Roadha Mihaaru
ރޮހިންޖާ ރެފިއުޖީންނަށް ބަންގާޅުން ވަކި ރަށެއް ހަދަނީ

ރޮހިންޖާ ރެފިއުޖީންނަށް ބަންގްލަދޭޝް އިން ވަކި ރަށެއް ހަދަނީ

30 ނޮވެމްބަރ 2017

ކޮކްސް ބާޒާރު (ނޮވެމްބަރު 30) - މިއަންމާ އިން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންނަށް ވަކި ރަށެއް ހަދަން 280 މިލިއަން ޑޮލަރުގެ މަޝްރޫއެއް ބަންގާޅު ސަރުކާރުން ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮކްސް ބާޒާރު (ނޮވެމްބަރު 30) - މިއަންމާ އިން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންނަށް ވަކި ރަށެއް ހަދަން 280 މިލިއަން ޑޮލަރުގެ މަޝްރޫއެއް ބަންގާޅު ސަރުކާރުން ފާސްކޮށްފި އެވެ.

ބޭ އޮފް ބެންގާލުގައި އޮންނަ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ބާޝަން ޗާ ރަށުގައި 100،000 ރެފިއުޖީން ވަޒަންވެރި ކުރުވަން ބަންގްލަދޭޝް އިން ބޭނުންވެ އެވެ. ބަންގްލަދޭޝް އިން މި ގޮތަށް ނިންމާފައި ވަނީ ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް ގާއިމްކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ބާޝަން ޗާ ނުވަތަ ތެންގާ ޗާގައި ރެފިއުޖީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއަށް ހުއްދަ ދިން ކޮމިޓީ ޗެއާ ކުރައްވަނީ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އެވެ. އެ ރަށުގައި ރެފިއުޖީން އާބާދު ކުރަން ބަންގްލަދޭޝް އިން ނިންމީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އެއީ މީހުން ދިރިއުޅެން އެކަށީގެންވާ ރަށެއް ނޫނެވެ.

ބަންގްލަދޭޝްގެ ޕްލޭނިން މިނިސްޓަރު މުސްތަފާ ކަމާލް ވިދާޅުވީ ރެފިއުޖީން މިއަންމާ އަށް ގެންދަން ވަގުތު ނަގާނެ ކަމަށާއި އެހެންވެ އެ މީހުން ބޭތިއްބުމަށް ކޮންމެވެސް ތަނެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެއްލައްކަ ރެފިއުޖީން ތިބޭ ގޮތަށް ރަށް ތައްޔާރުކޮށް ނިމޭނީ 2019 ވަނަ އަހަރު އެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އަބުލް ހަސަން މަހްމޫދު އަލީ ވަނީ އަލަށް ހަދާ ރަށަށް ރެފިއުޖީން ބަދަލު ކުރުމުގައި ބައިނަލްއަގުވާމީ ގޮތުން އެހީތެރިވުމަށް އެދިފަ އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުން ބޮޑުވުމުން ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ހަ ލައްކަ އަށް ވުރެ އިތުރެވެ.

ރެފިއުޖީން ބަދަލުކުރާ ރަށަކީ މީގެ 11 އަހަރު ކުރިން ހިކުނު ރަށެކެވެ. ކޮންމެ އަހަރެއްގެ ވެސް ޖޫން-ސެޕްޓެމްބަރު މަހަށް ކުރާ ވިއްސާރައިގައި އެ ރަށުގައި އާއްމުކޮށް ފެންބޮޑުވެ އެވެ.