Roadha Mihaaru
އެއް އަހަރު ކުއްޖެއްގެ ބަނޑުން ތިން ކިލޯގެ ކުއްޖެއް

އެއް އަހަރު ކުއްޖެއްގެ ބަނޑުން ތިން ކިލޯގެ ކުއްޖެއް

11 އޯގަސްޓް 2016

އިންޑިއާގެ ޓެމިލް ނާޑޫގެ އެއް އަހަރުގެ ކުއްޖެއްގެ ބަނޑު އާދަޔާ ޚިލާފަށް ފުފި ކައިބޮއި ހަދަން ދަތިވާތީ ޑޮކްޓަރަށް ދެއްކުމުން އެ ކުއްޖާގެ ބަނޑުގައި އޭނާއާ އެއްމާބަނޑު ކުއްޖެއް އޮތްކަން އެނގިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ޓެމިލް ނާޑޫގެ އެއް އަހަރުގެ ކުއްޖެއްގެ ބަނޑު އާދަޔާ ޚިލާފަށް ފުފި ކައިބޮއި ހަދަން ދަތިވާތީ ޑޮކްޓަރަށް ދެއްކުމުން އެ ކުއްޖާގެ ބަނޑުގައި އޭނާއާ އެއްމާބަނޑު ކުއްޖެއް އޮތްކަން އެނގިއްޖެ އެވެ.

މެެއިލް އޮންލައިންގައި ބުނެފައިވާ ގޮތުގައި މި ކުއްޖާގެ ބަނޑުތެރެއިން މަހާއި ކައްޓާއި އިސްތަށި ހުރި 3.5 ކިލޯގެ ބޮޑު ގުޅަވަރެއް ޑޮކްޓަރުންނަށް ފެނުނެވެ. ކުޑަކުއްޖާ އާއި އޭނާގެ ބަނޑުގައި އޮތް ކުއްޖާ ފޫޅުދަނޑީގެ ޒަރިއްޔާއިން ގުޅިފައި އޮތުމުން ކުއްޖާ ކާ ހުރިހާ އެއްޗެއް އޭނާގެ ބަނޑުގައި އޮތް ކުއްޖާ އަށް ވެސް ދިޔައީ ލިބެމުންނެވެ. އެހެންވެ، ކާއެއްޗެއްގެ މާބޮޑު އަސަރެއް، ދިރިހުރި ކުއްޖާ އަށް ނުވެސް ކުރެ އެވެ.

ޑޮކްޓަރުން ބުނަނީ މިއީ "ފީޓަސް-އިން-ފެޓޫ" ކިޔާ މައްސަލައެއް ކަމަށެވެ. މުޅި ދުނިޔޭން ވެސް މިހާތަނަށް ފެނިފައިވަނީ މި ބާވަތުގެ އެންމެ 200 ކޭހެވެ.

ޝްރީ ގަނަޕަތީ ކްރިޝްނާ ހޮސްޕިޓަލުގައި މި ކުއްޖާ އޮޕަރޭޝަންކޮށް އޭނާގެ ބަނޑުގައިވާ ކުއްޖާ މިހާރު ވަނީ ނަގައިފަ އެވެ.

ނިޝާ ނަމަކަށް ކިޔާ މި ކުއްޖާގެ ބަނޑު ސްކޭންކޮށް ބެލުމުން އެ ކުއްޖާގެ ބަނޑުން ފެނުނު އެއްޗަކީ ކޮން އެއްޗެއްކަން ޑޮކްޓަރުންނަށް ވެސް ފުރަތަމަ ނޭނގުނެވެ. އެ މީހުންނަށް ޖެހުނީ އޭގެ ހަގީގަތް ހޯދަން އިތުރަށް ދިރާސާތައް ކުރާށެވެ.

