Roadha Mihaaru
ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް ކޫއްޑޫ ތަރައްގީކޮށްފި

ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް ކޫއްޑޫ އެއާޕޯޓް ތަރައްގީކޮށްފި

25 ސެޕްޓެމްބަރ 2017

ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކުރުމަށް ފަހު ކޫއްޑޫ އެއާޕޯޓް މިއަދު އަލުން ރަސްމީކޮށް ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކުރުމަށް ފަހު ކޫއްޑޫ އެއާޕޯޓް މިއަދު އަލުން ރަސްމީކޮށް ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިންގަޕޫރުގެ ބޮނަވިސްޓާ އާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ތެރޭގައި ތަރައްގީކުރި ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ސެޕްޓެމްބަރު 10، 2012ގައި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. އަދި 1،800 މީޓަރުގެ ރަންވޭއަކާ އެކު އެ އެއާޕޯޓް ޖެޓް ޖެއްސޭ ފެންވަރަށް މި ވެރިކަމުގައި އަލުން ތަރައްގީކުރީ ސިންގަޕޫރުގެ ކިއޮންހޮންގް ކޮންސްޓްރަކްޝަން އާއި ރާއްޖޭގެ ރިސޯޓް އެންޑް ހޮޓެލް ކޮންސްޓްރަކްޝަން ކޮމްޕެނީ ގުޅިގެންނެވެ.

ކޫއްޑޫ އެއާޕޯޓް އަލުން ހުޅުވައިދެއްވާނީ މިއަދު ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީނެވެ. މީގެ އިތުރުން އެ އެއާޕޯޓާއެކު އެ ރަށުގައި ހެދި 68 ވިލާ ހިމެނޭ ގޮތަށް ހެދި ރިސޯޓު ވެސް މިރޭ ރަސްމީކޮށް ހުޅުވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޖެޓް ޖެއްސޭ ފެންވަރަށް ތަރައްގީކުރުމަށް ފަހު ކޯޑު ސީ ކެޓަގަރީގެ އެއާޕޯޓެއްގެ ގޮތުގައި ކޫއްޑޫ އަލުން ހުޅުވާއިރު އެ އެއާޕޯޓަށް އެއާބަސް އޭ 320 މަރުކާގެ 180 ޕެސެންޖަރުން އުފުލާ ބޯޓާއި ބޮއިން 737 މަރުކާގެ 190 ޕެސެންޖަރުން އުފުލާ ބޯޓުގެ އިތުރުން ހުރިހާ ކްލާސްއެއްގެ ޕްރައިވެޓް ޖެޓް އެ އެއާޕޯޓަށް ޖެއްސޭނެ އެވެ.

ސަރުކާރާ އެކު ހެދި 25 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ކުއްޔަށް ދިނީ އަހަރަކަށް 24،000 ޑޮލަރު (ގާތްގަނޑަކަށް 370،000ރ.) އަށެވެ.