Roadha Mihaaru
ރޮހިންޖާ ރެފިއުޖީން ވަނުން ހުއްޓިއްޖެ: ބަންގްލަދޭޝް

ރޮހިންޖާ ރެފިއުޖީން ވަނުން ހުއްޓިއްޖެ: ބަންގްލަދޭޝް

24 ސެޕްޓެމްބަރ 2017

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 24) - މިއަންމާ އިން އަންނަ ރޮހިންޖާ ރެފިއުޖީން ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށް ބަންގްލަދޭޝް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 24) - މިއަންމާ އިން އަންނަ ރޮހިންޖާ ރެފިއުޖީން ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށް ބަންގްލަދޭޝް އިން ބުނެފި އެވެ.

ރޮހިންޖާ ރެފިއުޖީން ވަނުން ހުއްޓިފައިވާ ކަމަށް ބަންގްލަދޭޝް އިން ބުނެފައި މި ވަނީ ވޭތުވެދިޔަ ހަތަރު ހަފުތާ ތެރޭ ހަތަރު ލައްކައެއްހާ ރެފިއުޖީން މިއަންމާ ބޯޑަރު ހުރަސްކޮށް އުނދަގޫ ދަތުރަކަށް ފަހު ބަންގްލަދޭޝް އަށް ވަދެފައި ވަނިކޮށެވެ. ރޮހިންޖާ ރެފިއުޖީން ރަކީން ސްޓޭޓް ދޫކޮށް ދާން ފެށީ މިދިޔަ މަހު 25 ވަނަ ދުވަހު ސިފައިންގެ ޕޯސްޓަކަށް ބަޔަކު ދިން ހަމަލާ އަށް ފަހު އުފެދުނު ހަމަނުޖެހުންތަކުގައި ކަމަށް މިއަންމާ ސިފައިން ބުނެ އެވެ.

ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ބުނީ ނަފް ކޯރު ހުރަސްކޮށް ރެފިއުޖީ އެއްވެސް ބޯޓެއް މިހާރު ނާންނަތާ ތިން ދުވަސް ވެއްޖެ ކަމަށެވެ. އަދި އެއްގަމު މަގުން ވެސް ރެފިއުޖީން ވަނުން ހުއްޓިފައިވާ ކަމަށް ބޯޑަރު ބަލަހައްޓާ ސިފައިން ބުނެ އެވެ.

ރޮހިންޖާ ރެފިއުޖީންގެ ބަޔަކު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ރޮހިންޖާ ރެފިއުޖީންގެ ބަޔަކު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ

"ރެފިއުޖީންގެ ހަރަކާތްތައް ހުއްޓިއްޖެ ކަމަށް ގާޑުންނަށް ފާހަގަ ކުރެވިފައި ވަނީ،" ބޯޑާ ގާޑް ބަންގްލަދޭޝް (ބީޖީބީ) ގެ ކޮމާންޑަރު އެސް.އެމް އާރިފުލް އިސްލާމް އޭއެފްޕީ އަށް ވިދާޅުވި އެވެ.

އެއްގަމު ބޯޑަރުގެ ބަލަހައްޓާ ސިފައިންގެ ކޮމާންޑަރު މަންޒުރޫލް ހަސަން ޚާން ވިދާޅުވީ ވޭތުވެދިޔަ ދެ ތިން ދުވަހު ރޮހިންޖާ އެއްވެސް ރެފިއުޖީއަކު އެތެރެވެފައި ނުވާ ކަމަށެވެ.

އދ. އިން ވެސް ބުނެފައި ވަނީ ރެފިއުޖީން ވަންނަ މިންވަރު ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށެވެ. ރެފިއުޖީން އެތެރެވާ އަދަދު އދ.ގެ އެޖެންސީތަކުން ކުރިން ކޮންމެ ދުވަހަކު ހާމަކުރި ނަމަވެސް މިހާރު ހާމަކުރަނީ ކޮންމެ އާދިއްތަ ދުވަހަކު އެވެ. ރެފިއުޖީން އެތެރެވުން ހުއްޓުނު ސަބަބެއް ބަންގްލަދޭޝް އިން އަދި އދ. އިން ވެސް ބުނެފައެއް ނުވެ އެވެ.

މިއަންމާގެ ލީޑަރު އަން ސަން ސޫކީ މިދިޔަ ހަފުތާގައި ދެއްވި ބަޔާނުގައި ވަނީ ރަކީން ސްޓޭޓުގައި ސިފައިންގެ އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.