ނިޝާގެ ބަނޑުގައި އޮތް ކުއްޖާ އޮތީ އޭނާގެ ބަނޑުގައި ހުރި ބައެއް ގުނަވަންތަކުގައި ވެސް ތަތްވެފަ އެވެ. މިކަމުގެ ސަބަބުން އެ ކުއްޖާގެ ހެދިބޮޑުވުމަށް ހުރަސްއެޅި އޭނާގެ ހަށިގަނޑަށް ބޭނުންވާ ލެޔާއި ފައިދާހުރި މާއްދާތައް ވެސް އެކަށީގެންވާ ގޮތެއްގައި ސަޕްލައި ނުކޮށްދެ އެވެ.

ނިޝާ އަކީ ވަރަށް ފަގީރު ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ. ނިޝާގެ މަންމަ ބަލިވެ އިނދެ ދުވަސްފުރާ ވިހޭއިރު ވެސް އެންމެ ފަހަރަކު ވެސް ސްކޭނެއް ހަދާފައެއް ނުވެ އެވެ.

ނިޝާ އުފަންވީ ޕުލިއަމްޕަތީ ވިލެޖުގެ ސިއްހީ މަރުކަޒެއްގަ އެވެ. ވިހައިގެން ގެއަށް ދިއުމަށް ފަހު ނިޝާގެ މަންމަ ސުމަތީ އާއި ބައްޕަ ރާޖޫ އަށް އެމީހުންގެ ދަރިފުޅުގެ ބަނޑު އާދަޔާޚިލާފަށް ބޮޑުކަން ފާހަގަކުރެވުނެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ހުރެގެން ދިމާވެފައިވާ ކަމެއްކަން އެމީހުން ހިއެއް ނުކުރެ އެވެ.

ސުމަތީ ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި އޭނާވެސް ކުޑައިރު ހުންނަނީ ވަރަށް ބަނޑު ބޮޑުކޮށެވެ. އެހެންވެ އޭނާގެ ދަރިފުޅު ވެސް އެހެން ހުންނަނީ ކަމަށް ހީކުރީ އެވެ.

ނިޝާގެ ބަނޑުގެ ސްކޭނުން ބަނޑުގައި އޮތް ކުއްޖާ ފާހަގަކޮށްފައި

ނިޝާގެ ބަނޑުގެ ސްކޭނުން ބަނޑުގައި އޮތް ކުއްޖާ ފާހަގަކޮށްފައި

"ފަހުން ދަރިފުޅަށް ނޭވާލާން އުނދަގޫވާން ފެށީ. އަދި އެއްގޮތަކަށް ވެސް ނުކެވެން ފެށީ. އެހެންވެ އެ އަވަށުގައި ހުންނަ ޑޮކްޓަރެއް ކައިރިއަށް ގޮވައިގެން ދިޔައީ،" ސުމަތީ ބުނެފައިވެ އެވެ.

އެ ޑޮކްޓަރު ނިޝާ ބަލާފައި އަވަހަށް ބޮޑު ހޮސްޕިޓަލަކަށް ގެންދަން އިރުޝާދު ދިނެވެ. ޑޮކްޓަރުން ފުރަތަމަ ހީކުރީ ނިޝާގެ ބަނޑުގައި އޮތީ ބޮޑު ޓިއުމަރެއް ކަމަށެވެ. ނަމަވެސް ކައްޓާއި ކެލްސިއަމް ޖަމާވެފައިވާ ތަންތަން ހުރިކަން އެނގުމުން އެއީ ޓިއުމަރެއް ނޫންކަމާއި މިއީ ފީޓަސް-އިން-ފެޓޫ ކިޔާ ހާލަތެއްކަން ޔަގީންވި އެވެ.

ބަނޑުގައި އޮތް ކުއްޖާ ނަގަން ދެ ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރި އެވެ. އޮޕަރޭޝަނުގެ ތެރޭގައި އިތުރު މައްސަލަތައް ކުރިމަތިވި އެވެ. ސަބަބަކީ އޭނާގެ ވާތު ކިޑްނީ އާއި ޕެންކްރިއަސްގެ އެއްބައި އަދި ސްޕްލީން އާއި ކޮލޯން އޭނާގެ ބަނޑުގައި އޮތް ކުއްޖާއާ ގުޅިފައި ވުމެވެ.

