Roadha Mihaaru
ސެއިންޓް ރެޖިސް ވޮށްމުލި ސެޕްޓެމްބަރު 1 ގައި ހުޅުވަނީ

ސެއިންޓް ރެޖިސް ވޮށްމުލި ސެޕްޓެމްބަރު 1 ގައި ހުޅުވަނީ

01 ޖުލައި 2016

ދ. ވޮށްމުލީގައި ތަރައްގީކުރާ "ސެއިންޓް ރެޖިސް މޯލްޑިވްސް" އަންނަ ސެޕްޓެމްބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދ. ވޮށްމުލީގައި ތަރައްގީކުރާ "ސެއިންޓް ރެޖިސް މޯލްޑިވްސް" އަންނަ ސެޕްޓެމްބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ ސްޓާވުޑްގެ އެންމެ އަގުބޮޑު ބްރޭންޑުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. ސްޓާ ވުޑްގެ ޑަބްލިއު ބްރޭންޑްގެ ރިސޯޓެއް އއ. ފެސްދޫގައި ހިންގަމުންދެ އެވެ. އަދި ކުރީގެ ފުލްމޫންގައި އެ ކުންފުނީގެ ޝެރެޓަން ބްރޭންޑްގެ ރިސޯޓެއް ވެސް ހިންގަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސެއިންޓް ރެޖިސް ބްރޭންޑްގެ 35 ހޮޓާ ހުރެ އެވެ.

ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓްގެ ވިލާއެއް: މިއީ ސްޓާވުޑްގެ ފަރާތުން ރާއްޖޭގައި ހުޅުވާ ތިން ވަނަ ރިސޯޓް.

ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓްގެ ވިލާއެއް: މިއީ ސްޓާވުޑްގެ ފަރާތުން ރާއްޖޭގައި ހުޅުވާ ތިން ވަނަ ރިސޯޓް.

އެންމެ މަތީފެންވަރުގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހެދި ވޮށްމުލީގައި 77 ވިލާ ހުރެ އެވެ. ސިންގަޕޫރުގެ ކުންފުންޏަކުން ޑިޒައިންކުރި އެ ރިސޯޓްގެ މޫދު ވިލާތައް ޑިޒައިންކޮށްފައި ވަނީ މަޑިއެއް ސިފަވާ ގޮތަށެވެ. ސިންގްނޭޗާ ބާ ޑިޒައިންކޮށްފައި ވަނީ ފެހުރިއްސެއް ގޮތަށެވެ. އަދި ސްޕާ ޑިޒައިންކޮށްފައި ވަނީ އިއްސެއް ސިފަވާ ގޮތަށެވެ.

މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓުގައި އެކި ގައުމުތަކުގެ ކެއިންބުއިމުގެ ހިދުމަތް ދޭ ހަ ރެސްޓޯރަންޓް ހުރެ އެވެ. އޭގެ ތެރޭގައި ބިމުއަޑީގައި ހަދާފައިވާ ވައިން ސެލާ ރެސްޓޯރަންޓެއް ވެސް ހިމެނެ އެވެ.

ސެއިންްޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއް: މި ރިސޯޓް އަންނަ ސެޕްޓެމްބަރު މަހު ހުޅުވާނެ.

ސެއިންްޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއް: މި ރިސޯޓް އަންނަ ސެޕްޓެމްބަރު މަހު ހުޅުވާނެ.

ނިއުޔޯކްގައި ސެއިންޓް ރެޖިސް އުފެއްދި ބާނީ ޖޯން ޖޭކަބްގެ ނަމަށް ނިސްބަތްކޮށް ޖޯން ޖޭކަބް އެސްޓާ އެސްޓޭޓް ކިޔާ ވިލާއެއް އެ ރަށުގައި ހުރެ އެވެ. އޭގެ އިތުރުން ރާއްޖޭގައި ހަދާ އެންމެ ބޮޑު ވިލާތައް ވެސް ހުންނަނީ އެ ރަށުގަ އެވެ. 1،540 އަކަމީޓަރު ބޮޑުމިން ހުންނަ ތިން ވިލާގައި ތަފާތު ބައިތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި 92 މީޓަރު ދިގުމިނުގެ ޕޫލަކާއި ލިވިން ރޫމަކާއި މާސްޓާ ބެޑްރޫމެއްގެ އިތުރުން ބަދިގެއަކާއި ސްޕާ ރޫމަކާއި މިނީ ތިއޭޓަރެއްގެ އިތުރުން ފިޓްނަސް އޭރިއާއެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން މޫދާ ގުޅިފައިވާ ގޮތަށް ހަދާފައިވާ ދެ ވިލާގައި ވެސް ޕްރައިވެޓް ޕޫލް ހުރެ އެވެ.

ސެއިންޓް ރެޖިސް ވޮށްމުލީގައި 24 ގަޑިއިރު ބަޓްލާގެ ހިދުމަތް ވެސް ލިބެން ހުރެ އެވެ.