭނާގެ ހުންނަނީ ޔުނިބްރޯއެކެވެ.

ދީޕިކާ ޕަދްކޯން އަދި ރާނީ ޕަދްމިނީ (ވ): ދެ ބުމަ ހުންނަނީ ގުޅިފައި.

ދީޕިކާ ޕަދްކޯން އަދި ރާނީ ޕަދްމިނީ (ވ): ދެ ބުމަ ހުންނަނީ ގުޅިފައި.

އަނެއްކޮޅުން މި ފިލްމަކީ ބަންސާލީ ހަދާ ފިލްމަކަށްވާތީ ފިލްމުގެ އެންމެ ކުދިކުދި ޑިޓެއިލްތަކަށް ވެސް ހުންނާނީ ހަމަ އެންމެ ފުންމިނުން ބަލާލެވިފައި ކަމަށްވާތީ ދީޕިކާގެ މި ލުކަށް ހަގީގަތުގައި ކިޔާނެ ފާޑެއް ނެތެވެ. ޔަގީންވާ ކަމަކީ ދީޕިކާގެ އަސްލު ހުންނަނީ ޔުނިބްރޯއެއް ނޫން ކަމެވެ. އެހެންވެ ފިލްމެއްގައި ކުޅޭ ރޯލަކަށް މި ކަހަލަ ބަދަލެއް ގެނެސްފައި ހުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.

އެކަމަކު ޓްވިޓާގައި ޕޯސްޓަރަށް ޖޯކު ޖެހި ބައެއް މީހުން ވަނީ ކާޖޮލް އާއި ދީޕިކާ އަޅުވާކިޔައިފަ އެވެ. އެއް ބަޔަކު އަދި ބުނީ މިއީ "ޕަދްމާވަތީ" ގެ ޓީމުން ކާޖޮލް އަށް ޖެހި ޖޯކެއް ކަމަށެވެ. އަދި ދީޕިކާ "ކާޖޮލް ހެދިގެން އުޅޭތީ" މި ފިލްމް ބަލައިލުމުގެ ޝައުގުވެރިކަން މިހާރު މާ ބޮޑުވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ކަރަން ޖޯހަރްގެ ޓްވީޓް.

ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވަނީ "ޕަދްމާވަތީ" ގެ ޕޯސްޓަރުތައް ދައްކައިލުމާ އެކު އެއަށް ތައުރީފުކޮށްފަ އެވެ.

އޭގެ ތެރޭގައި ކަރަން ޖޯހަރް، ދިއާ މިރްޒާ، ހުމޭ ގްރެއިޝީ، އާލިއާ ބަޓް އަދި "ޕަދްމާވަތީ" ގެ އެއް ބަތަލު ރަންވީރް ސިންގް ވެސް ހިމެނެ އެވެ.

ދީޕިކާއާ އެކު ޝާހިދު ކަޕޫރް އަދި ރަންވީރު ލީޑް ރޯލުން ފެނިގެންދާ "ޕަދްމާވަތީ" ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ އެކެއްގަ އެވެ.

މި ފިލްމަކީ ދީޕިކާ އާއި ރަންވީރު އަދި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލަށް ލައިގެން ބަންސާލީ 2015 ގައި ގެނެސް ދިން "ބަޖިރާއޯ މަސްތާނީ" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.