އިތުރު ޓެސްޓްތައް ހެދުމަށް، ނިޝާގެ ބަނޑުން ނެގި އެތި މިހާރު ވަނީ ލެބޯޓްރީއަށް ފޮނުވާފަ އެވެ. ޗެންނާއީގެ މަޝްހޫރު ސްކޭން ޑޮކްޓަރެއް ކަމަށްވާ ޑރ. ސުރޭޝް ވިދާޅުވެފައި ވަނީ ނިޝާގެ މަންމަ ބަލިވެ އިން ދުވަސްވަރު ސްކޭން ކުރި ނަމަވެސް ކުއްޖާގެ އެ ހާލަތު އެނގުން އެކަށީގެންނެއް ނުވެ އެވެ. ސަބަބަކީ އޭނާގެ 35 އަހަރުގެ ދިގު ކެރިއަރުގައި ވެސް މިފަދަ ކޭހެއް ފެނިފައި ވަނީ އެންމެ ފަހަރަކު ކަމަށް ވާތީ އެވެ.

ދުނިޔޭގައި މިހާތަނަށް ފެނިފައި ވަނީ މިފަދަ 30-40 ކޭހެވެ.

ނިޝާ: އޮޕަރޭޝަން ކުރަން ތައްޔާރުވެފައި

ނިޝާ: އޮޕަރޭޝަން ކުރަން ތައްޔާރުވެފައި

ޑޮކްޓަރުން ވިދާޅުވީ ބަނޑުގައި އޮތް ކުއްޖާ އަވަހަށް ނުނެގުނު ނަމަ ކުއްޖާގެ ހުރިހާ ގުނަވަންތަކެއްގެ މަސައްކަތް ހުއްޓި ނުވަތަ ހަލާކުވުމުގެ ސަބަބުން ކުއްޖާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.

"އާއްމުކޮށް މިގޮތަށް ދިމާވަނީ ގަރުބަގަތުމަށްފަހު މާ ލަހުން އެމްބްރިޔޯ ދެބައިވުމުން. އެއްމާބަނޑު ދެބެން ލިބެނީ ގަރުބަގަންނަތާ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ދަރިފަނި ދެ ބައި ވުމުން. ނަމަވެސް 14 ދުވަސް ފަހުން ދެ ބައިވެއްޖެ ނަމަ ގުޅިފައިވާ ޓުވިންސާއި ފީޓަސް-އިން-ފެޓޫ އަށް ބަދަލުވޭ،" ޑޮކްޓަރަކު ވިދާޅުވެފައިވެ އެވެ.

އޮޕަރޭޝަނަށް ފަހު ނިޝާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ދުވަސްކޮޅެއް ތެރޭ ގެއަށް ދެވޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ފީޓަސް-އިން-ފެޓޫ އަކީ ކޮބާ؟

ފީޓަސް އިން ފެޓޫ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ސިއްހީ މައްސަލަ އެކެވެ. މިފަދަ މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮންނަނީ އުފަންވާ ކޮންމެ ފަސް މިލިއަން ކުދިންގެ ތެރެއިން އެއް ކުއްޖަކަށެވެ. މި ހާލަތު ދިމާވުމުން، އުފަންވާ ކުއްޖާގެ ހަށިގަނޑުގެ ތެރޭގައި އޭނާގެ އެއްމާބަނޑު ކުއްޖަކު ރަނގަޅަށް ނުއުފެދެވިފައި އޮވެ އެވެ.

މި ފަދަ ހާލަތު މިހާތަނަށް ދިމާވި 80 ޕަސެންޓް ކުދިންގެ އެއްމާބަނޑު ކުއްޖާ އޮންނަނީ އުފަންވާ ކުއްޖާގެ ބަނޑު ތެރޭގަ އެވެ. ނަމަވެސް ބޮލުގެ ނާށިގަނޑުގެ ތެރޭގައި ވެސް ބައެއް ކުދިން އުފެދިފައިވާ ކަމުގެ ރިޕޯޓުތައް އެބަހުއްޓެވެ.