Roadha Mihaaru
އެންމެ 22 ހަފުތާގައި އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ

އެންމެ 22 ހަފުތާގައި އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ

25 ސެޕްޓެމްބަރ 2017

އިންޑިޔާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި، ނިރްވާން ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ އުފަންވީ ދުވަސްނުފުރާ އެންމެ 22 ހަފުތާގަ އެވެ. މި ކުއްޖާ އަށް 132 ދުވަސް ވަންދެން ނިއޯނެޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ބާއްވައިގެން ފަރުވާ ދިނެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކުއްޖާގެ އާއިލާ އިން ސިފަކުރާ ގޮތުގައި މި ކުއްޖާ ސަލާމަތްވުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިޔާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި، ނިރްވާން ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ އުފަންވީ ދުވަސްނުފުރާ އެންމެ 22 ހަފުތާގަ އެވެ. މި ކުއްޖާ އަށް 132 ދުވަސް ވަންދެން ނިއޯނެޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ބާއްވައިގެން ފަރުވާ ދިނެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކުއްޖާގެ އާއިލާ އިން ސިފަކުރާ ގޮތުގައި މި ކުއްޖާ ސަލާމަތްވުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ނިރްވާނަށް ފަރުވާ ދިނުމުގައި 14 ޑޮކްޓަރުންނާއި 50 ނަރުހުން މަސައްކަތް ކުރި އެވެ. މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު، ބަނޑަށް 22 ހަފުތާގައި މި ކުއްޖާ އުފަންވި އިރު ބަރުދަނުގައި ހުރީ އެންމެ 610 ގްރާމެވެ. ބޮލުގެ ވަށަމިނުގައި ހުރީ 22 ސެންޓި މީޓަރެވެ. އަދި ކުއްޖާގެ އިސްކޮޅުގައި ހުރީ 32 ސެންޓިމީޓަރެވެ.

އުފަންވި އިރު ނިރްވާންގެ ފުއްޕާމޭ ރަނގަޅަށް އުފެދިފައެއް ނުވެ އެވެ. އެހެންވެ ވަގުތުން އޭނާއަށް ވެންޓިލޭޓަރު ގުޅަން ޖެހުނެވެ. އަދި ފުއްޕާމޭގެ މަސައްކަތް ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ އިންޖެކްޝަންތަކެއް ވެސް ޖަހަން ޖެހުނު ކަމަށް ސޫރްޔާ ހޮސްޕިޓަލުގެ ސޫރްޔާ ޗައިލްޑް ކެއާގެ ޑައިރެކްޓަރު ބޫޕެންދުރަ އަވަސްތީ ވިދާޅުވެފައިވެ އެވެ.

އަވަސްތީ ވިދާޅުވި ގޮތުގައި ނިރްވާންގެ ފުރާނައަށް ނުރައްކާވާ ފަދަ ވަރަށް ގިނަ ކަންތައްތައް މެދުވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ވަށައިގެން ވައި އުފެދުމާއި ސިކުނޑިން ލޭ އައުން ފަދަ މައްސަލަތައް ހިމެނެ އެވެ.

"ތުއްތު ކުއްޖާއަށް ނޭވާލުމަށް އެހީތެރިވުމުގެ ގޮތުން މަހެއްހާ ދުވަސް ވަންދެން ސްޓްރޮއިޑް ވެސް ދޭން ޖެހުނު. އަދި ސްޓެރޮއިޑް ފަރުވާ އިން އިންފެކްޝަނާއި ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާތީ އަނެއްކާ އެކަމަށް ވެސް ފަރުވާ ކުރަން ޖެހުނު،" އަވަސްތީ ވިދާޅުވި އެވެ.

މީގެ އިތުރުން ނިރްވާންގެ ގަޔަށް ވަރަށް ގިނަ ފަހަރު ލޭ ވެސް އަޅަން ޖެހުނެވެ. އަދި ލޮލުގެ ލޭޒާ ސާޖަރީއަކާއި ހާނިއާ އޮޕަރޭޝަނެއް ވެސް އެ މުއްދަތުގެ ތެރޭގައި ކުރި އެވެ.

މެޑިކަލް ސައިންސް ބުނަނީ ބަނޑަށް 22 ހަފުތާ އާއި 24 ހަފުތާ އާ ދެމެދު އުފަންވާ ކުދިންނަކީ ދިރިހުރުމުގެ އުންމީދު އެހާ ބޮޑަށް އޮންނަ ކުދިންނެއް ނޫނެވެ. ސަބަބަކީ 22 ހަފުތާގެ ކުރިން މަންމައާ ވަކިން ކުއްޖާއަށް ދުނިޔޭގައި ނޯވެވޭތީ އެވެ.

އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، 22 ހަފުތާގައި އުފަންވާ 40-50 ޕަސެންޓް ކުދިން އުފަންވާއިރު ވެސް އޮންނަނީ މަރުވެފަ އެވެ. އަދި ދިރިހުއްޓާ އުފަން ވިޔަސް ސަލާމަތްވަނީ އެންމެ ފަސް ޕަސެންޓް ކުދިންނެވެ. އަދި މިގޮތަށް ސަލާމަތްވާ ކުދިންނަށް ސީރިއަސް ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭގެ ތެރޭގައި ސެރެބްރަލް ޕަލްސީ އާއި ސިކުނޑީގެ މައްސަލަތައް، ކަންފަތަށް ނީވުން، ލޮލަށް ނުފެނުން އަދި އެޕިލެޕްސީ ފަދަ މައްސަލަތައް ހިމެނެ އެވެ.

އިންޑިއާގައި މިހާތަނަށް އުފަންވި ކުދިންގެ ތެރެއިން 22 ހަފުތާގައި އުފަންވި އެއްވެސް ކުއްޖެއް ސަލާމަތްވި ކަމުގެ އެއްވެސް ރެކޯޑެއް މިހާތަނަކަށް ނެތެވެ. އެހެންވެ ނިރްވާން އަށް ފަރުވާ ދިނުމަކީ ވެސް މި ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދިމާވި ގޮންޖެހުމެކެވެ. ސަބަބަކީ މިއީ މިފަދަ ކުއްޖަކަށް ފަރުވާ ކުރާ ފުރަތަމަ ފަހަރު ކަމަށް ވާތީ ތަޖުރިބާ މަދުވުމެވެ.

ޑޮކްޓަރުން ވިދާޅުވީ ނިރްވާން އުފަންވިތާ ބަރާބަރު ހަ ހަފުތާ ފަހުން ވެންޓިލޭޓަރު ނައްޓާލެވުނު ކަމަށާއި އޭރު ކުއްޖާގެ ބަރުދަނުގައި ކިލޯއެއް ހުރި ކަމަށެވެ. އަދި ކިރު ދީގެން ގެންގުޅެވޭ ވަރު އޭރު ވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ހަ ހަފުތާއަށް ނޭވާ ލައްވަން ހޮޅި ގުޅާފައި ބާއްވަން ޖެހުނެވެ.

މީގެ ކުރިން ސޫރްޔާ ހޮސްޕިޓަލުގައި 24 ހަފުތާގެ ކުއްޖަކަށް ފަރުވާދީ ސަލާމަތް ކޮށްފައިވެ އެވެ.