Roadha Mihaaru
ގޭންގުތަކަށް ހަރުކަށި އަދަބު ދޭ ގޮތަށް ބިލެއް އޭޖީއަށް

ގޭންގު މީހުން ވަޒީފާތަކުން ވަކިކޮށް މަގާމްތަކަށް ނުލެވޭ ގޮތް ހަދައި ހަރުކަށި ބިލެއް ފޮނުވައިފި

14 އޯގަސްޓް 2024

ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައަޅައި އެ ފަރާތްތައް ސަރުކާރުގެ ވަޒީފާތަކުން ވަކި ކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ބިލެއް ސަރުކާރުން ޑްރާފްޓު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައަޅައި އެ ފަރާތްތައް ސަރުކާރުގެ ވަޒީފާތަކުން ވަކި ކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ބިލެއް ސަރުކާރުން ޑްރާފްޓު ކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ގޭންގު ކުށް ހުއްޓުވުމުގެ ބިލުގެ ނަމުގައި ހޯމް މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ބިލުގައި ވަނީ ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަކީ ކޮބައިކަން ކަނޑައަޅައިފަ އެވެ.

ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލުގައި ބުނެފައި ވަނީ ވަކި ސިޓީއެއް، ރަށެއް، ގޯޅިއެއް އަދި ޕާކެއް ފަދަ ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ.

އަދި ބަޔަކު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގައި ގިނަ ވަގުތު ހޭދަ ކުރާ ބަޔަކަށް ކަން ކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބި ކަމަށް އެ މީހުންގެ މެދުގައި ގަބޫލު ކުރާކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ.

އޭގެ އިތުރުން ވަކި ސަރަހައްދަކަށް އާންމުކޮށް ގޮސް އުޅޭ އެކަކަށް ވުރެ ގިނަ މީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކުށުގެ ރެކޯޑު އޮތް ބަޔަކަށް ވުމާއި އެ ސަރަހައްދަކަށް އެއްވެ އުޅޭ ބައެއްގެ ފަރާތުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލުތަކާއި މަސްލަހަތަށް ގެއްލުން ހުރި އަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ.

ގޭންގު މެންބަރެއްގެ ބައެއް ސިފަތައް ކަމުގައި އެ ބިލުގައި ބުނެފައި ވަނީ އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށް ކުރާ ގޭންގުތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވާވުން ހިމެނެ އެވެ.

ގޭންގު ލީޑަރެއް ކަމަށް އެ ގާނޫނުގައި ބުނެފައިވާ ބައެއް ކަންކަމުގެ ތެރޭގައި ގޭންގު ހަރަކާތް ހިންގުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ކަންކަން މެނޭޖުކޮށް ބަލަހައްޓައި ވަކި އަމަލެއް ކުރަން ނުވަތަ ނުކުރަން ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ފަރާތަކަށްވުމެވެ.

ގޭންގެއްގެ އެހެން މެންބަރެއްގެ މައްޗަށް ބާރު ހިންގާ ފަރާތަކަށް ވުމާއި އެ މީހަކީ ގޭންގެއްގެ ލީޑަރެއް ކަމަށް ފުލުހުންގެ ތަހުގީގަކަށް އެއްބަސްވެފައިވާ ފަރާތަކީ ވެސް ގޭންގު ލީޑަރެއް ކަމުގައި ބެލޭނެ ކަމަށް އެ ބިލުގައި ބުނެފައިވާ ކަން އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ބިލުގައި ވަނީ ކުށް ކުރާ ގްރޫޕްތަކުގެ ނަމުގައި ހިންގާ ކްލަބް ޖަމިއްޔާތަކާއި ވިޔަފާރިތައް ހުއްޓުވުމަށް ވެސް މާއްދާތަކެއް ހިމަނާފަ އެވެ. އެގޮތުން ގާނޫނުގެ ދަށުން ކަނޑައަޅާ ގޭންގަކަށް ނުބަތަ އެ ގޭންގެއްގެ ނަން ނުވަތަ ނަމުގެ ބައެއް ވެސް ހިމެނޭ ހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަހުސެއް ރަޖިސްޓްރީ ކޮށްދީގެން ނުވާނެ އެވެ.

އެ ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީން ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތެއް ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ ފަރާތެއް ވަޒީފާ އިން ވަކި ކުރަން ޖެހޭނެ ކަމަށާއި އެއްވެސް ދައުލަތުގެ ވަޒީފާއެއް ދީގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވާ ކަން އެނގިފައިވެ އެވެ.

އޭގެ އިތުރުން އެއްވެސް ފަރާތެއް އިންތިހާބީ މަގާމެއްގައި ހުރި ނަމަ އެ ފަރާތަކީ ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ ތާރީހުން ފެށިގެން، އެ ފަރާތެއް ހުރި މަގާމު ގެއްލުނީ ކަމަށް ބަލަން ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އެއްވެސް އިންތިހާބީ މަގާމަކަށް އެ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ދީގެން ވެސް ނުވާނެ ކަމަށް ބިލުގައި ބުނެފައިވާ ކަން ވަނީ އެނގިފަ އެވެ.

ތަންފީޒީ އިދާރާތަކަށް ލިބޭ ބައެއް ބާރުތައް:

1. ގޭންގު ހަރަކާތެއް ހިންގުމަށް އުޅަނދެއް ބޭނުން ކޮށްފި ނަމަ ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު.

