Roadha Mihaaru
"އަމާންކަން ގާއިމްކުރަން އޮޕަރޭޝަން ވަރުގަދަކޮށްފިން"

އަމާންކަން ގާއިމްކުރަން އޮޕަރޭޝަންތައް ވާނީ ވަރުގަދަކޮށްފައި: މިނިސްޓަރު

30 ސެޕްޓެމްބަރ 2017

ރާއްޖޭގައި ހިންގާ މާރާމާރީތައް ހުއްޓުވައި، އަމާންކަން ގާއިމްކުރުމުގެ އޮޕަރޭޝަންތައް މިހާރު ވަރުގަދަކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ހިންގާ މާރާމާރީތައް ހުއްޓުވައި، އަމާންކަން ގާއިމްކުރުމުގެ އޮޕަރޭޝަންތައް މިހާރު ވަރުގަދަކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ އާއި މާލޭގައި ރޭ މާރާމާރީތަކެއް ހިންގައި، މީހަކު މަރާލައި އަދި އިތުރު މީހަކު ޒަހަމްކޮށްލާފައި ވަނިކޮށް، ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި، ސަރުކާރުގެ ހުރިހާ ވަސީލަތެއް އެކަމަށް ބޭނުން ކުރައްވާނެ ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި އަމާންކަން ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ފުލުހުން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކޮށްފައިވާކަން އޭނާ ފާހަަގަކުރެއްވި އެވެ.

އަޒްލީން ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި މާރާމާރީތައް ހިންގީ ގޭންގުތަކުން ކަމަށެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ހަފުތާއެއްގެ ތެރޭގައި ކުށްވެރިންގެ ފައިގައި ޓެގް އަޅުއްވާނެ ކަމަށް، މިދިޔަ ހޯމަ ދުވަހު އަޒްލީން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ކުރަމުން އަންނަނީ ޓެގް އަޅުވަން ކޯޓު އަމުރު ހޯދައި އެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ރޭގެ މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި، މާލޭގައި މާރާމާރީ ހިންގަން އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހަކު ގެންގުޅުނު ވަޅިތަކާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރޭ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީގައި މަރުވެފައިވަނީ ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، އެވެ.

މިއީ މިދިޔަ ހަފްތާގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވަޅި ހަރައި ޒުވާނަކު މަރާލުމުން އޭގެ ބަދަލު ހިފަން ހިންގި މާރާމާރީތަކެއް ކަމަށްވެ އެވެ.