Roadha Mihaaru
ދަރިފުޅު މަރުނުވާކަން އެނގުނީ ވަޅުލަން އުޅެނިކޮށް

ދަރިފުޅު މަރުނުވާކަން އެނގުނީ ވަޅުލަން އުޅެނިކޮށް

09 އެޕްރީލް 2017

އިންޑިއާގެ ރާޖަސްތާނުގައި ދުވަސްނުފުރާ ވިހޭ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ނިންމައި، ޖަނާޒާ ބާއްވަނިކޮށް ކުއްޖާ މަރުނުވާކަން އެނގިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ރާޖަސްތާނުގައި ދުވަސްނުފުރާ ވިހޭ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ނިންމައި، ޖަނާޒާ ބާއްވަނިކޮށް ކުއްޖާ މަރުނުވާކަން އެނގިއްޖެ އެވެ.

އެންމެ 24 ހަފުތާގައި އުފަންވި މި އަންހެންކުއްޖާގެ ބަރުދަނުގައި ހުރީ 350 ގްރާމެވެ. މި ކުއްޖާ އުފަންވި ފަހުން އެއްވެސް ހަރަކާތެއް ނުކުރާތީ ނިންމީ އެ ކުއްޖާ މަރުވެފައިވާ ކަމަށެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން އެ ކުއްޖާ އާއިލާއާ ހަވާލުކުރި އެވެ.

އިންޑިއާ ޓައިމްސް އިން ބުނި ގޮތުން މި ކުއްޖާ މަރުވިކަމަށް ނިންމާފައި ވަނީ އެ ވަގުތު އެތަނުގައި ތިބި ނަރުހުންނެވެ. ކުއްޖާ ޑޮކްޓަރަކަށް ނުވަތަ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ނުދައްކަ އެވެ.

ކުއްޖާ ވަޅުލަން އުޅެނިކޮށް އެ ކުއްޖާގެ ހިތުގެ ތެޅުން ހުރިކަމާއި ނޭވާލާކަން ޔަގީންވީ ކުއްޖާގެ ތިމާގެ މީހުންނަށެވެ. ވަގުތުން މި ކުއްޖާ އަވަހަށް އަލުން ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ އިންޓެންސިވް ކެއާގައި ފަރުވާ ދެމުންނެވެ.

ކުއްޖާގެ ތިމާގެ މީހަކު ބުނި ގޮތުގައި ވިހެއުމާއެކު ކުއްޖާ މަރުވެފައިވާ ކަމަށާއި ވަޅުލަން ގެންދަން ނަރުހުން ބުންޏެވެ. އެހެންވެ އެމީހުން ކުއްޖާ ގޮވައިގެން ގޮސް ވަޅުލުމުގެ ކަންތައްތައް ކުރަން ފެށީ އެވެ. ނަމަވެސް ވަޅުލަންވެގެން، ކުއްޖާގެ ގައިގައި އޮޅާފައި އޮތް ތުވާލި ނެގި އިރު ކުއްޖާ ނޭވާލާކަން އެނގި އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ހޮސްޕިޓަލުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.