2. ގޭންގެގައި ހިމެނޭ ފަރާތެއް ކުށެއް ކޮށްފާނެ ކަމަށް ބުއްދި އަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބު ހުރެއްޖެ ނަމަ ކޯޓު އަމުރަކާ ނުލައި އެ މީހުން ހައްޔަރު ކުރުމުގެ ބާރު.

3. ކޯޓު އަމުރަކާ ނުލައި މީހުން ބަލާ ފާސް ކުރުމާއި އެ މީހުންގެ ފޮޓޯ ނެގުމުގެ ބާރު.

4. އަމިއްލަ ތަނަކުން ހައްޔަރު ކުރާ ފަރާތްތައް ހުރި ތަނެއްގައި ކުށަކާ ގުޅޭ ހެކި ހުރި ކަމަށް ގަބޫލު ކުރެވޭ ނަމަ ބަލާ ފާސް ކުރުމުގެ ބާރު.

އެނގިފައިވާ ގޮތުގައި، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކީ ގޭންގަކަށް ނުވަތަ ގޭންގު މެންބަރެއްގެ ނަމުގައިވާ އެއްޗެއް ކަމުގައި ނުވިޔަސް ބައެއް ހާލަތްތަކުގައި އެތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ.

އެގޮތުން ވިޔަފާރި ކޮށްގެން ލިބޭ އާމްދަނީން ބައެއް ގޭންގކަށް ނުވަތަ ލީޑަރަށް ލިބުމާއި ވިޔަފާރިން ލިބޭ އާމްދަނީން ޖިނާއީ ކުށް ކުރުމަށް މަގު ފަހި ކުރުމަށް ބޭނުން ކުރާކަން ފުލުހުންގެ އިންޓެލިޖަންސް އަށް މައުލޫމާތު ލިބިފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ކުށް ކޮށްގެން ލިބޭ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތްތައް ވެސް ހިމަނާފައިވާ ކަން ވަނީ އެނގިފަ އެވެ.

އޭގެ އިތުރުން އެ ފަރާތްތަކަށް ގާނޫނުއަސާސީން ލިބިދީފައިވާ ހަނު ހުރުމުގެ ހައްގު ހަނި ކުރުމާއި ކަފާލާތުގެ ދަށުން ދޫނުކުރެވުމާއި ޕޭރޯލްގެ ދަށުން ދޫ ނުކުރެވުމާއި މައާފު ނުވަތަ އަދަބު ލުއި ކޮށް ނުދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކަށް މޮނިކޮން އަމުރު ނެރެ ޓެގު އެޅުވުމާއި ފަރާތްތަކާއި އެ ފަރާތަކާ ގުޅުން އޮންނަ މީހުންނަށް ވެސް އެއް މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޮޑެތި އަދަބުތަކެއް ވެސް ހިމަނާފައިވާ ކަމަށް އެނގިފައިވެ އެވެ.

ގޭންގުތައް ހުއްޓުވުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް

ހޯމް މިނިސްޓަރު އަލީ އިހުސާންއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރައްވާފައިވާ އެންމެ މުހިންމު އެއް ޓާސްކަކީ ގޭންގު ކުށްތައް ހުއްޓުވުމެވެ. އެހެންވެ، މިހާރު އޮންނަ ގާނޫނު ހަރުކަށިކޮށް، އަދަބު ދެވޭނެ ގޮތް ފަސޭހަކުރީ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް އެންމެ އިސްކަންދެއްވާ އެހެން ކަންތައްތަކުގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމުގެ އިތުރުން މަސްތުވާތަކެއްޗާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުން ހިމެނެ އެވެ.

ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އިހުސާން: އޭނާއާ ރައީސް ހަވާލު ކުރެއްވި މައިގަނޑު ތިން ކަމަކީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމައި މަސްތުވާތަކެއްޗާއި ގޭންގު މައްސަލަތަކަށް ހައްލު ހޯދުން.

ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އިހުސާން: އޭނާއާ ރައީސް ހަވާލު ކުރެއްވި މައިގަނޑު ތިން ކަމަކީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމައި މަސްތުވާތަކެއްޗާއި ގޭންގު މައްސަލަތަކަށް ހައްލު ހޯދުން.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިފާ ހިލާފަށް ވިޔަފާރިކުރާ ބިދޭޭސީން ހޯދުމުގެ އޮޕަރޭޝަން މި ސަރުކާރު އައި ފަހުން ވަނީ ފުޅާކޮށްފަ އެވެ. އަދި ބިދޭސީންނާ ގުޅޭ ޖޫރިމަނާ ފީ ނުދައްކާ މީހުންގެ ނަންތައް މި ސަރުކާރުގައި ފުރަތަމަ ފަހަރަށް ވަނީ އާންމުކޮށްފަ އެވެ. ހާހަކަށް ވުރެ ގިނަ ކުންފުނިތައް އެ ލިސްޓުގައި ހިމެނޭއިރު، ލިސްޓު އާންމުކުރިތާ ތިން ހަފުތާވީއިރު 600 މިލިއަން ރުފިޔާގެ ތެރެއިން 182 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދައިފަ އެވެ.

ރާއްޖެ އަށް ވަކި އަދަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ޑްރާފްޓުގައި މިހާރު ވަނީ ހިމަނައިފަ އެވެ. އެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުގެ މަގުމަތީގަ އެވެ.