Roadha Mihaaru
ދާއިމީ ލިސްޓާއެކު އިތުރު 60 މީހަކަށް ފްލެޓް ލިބިއްޖެ

ދާއިމީ ލިސްޓު އާއްމު ކުރިއިރު، އިތުރު 60 މީހަަކަށް ފްލެޓް ކަށަވަރުވެއްޖެ

27 ސެޕްޓެމްބަރ 2017

ހުޅުމާލޭން ދޫކުރާ ފްލެޓްތަކުގެ ފައިނަލް ލިސްޓު އިއްޔެ އާއްމު ކުރިއިރު، އިތުރު 60 މީހަކަށް ފްލެޓް ކަށަވަރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭން ދޫކުރާ ފްލެޓްތަކުގެ ފައިނަލް ލިސްޓު އިއްޔެ އާއްމު ކުރިއިރު، އިތުރު 60 މީހަކަށް ފްލެޓް ކަށަވަރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދާއިމީ ލިސްޓާ އެކު، ކެޓަގަރީ އެކަކުން 36 މީހަކަށް އަލަށް ފްލެޓް ލިބުނު އިރު، ކެޓަގަރީ 2 އިން 24 މީހަކަށް ފްލެޓް ކަށަވަރުވެފައިވާ ކަމަށެވެ.

ލިސްޓަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ދެމަފިރިންނަށް ފްލެޓް ލިބިގެންނެވެ.

މިނިސްޓަރު ވިދާޅުވީ ކެޓަގަރީ އެކަކުން 19 ދެމަފިރިއަކަށް ފްލެޓް ދީފައިވާތީ، އެކަން އިސްލާހުކޮށް، ލިސްޓުން މީހަކު އުނި ނުވާ ގޮތަށް އިތުރު 19 މީހަކަށް އެ ޖާގަ ދީފައިވާ ކަމަށެވެ. ދެމަފިރިންނަށް ފްލެޓް ދީފައިވާތީ ކެޓަގަރީ 2 އިން ފްލެޓެއް ހުސްވެފައި ވެ އެވެ.ު

އެޖާގަތަކަށް މީހުން ހަމަޖައްސާފައިވަނީ ލިބިފައިވާ ޕޮއިންޓްގެ ތަރުތީބުންނެވެ. އެކަމަކު ފްލެޓް ދީފައިވަނީ ކިހާ މަތިން ޕޮއިންޓް ލިބުނު މީހުންނަށްތޯ، ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް މިނިސްޓަރު ޖަވާބެއް ނުދެއްވި އެވެ.

ފްލެޓް ދީފައިވާ ގޮތާމެދު ހުށަހެޅި ޝަކުވާތަކަށް ބަލައި، ޕޮއިންޓު ދީފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދެ ކެޓަގަރީން ވެސް އިތުރު މީހުންނަށް ފްލެޓް ދީފައިވެ އެވެ. އެގޮތުން ކެޓަގަރީ އެކަކުން 16 މީހަކަށް އަދި ކެޓަގަރީ 2 އިން އަށް މީހަކަށް ފްލެޓް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ފްލެޓަށް ހުށަހެޅި 15،000 ފޯމު އަލުން މުރާޖައާކޮށް، ނުކުޅެދުންތެރިކަން ހުންނަ އިތުރު މީހަކަށް ކެޓަގަރީ އެކަކުން ފްލެޓް ދީފައިވާއިރު، އަށް މީހަކަށް ކެޓަގަރީ ދެއަކުން ފްލެޓް ވަނީ ދީފަ އެވެ.

ހުޅުމާލޭން މި ފަހަރު 660 ފްލެޓް ދޫކުރިއިރު އޭގެ ތެރެއިން ނިސްބަތުން ބޮޑު އަދަދެއް، ކޮންމެވެސް ކަހަލަ ނުކުޅެދުމެއް ހުރި މީހުންނަށް ދީފައިވެ އެވެ. އެގޮތުން ކެޓަގަރީ އެކަކުން، އެ ފަދަ 103 މީހަކަށް ފްލެޓް ދީފައިވާއިރު، ކެޓަގަރީ 2 އިން 64 މީހުންނަށް ދީފައި ވެ އެވެ.

މުއިއްޒު ވިދާޅުވީ ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި 2،900 އަށް ވުރެ ގިނަ ޝަކުވާގެ ސިޓީ ލިބިފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓު އެކުލަވާލުމުގައި އެ ހުރިހާ ސިޓީތަކަށް ރިއާޔަތް ކުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ހުރިހާ ސިޓީތަކެއް ވަކިވަކިން ކިޔައި، ކޮންމެ ސިޓީއަކަށް ވެސް ވަކިން ޖަވާބު ފޮނުވިން. މިއަދު އަދި މާދަމާ އޭގެ ޖަވާބު އެ ފަރާތްތަކަށް ލިބޭނެ. ފައިނަލް ލިސްޓު އެކުލަވާލީ، އެ ޝަކުވާތަކަށް ބަލައި، އަޅުގަނޑުމެންގެ އަތުން ދޫވެފައި ކަމެއް އޮތްތޯ ބެލުމަށް ފަހު،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ހުރިހާ އެންމެންނަކީ ވެސް އޭގެ ހައްގުވެރިން ކަމަށާއި އެކަމަކު ފްލެޓް ދީފައިވަނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހު، އޭގެ އެންމެ ހައްގުވެރިންނަށް ކަމަށެވެ. އަދި މި ފަހަރު ފްލެޓް ނުލިބުނު މީހުންނަށް ވެސް އަދި އެއަށް ހައްގުވާ އެހެން މީހުންނަށް ވެސްް، ކުރިމަތިލެވޭ ގޮތަށް އިތުރު ފްލެޓްތައް ވަރަށް އަވަހަށް އަޅާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން ވަނީ މި އަހަރު އިތުރު 7،000 ފްލެޓް އަޅައި އަންނަ އަހަރު، 8،000 ފްލެޓް އަޅާނެކަން އިއުލާން ކޮށްފަ އެވެ.

ފްލެޓްދޫކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ، މަސްއޫލިއްޔަތު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަނީ ހުށަހަޅައިފަ އެވެ.

މުއިއްޒު ވިދާޅުވީ އެ އިދާރާތަކަށް ވެސް އެއްބާރުލުން ދީފައިވާ ކަމަށާއި، މަޖިލީހަށް ވެސް އެކަމާ ގުޅޭ ތަފްސީލުތައް ވެސް ފޮނުވާފައިވާނެ ކަމަށެވެ.

ހުޅުމާލޭން ދޫކުރާ ތިން ކޮޓަރީގެ މި ފްލެޓްތައް ކުއްޔަށް ދޫކުރާ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 25 އަހަރަށް، މަހަކު 6،000 ރުފިޔާ އެވެ. އެއީ ޑައުންޕޭމަންޓްގެ ގޮތުގައި 25،000 ދައްކައިގެންނެވެ.